ޓީސީ ސްޕޯޓްސް ކްލަބުގެ ހާލަތު ކުރިއަށްވުރެން މާ ބޮޑުތަނުންވެސް މިހާރު ރަނގަޅު ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ ބުނެފިއެވެ.

ޓީސީގެ ކޯޗުގެ މަގާމާ ހަވާލުވުމަށްފަހު ޝާޒްލީ މީގެ ކުރިން ބުނެފައިވަނީ ޓީސީއާ ހަވާލުވީ އެޓީމު މިހާރު އޮތް ހާލަތު ދަނެގެން ކަމަށާއި، އޭނާގެ ޓާގެޓަކީ އޭއެފްސީ ކަޕްގައި ޓީސީއާއެކު ރަނގަޅު ނަތީޖާއެއް ނެރުން ކަމަށެވެ. ޓީސީ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ނުދެވޭތީއާއެކު އެޓީމުން މީގެ ކުރިން ފަރިތަކުރުންތައް ކުރިއަށް ނުގެންދަން ނިންމި ނަމަވެސް، ފަހަކަށް އައިސް އެޓީމުން ވަނީ ކޮންމެވެސް ވަރަކަށް ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

ޓީސީއާ ޝާޒްލީ ހަވާލުވުމަށްފަހު ލީގުގައި އެޓީމުން ކުޅުނު ދެ މެޗުންވެސް ވަނީ މޮޅުވެފައެވެ.

ލީގުގައި މިރޭ ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ޝާޒްލީ ބުޏި މިރޭގެ މެޗަށް ނުކުންނާނީ މާޒިޔާއަކީ ވަރުގަދަ ތީމެއްކަން ދަނެގެން ކަމަށާއި، އެކަމަކު މި މެޗުން ޓީސީއަށްވެސް ފުރުސަތު އެބައޮތް ކަމަށެވެ. އަދި ޓީމުގެ ފަރިތަކުރުންތައް ރަނގަޅަށް ނުގެންދެވުނު ނަމަވެސް، މި މެޗާ ކުރިމަތިލާއިރު، ޓީސީ ޓީމުގެ ރޫހު ކުރިއަށްވުރެ ރަނގަޅު ކަމަށާއި، އެޓީމުގެ ހާލަތު މިހާރު ވަރަށް ބޮޑުތަނުން ރަނގަޅުވެފައިވާ ކަމަށްވެސް ޝާޒްލީ ބުންޏެވެ.

މިރޭގެ މެޗުގެ ކުރިން މާޒިޔާގެ ކޯޗު މަރުޖާން ސްކުލޮސްކީ ބުނީ ބްރޭކަށްފަހު ޓީސީން ކުޅުނު ދެ މެޗުގައިވެސް އެޓީމުން މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި، ޓީސީއަކީ މިހާރުގެ ގައުމީ ޓީމާއި ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިންތަކެއް ހިމެނޭ ވަރުގަދަ ޓީމެއް ކަމަށެވެ. އެކަމަކު މާޒިޔާއިން އަބަދުވެސް މަސައްކަތްކުރާނީ އިދިކޮޅު ޓީމު އަތުން ތިން ޕޮއިންޓު ހޯދުމަށް ކަމަށާއި، މިރޭގެ މެޗުގައިވެސް މާޒިޔާގެ ކުޅުންތެރިންގެ 100 އިންސައްތަ ނެރެވޭތޯ މަސައްކަތް ކުރާނެ ކަމަށްވެސް ބުންޏެވެ.

މިރޭގެ މެޗުން މޮޅުވެގެން ތާވަލުގެ ދެވަނައަށް އެރުމުގެ ފުރުސަތު ޓީސީއަށް އެބައޮތެވެ. އަދި މިރޭގެ މެޗުން މާޒިޔާ ބަލިވެއްޖެނަމަ، އެޓީމުގެ ލީޑު 10 ޕޮއިންޓަށް ކުޑަވާނެއެވެ.

ލީގުގެ ފުރަތަމަ ބުރުގައި މި ދެޓީމު ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރީ މާޒިޔާއިންނެވެ. މިރޭ މާޒިޔާ އާއި ޓީސީ ބައްދަލުކުރާ މެޗު ފަށާނީ ރޭގަނޑު 21:00 ގައެވެ.