ކޭސް މެނޭޖްމެންޓް ސިސްޓަމްގެ ސޮފްޓްވެއައެއް ތައްޔާރުކުރަން އެޓާނީ ޖެނެރަލް އޮފީހުން ހަވާލު ކުރި މަސައްކަތް ނިންމާފައި ނުވާތީ، އެ މަސައްކަތަށް ހަރަދުކުރި ބައިލައްކައަށްވުރެ ގިނަ ޑޮރަލުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިއަދު ބުނީ، އެ އޮފީހުގެ ކޭސް މެނޭޖްމެންޓް ސިސްޓަމްގެ ސޮފްޓްވެއައެއް ތައްޔާރުކުރުމަށް "ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏާއި ހަވާލުކުރި މަސައްކަތް ނިންމަން ކަނޑައެޅި މުއްދަތުގައި ނިންމާފައި ނުވާތީ އާއި ޕްރޮޕޯސަލްގެ ސްޕެސިފިކޭޝަން އާއި އެއްގޮތަށް ސޮފްޓްވެއަރ ތައްޔާރުކޮށްދީފައި ނުވާތީ، އެ މަސައްކަތަށް ހަަރަދުކުރި ފައިސާ ހޯދަން ދައުވާކޮށްފައިވާނެ ކަމަށެވެ.

އެގޮތުން އެ މަސައްކަތުގެ އަގުގެ ގޮތުގައި ދެއްކި 53،826.50 (ފަންސާސް ތިންހާސް އަށްސަޓޭކަ ސައްބީސް ޔޫއެސް ޑޮލަރު އަށްޑިހަ ސެންޓް) ހޯދަން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އެޖީ އޮފީހުން ބުނާ ގޮތުގައި އެ ކުންފުނިން އެ އޮފީހަށް ޕްރޮޕޯސަލް ހުށަހެޅީ 21 ޖޫން 2017 ގަ އެވެ.

އޭޖީ އޮފީހުން ބުނީ، އެ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްގެ މަސައްކަތައްްވާ ފައިސާ ހަމަޖައްސައިދިނުމަށް އެ އޮފީހުން 29 އޮގަސްޓް 2017 ގައި ޓްއަރިޒަމް މިނިސްޓްރީގައި އެދުމުން، ސީއެސްއާރް ޕްރޮޖެކްޓެއްގެ ގޮތުގައި މޯލްޑިވުސް އިންޓަރގްްރޭޓެޑް ޓްއަރިޒަމް ޑިވޮލޮޕްމަންޓް (އެމް.އައި.ޓީ.ޑީސީ) އިން އެ މަސައްކަތުގެ އަގައްވާ ފައިސާ އެއްފަހަރާ އެ ކުންފުންޏަށް ދައްކާފައިވާ ކަމަށެވެ. އަދި އެ ފައިސާ އެއްފަހަރާ ދައްކާފައި ވަނީ ވަކި މުއްދަތުތަކަކަށް ބަހާލައިގެން އެ ފައިސާ ދެއްކުމަށް ޕްރޮޕޯސަލްގައި އެއްބަސްވެފައި ވަނިކޮށް 21 ޑިސެންބަރ 2017 ގައި ކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.

އޭޖީ އޮފީހުން ބުނީ އެ ކުންފުނިންް މަސައްކަަތާއިި ހަވާލުވީ 4 މަސް ދުވަހުގެތެރޭގައި ނިންމާގޮތަށް ކަމަށާއި، ނަމަވެސް އެ މުއްްދަތަށް ނުނިމި ދިގުލައިގެން މަސައްކަތް ނިންމުމަށް އެކި ފަހަރުމަތިން މުއްދަތު އިތުރުކޮށްދިން ކަމަށްވެސް އޭޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ. އަދި މަސައްކަތް ނިންމާ ހަވާލުކުރަންޖެހޭ އެންމެ ފަހުގެ ތާރީހުކަމުގައިވާ 25 ޖުލައި 2019 އަށްވެސް ޕްރޮޕޯސަލް އާއި އެއްގޮތަށް މަސައްކަތް ނުނިމުނު ކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.

އެހެންކަމުން އެމަސައްކަތް އެ ކުންފުންޏަށް ފުރިހަމަ ނުކުރެވުމުން، އެކަމަށް ހަރަދުވި ފައިސާ ކަމުގައިވާ 53،826.50 (ފަންސާސް ތިންހާސް އަށްސަޓޭކަ ސައްބީސް ޔޫއެސް ޑޮލަރާއި އަށްޑިހަ ސެންޓް) ދައުލަތަށް ދެއްކުމަށް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރައް އެ މުއާމަަލާތާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި ތަހުގީގުކޮށްދިނުމަސްވެސް، އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށްވެސް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.