މި ސީޒަނަކީ ދިވެހި ފުޓްބޯޅައަށް ހުރިހާ ގޮތަކުންވެސް ގެއްލުން ލިބުނު ސީޒަނެއް ކަމަށް ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

މިދިޔަ މަހު ކުޅުނު ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތަކަށާއި މި މަހު ކުރީކޮޅުގައި ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސް އަށް ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުމަށް ލީގު އަލުން ފެށިއިރު، ގިނަ ޓީމުތަކެއް އޮތީ ވަރަށް ހާލު ދެރަކޮށެވެ. އެގޮތުން ގިނަ ޓީމުތަކަށް ރަނގަޅަށް ފަރިތަކުރުންތައް ކުރިއަށް ގެންދެވިފައިނުވާއިރު، މުސާރަ ނުދޭތީއާއެކު ގިނަ ކުޅުންތެރިން އަންނަނީ ރަށްރަށުގައި ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތްތަކުގައި ކުޅެމުންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިލަންދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސުޒޭން ބުނީ އަދިވެސް ގްރީންގެ ހާލަތު ރަނގަޅު ނުވާ ކަމަށާއި، އެގޮތުން ބައެއް ބޭރު ކުޅުންތެރިންގެވެސް ނިންމަން ޖެހޭ ބައެއް ކަންތައްތައް ނުނިމި އޮތުމުން އެ ކުޅުންތެރިންވެސް ފަރިތަކުރުންތަކުގައި ބައިވެރިނުވާ ކަމަށެވެ.

ސުޒޭން ބުނީ ލީގަށް ބަލާއިރު މާޒިޔާ ފިޔަވައި ހުރިހާ ޓީމެއްވެސް އޮތީ ދަށް ހާލެއްގައި ކަމަށާއި، އަންނަ އަހަރުގެ އޭއެފްސީ ކަޕްގައި ވާދަކުރާ ދެ ޓީމު ކަމަށްވާ މާޒިޔާ އާއި ޓީސީއަށް ރަނގަޅު ސީޒަނެއް ކުޅެލަން ލިބުނުނަމަ، އެ ދެޓީމަށްވެސް ރަނގަޅުވާނެ ކަމަށާއި، އެކަމަކު މިފަހަރުގެ ސީޒަނަކީ ދިވެހި ފުޓްބޯޅައަށް ހުރިހާ ގޮތަކުންވެސް ގެއްލުން ލިބުނު ސީޒަނެއް ކަމަށެވެ. އެކަމަކު ބޮޑެތި ބްރޭކުތަކެއްވެސް ނަގަން ޖެހުމުން މި ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ހިންގުމަކީވެސް ވަރަށް އުނދަގޫވާނެ ކަމެއް ކަމަށްވެސް ބުންޏެވެ.

ލީގުގައި މިއަދު ހަވީރު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނަ ނިލަންދޫ ސްޕޯޓްސް ކްލަބުގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދަމުން އަންނަ ކަމަށާއި، މުޅި ފުޓްބޯޅައިގައި މިއޮތީ "ފާރު އަޅާފައި" ކަމަށެވެ.

އަދި މިހާރު ލީގުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން، ހަތަރު ބިދޭސީ ކުޅުންތެރިން ތިބި ހަމައެކަނި ޓީމަކީ ނިލަންދޫ ކަމަށްވިޔަސް، މިހާރު އޮތް ހާލަތުން އެއީ ޓީމަށް ލިބޭނެ ފައިދާއެއް ނޫން ކަމަށާއި، އެކަމަކު ފުޓްބޯޅައިގެ ހާލަތު ރަނގަޅު ނަމަ، މިހާރު އޮތް ސްކޮޑާއެކު ނިލަންދޫއަކީވެސް ލީގުގައި ރަނގަޅު ވާދައެއް ކުރެވޭނެ ޓީމެއް ކަމަށްވެސް ފެސްކޯ ބުންޏެވެ.

ލީގުގައި މިއަދު ހަވީރު ގްރީން އާއި ނިލަންދޫ ބައްދަލުކުރާއިރު، ފުރަތަމަ ބުރުގައި ކުޅުނު މެޗުން ގްރީން ވަނީ 6-0 އިން ނިލަންދޫ ބަލިކޮށްފައެވެ. މިއަދު ހަވީރު 16:00 ގައި ގްރީން އާއި ނިލަނދޫ ބައްދަލުކުރާ މެޗު ވީޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.