ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ނިލަންދޫ ސްޕޯޓްސް ކްލަބުން 4-2 އިން ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ގްރީންއަށް ވަނީ ލީޑު ނެގުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ. މެޗުގެ ދެވަނަ މިނެޓުގައި އޭރިއާ ތެރެއިން ނިލަންދޫގެ ކެޕްޓަން ފަރުހާދު އިސްމާޢީލް (ފަރޭ) ގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ގްރީންއަށް ޕެނަލްޓީއެއް ދިން ނަމަވެސް، މުހައްމަދު އުމެއިރު ފޮނުވާލި ޕެނަލްޓީ ގޯލްކީޕަރު އިސްމާއިލް ޝަފީއު ވަނީ މަތަކޮށްފައެވެ.

އޭގެ ފަހުން ނިލަނދޫން މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 18 ވަނަ މިނެޓުގައި ޓޮޝީކީ އޮކަމޯޓޯގެ ގޯލުން ނިލަންދޫން ވަނީ ލީޑު ނަގާފައެވެ. އެކަމަކު 32 ވަނަ މިނެޓުގައި އުމެއިރު ދިން ޕާހަކުން އަހުމަދު ރަޝީދު (އައްމަޑޭ) ވަނީ ގްރީންއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގައި ނިލަންދޫން ދެވަނަ ފަހަރަށް ލީޑު ނެގީ 35 ވަނަ މިނެޓުގައި ބިދޭސީ ފޯވާޑް ލޫކަސް ކާމިޔާބުކުރި ގޯލުންނެވެ. އޭނާ މި ގޯލް ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލޫކަސް ވަނީ ނިލަންދުއަށް ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފު ބަދަލަކާއެކު ގްރީނުން ފެށިއިރު، މެޗުގެ 51 ވަނަ މިނެޓުގައި އެޓީމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. މުހައްމަދު އާރިފް (ބަކާ) ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ނިލަންދޫގެ ކުޅުންތެރިޔެއްގެ ގައިގައި ޖެހިފައެވެ. ނިލަންދޫން މެޗުގައި އަނެއްކާވެސް ލީޑު ފުޅާކުރީ މެޗުގެ 77 ވަނަ މިނެޓުގައި ލޫކަސް ދިން ބޯޅައަކުން ޓޮޝީކީ ކާމިޔާބުކުރި ގޯލުންނެވެ.

މެޗަށްފަހު ގްރީންގެ ކޯޗު އަލީ ސުޒޭން ބުނީ މި މެޗުން ނިލަންދުއަށް ލިބުނީ ހައްގު މޮޅެއް ކަމަށާއި، އެޓީމުން މުޅި މެޗުގައިވެސް ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. ނިލަންދޫގެ މެނޭޖަރު އިބްރާހީމް އަހުމަދު ބުނީ މިއަދުގެ މެޗުން މޮޅުންތެރިންގެ ހިތްވަރުން ކަމަށެވެ. އެގޮތުން މިއަދުގެ މެޗަށް ޓީމުވެސް ހަމަކުރެވުނީ ވަރަށް ހާލުން ކަމަށާއި، ނަމަވެސް މެޗުގައި ކުޅުންތެރިން ދެއްކި ހިތްވަރާއެކު މި ލިބުނު މޮޅަކީ ވަރަށް މުހިންމު މޮޅެއް ކަމަށްވެސް ބުންޏެވެ.

ގްރީން އަތުން ނިލަންދޫ މޮޅުވިއިރު، މިއީ މިފަހަރުގެ ސީޒަނުގައި ނިލަންދޫން މޮޅުވި ހަތަރުވަނަ މެޗެވެ. އަދި މިއަދުގެ މޮޅާއެކު ނިލަންދޫ ވަނީ ތާވަލުގެ ހަތްވަނައަށް ޖެހިލާފައެވެ. 14 މެޗުން 13 ޕޮއިންޓު ނިލަންދޫން ހަމަކޮށްފައިވާއިރު، ތާވަލުގެ އަށްވަނައަށް ވެއްޓުނު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް 13 މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.