މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ބޭނުންހިފާ ނޫސްވެރިންނަށާއި އިދާރާތަކަށް ރައިޓު ޓު އިންފޮމޭޝަން (އާރުޓީއައި) އެވޯޑުގެ ނަމުގައި ޚާއްސަ އެވޯޑެއް ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންނަ އަހަރު ކުރުމަށް ނިންމާފައިވާ ކަންކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ގެންދަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ދާއިރާއިން "ރަންވަނަ" ގެ ނަމުގައި އެވޯޑެއް ދެމުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ މިނިވަން މުއައްސަސާތަކާއި ޔުނީފޯމު އެޅި މުއައްސަސާތަކާއި މިނިސްޓްރީތައް ފަދަ ތަންތަން ކަމަށެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން މި އެވޯޑު ވަރަށް ބޮޑަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ނޫސްވެރިންނަށް ޚާއްސަ އެވޯޑެއް ދެވޭނެ ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ މި އެވޯޑު ދޭނެ އުސޫލު ޖެނުއަރީ މަހުގެތެރޭ އިއުލާންކުރާނެ ކަމަށާއި ނޫސްވެރިންނަށް އެވޯޑު ދޭނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބުނާ ފޯމު ބޭނުންކޮށްގެން މައުލޫމާތު ހޯދައި، އޭގެ މައްޗަށް ބިނާކޮށް ލިޔާ ނޫސްވެރިންނަށާއި ނޫސް އިދާރާތަކަށް ކަމަށެވެ. މި އެވޯޑު ދިނުމުގައި ނޫސްވެރިން ލިޔާ ހުރިހާ ލިޔުމެއް ނުބަލާނެ ކަމަށާއި އެވޯޑު ލިބޭނީ ހަމައެކަނި މައުލޫމާތު ހޯދައި ލިބިގަތުމުގެ ފޯމު ބޭނުންކޮށްގެން ހޯދާ މައުލޫމާތެއްގެ މައްޗަށް ލިޔާ ލިޔުމެއް، ތައްޔާރުކޮށްފައިވާ ވީޑިއޯއެއް، ނުވަތަ ކޮންޓެންޓެއް ބެލުމަށްފަހު އެއަށް މާކްސްދޭ އުސޫލުން ކަމަށެވެ.
މީގެ އިތުރަށް ޖަމްއިއްޔާ ޖަމާއަތްތަކަކީ ވެސް އެ އޮފީހުގެ މެންޑޭޓުގައި ހިމެނޭ ބައެއްކަން ފާހަގަކުރައްވައި ފިޔާޒު ވިދާޅުވީ އެފަރާތްތަކުން ވެސް މިކަން ޕްރޮމޯޓްކުރާ މިންވަރު ދެނެގަތުމަށްފަހު އެންމެ ރަގަޅަށް މަސައްކަތް ކުރި ޖަމްއިއްޔާއެއްވެސް 2020 ވަނަ އަހަރު ހޮވާނެ ކަމަށެވެ. މިގޮތުން 2020 ވަނަ އަހަރު ޖުމުލަ 10 އެވޯޑެއް ދޭން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ދައުލަތުގެ އިދާރާތަކަށް ޚާއްސަކޮށްފައިވަނީ 6 އެވޯޑެެކެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ރައީސް އޮފީހާއި ސަރުކާރުގެ ވުޒާރާތައް
- މަތީ ގިންތީގެ ކޯޓުތައް
- ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ މިނިވަން މުއައްސަސާތައް
- ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ޔުނީފޯމު އެޅި މުއައްސަސާތައް
- ދައުލަތުގެ ކުންފުނިތައް
މީގެ އިތުރަށް ދޭ އެވޯޑުތަކަކީ:
- އެންމެ ރަގަޅު ނޫސްވެރިޔާ
- އެންމެ ރަގަޅު ނޫސް އިދާރާ
- އެންމެ ރަގަޅު ޖަމްއިއްޔާ ޖަމާއަތް
- އެންމެ ރަގަޅު އިންފޮމޭޝަން އޮފިސަރު
ފިޔާޒު ވިދާޅުވީ އެވޯޑު ދޭނީ ސެޕްޓެމްބަރު 28 ގައި ފާހަގަކުރާ މައުލޫމާތު ހޯދާ ލިބިގަތުމުގެ ދުވަހުގެ ޖަލްސާގައި ކަމަށެވެ. މިއަހަރު އެވޯޑު ނުދެވޭ ކަމަށާއި 2020 ގެ އެވޯޑުގެ މުއްދަތު ގުނާނީ ޖެނުއަރީ އެކަކުން ފެށިގެން ކަމަށެވެ. އެހެންކަމުން މި އެވޯޑަށް ހުރިހާ ފަރާތްތަކުން ވެސް ތައްޔާރުވުމަށް އިންފޮމޭޝަން ކޮމިޝަނަރު ވަނީ އިލްތިމާސްކުރައްވާފައެވެ.