ރަށްރަށުގައި ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތްތަކަށް ކުޅުންތެރިން ދާންވެސް ޖެހޭ ކަމަށާއި، އެ ފުރުސަތު ދެވެން އޮންނަ ކުޅުންތެރިން އަބަދުވެސް ފޮނުވާނެ ކަމަށް ކްލަބު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

މިފަހަރު މުޅިން އަލަށް ރާއްޖޭގެ ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށަން ނިންމުމުން ގިނަ ކްލަބުތަކަށް ވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ބޮޑު ޗުއްޓީއާ ދިމާކޮށް ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހު އެކި ރަށްރަށުގައި ފުޓްބޯޅަ މުބާރާތްތައް ބާއްވާއިރު، ފުރަތަމަ ޑިވިޝަނުގެ ގިނަ ކުޅުންތެރިން މީގެ ކުރިންވެސް އަންނަނީ އެ މުބާރާތްތަކުގައި ކުޅެމުންނެވެ. މީގެ ކުރިން ޑިސެމްބަރު މަހަށް ލީގުގެ ކުޅުން ނިމިފައި އޮންނާތީއާއެކު، ގިނަ ކުޅުންތެރިން ޗުއްޓީ ހޭދަކުރުމުގެ ގޮތުން އެ މުބާރާތްތަކުގައި ވާދަކުރެއެވެ. ނަމަވެސް މިފަހަރުގެ ސީޒަނުގެ ކުޅުން ޑިސެމްބަރު މަހުވެސް ކުރިއަށްދާތީއާއެކު ކްލަބުތަކަށް ކުޅުންތެރިން ހަމަކޮށްގެން ފަރިތަކުރުންތައް ކުރިއަށް ގެންދަންވެސް ވަނީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބު އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރާ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ ރަށްރަށުގައި ބާއްވަމުން އަންނަ މުބާރާތްތަކަށް ކުޅުންތެރިން ދާންވެސް ޖެހޭ ކަމަށާއި، އެ ފުރުސަތު ދެވެން އޮންނަ ކުޅުންތެރިން އަބަދުވެސް ފޮނުވާނެ ކަމަށެވެ. އެއީ އެ މުބާރާތްތަކީ ރަށްރަށުން މޮޅެތި ކުޅުންތެރިން ފެނިގެން ފުރަތަމަ ޑިވިޝަނަށް އެ ކުޅުންތެރިން ގެންނަން މަގުފަހިވާ މުބާރާތްތައް ކަމަށާއި އެހެންކަމުން އެ މުބާރާތްތަކުގައި މޮޅެތި ކުޅުންތެރިން ކުޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ބުންޏެވެ.

ޔޫވީގެ ކޯޗު މުހައްމަދު އާދަމް ބުނީ ޑިސެމްބަރު މަހު ސީޒަން ކުރިއަށް ގެންދިޔުމަކީ ދިވެހި ފުޓްބޯޅައަށް ފައިދާ ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ބޭރުގެ ލީގުތައް ކުރިއަށްދާ ގޮތަށް ނުބަލައި، ދިވެހި ފުޓްބޯޅަ ދިވެހި ވަންތަކޮށް ކުރިއަށް ގެންދިޔުމަށް ވިސްނަން ޖެހޭ ކަމަށްވެސް ބުންޏެވެ. އޭނާ ބުނީ ޔޫވީއަކީ ކުޅުންތެރިންނަށް ބަރާބަރަށް މުސާރަ ދެމުން އަންނަ ޓީމެއް ކަމުން، އެ ޓީމުގެ ކުޅުންތެރިންނަށް ރަށްރަށުގައި ބާއްވަމުން އަންނަ މުބާރާތްތަކުގައި ވާދަކުރަން ނުދެވޭ ކަމަށާއި، އެކަމަކުވެސް ޗުއްޓީގައި އެ ކުޅުންެތެރިން ގެންގުޅޭތީއާއެކު އެ ކުޅުންތެރިންގެ 100 އިންސައްތަ އެޓީމަށް ނުލިބޭ ކަމަށެވެ.

ލީގުގައި މިރޭ އީގަލްސް އާއި ޔޫވީ ބައްދަލުކުރާއިރު، ފުރަތަމަ ބުރުގައި މި ދެޓީމު ކުޅުނު މެޗު ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ. މިރޭ އީގަލްސް އާއި ޔޫވީ ބައްދަލުކުރާ މެޗު ފަށާނީ ރޭގަނޑު 21:00 ގައެވެ.