ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް، ކްލަބު އީގަލްސްއިން ތާވަލުގެ ދެވަނައަށް ޖެހިލައިފި އެވެ.

ލީގުގައި މިރޭ ކުޅުނު މެޗުން ޔޫވީ އަތުން އީގަލްސް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޔޫވީއަށް އީގަލްސްގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. އޭގެ ބަދަލު އީގަލްސްއިން ވަނީ މި ހާފުގައި ޔޫވީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން 12 ވަނަ މިނެޓުގައި އީގަލްސްގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު ސެންޓޭ ފޮނުވާލި ހަމަލާ ޔޫވީގެ ގޯލްކީޕަރު ތޮލާލް ހަސަން ވަނީ ދިފާއުކޮށްފައެވެ.

އޭގެ ފަހުން 32 ވަނަ މިނެޓުގައި ސެންޓޭ ހިލޭ ޖެހުމަކުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.

ދެވަނަ ހާފުގައި ޔޫވީން ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން އަށްވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އަލީ ހައިސަމް (ޗުމްޕު) އަށް ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެކަމަކު އޭރިާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި މެޗުގައި އީގަލްސްއިން ލީޑު ނެގީ 71 ވަނަ މިނެޓުގައެވެ. އިބްރާހީމް އިމްރާން ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތުމުން ހަސަން ރާއިފް އަހުމަދު (ހަންނަ) ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އޭގެ ފަހުންވެސް މި މެޗުގައި ލީޑު ފުޅާކުރުމަށް އީގަލްސްއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެކަމަކު ހުހަށްހުރެ އަރީން އަބްދުﷲ އާއި އަހުމަދު ރިޒުވާން (ރިޒޭ) ފޮނުވާލި ހަމަލާތައް ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މެޗަށްފަހު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މިރޭގެ މެޗުގައި ކުޅުންތެރިންގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ފެނިގެންދިޔަ ކަމަށެވެ. އެގޮތުން ކުޅުންތެރިންގެ މަސައްކަތު ރޭޓު މިރޭގެ މެޗުގައި ވަރަށް ރަނގަޅު ކަމަށްވެސް ބުންޏެވެ. ޔޫވީގެ ކޯޗު މުހައްމަދު އާދަމް ބުނީ މިރޭގެ މެޗުން ބަލިވި ނަމަވެސް، ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ. އަދި އެޓީމުން މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިއިރު، މި މެޗުން އެޓީމު ބަލިވީ ނަސީބުދެރަ ކަމުން ކަމަށްވެސް ބުންޏެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އީގަލްސް ތާވަލުގެ ދެވަނައަށް ޖެހިލީ 13 މެޗުން 24 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި އޮތް މާޒިޔާއަށް 14 މެޗުން ވަނީ 35 ޕޮއިންޓު ލިބިފައެވެ. އަދި މިރޭގެ މެޗުން ބަލިވި ޔޫވީ އޮތީ ފުލުން ދެވަނައިގައި 14 މެޗުން 12 ޕޮއިންޓާއެކު އެވެ.