ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތުގެ ގާނޫނު 2009 ވަނަ އަހަރު ވުޖޫދުކުރެވުނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި މީހަކު، ކުށްވެރިނުވެ ގާނޫނީ ހަމަތަކުގެ މަތިން އެ މަގާމުން ވަކިވެއްޖެނަމަ، ދައުލަތުގެ އެންމެ މަތީ ވެރިކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ އިއްޒަތާއި ގަދަރާއި އެކަށީގެންވާ ރައްކާތެރިކަމާއި މާލީ އިނާޔަތާއި އެހެނިހެން އިނާޔަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާކަން އެއްދައުރު ކޮށްފައިވާ މީހަކަށް މަހަކު 50،000 ރުފިޔާ އަދި އެއްދައުރަށްވުރެ ގިނަ ދައުރު ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާނަމަ، 75،000 ރުފިޔާ މާލީ އިނާޔަތުގެ ގޮތުގައި ދިނުމަށް ގާނޫނުގައި ވަނީ ހިމަނާފައެވެ. މީގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު ދިރިއުޅޭނެ ތަނަކަށް ހިނގާނެ އެންމެހާ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50،000 ރުފިޔާއާ ހަމައަށް ދައުލަތުން ހަމަޖައްސައިދިނުމަށް ވެސް މި ގާނޫނުގައި ވަނީ ލާޒިމުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު -/50،000 (ފަންސާސް ހާސް) ރުފިޔާ ދައުލަތުން ދޭންވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަން އެއްދައުރަށްވުރެ ގިނަ ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މީހަކަށް -/75،000 (ފަންސަހަތްތަރި ހާސް) ރުފިޔާ ދައުލަތުން ދޭންވާނެއެވެ.
ގާނޫނުގެ 3 ވަނަ މާއްދާގެ (ހ)

ރައީސް ނަޝީދުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ގާނޫނަށް ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ބަދަލުގެނެސްފައެވެ. 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭ ގެނެވުނު މި ބަދަލުގައި ވަނީ މި ގާނޫނު އައުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު، އޭނަ މަގާމުގައި ހުރިއިރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާނަމަ، އެވަގުތުން ފެށިގެން އޭނައަށާއި އޭނަގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ވެސް ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ސަރުކާރަށް ހޯދައިގެން ގާނޫނަށް ގެނައި މި ބަދަލުގެ އެންމެ ބޮޑު އަމާޒަކަށްވީ އޭރުވީ ރައީސް ނަޝީދެވެ. ގާނޫނަށް ބަދަލުގެނައުމާ ހަމައަށް ރައީސް ނަޝީދަށް އިނާޔަތް ލިބިވަޑައިގަތް ނަމަވެސް، 2015 ވަނަ އަހަރު އެމަނިކުފާނަށް 13 އަހަރުގެ ޖަލުހުކުމެއް އިއްވާފައި ވުމުން، ގާނޫނު ތަސްދީގުކުރެވުމާއެކު، އިނާޔަތް ކަނޑާލެވުނެވެ.

ދެން ހުންނެވީ ރައީސް މައުމޫނެވެ. ގާނޫނަށް ބަދަލުގެނައިއިރު އޮތީ ޕީޕީއެމްގެ މައްސަލާގައި ރައީސް މައުމޫނާއި ރައީސް ޔާމީނާ މައްސަލަޖެހި ވަރަށް ބޮޑަށް ހޫނުގަދަވެފައެވެ. އޭރު ރައީސް ޔާމީން ފަޅީގައި ތިއްބެވި މެންބަރުން "ހާލަތާ އެއްގޮތަށް ބަދަލުގެންނަންޖެހޭ" ކަމަށް ވިދާޅުވެ ގާނޫނަށް އިތުރު ބަދަލުތަކެއް ގެނެސްގެން ރައީސް މައުމޫނަށް ވެސް އިނާޔަތްތައް ކަނޑާލުމުގެ ބިރުތައް ދެއްކެވިއެވެ. އަދި ސަރުކާރާ ދެކޮޅަށް ރައީސް މައުމޫން މަސައްކަތް ކުރައްވަން ފެއްޓެވުމުން، ކުރީގެ ރައީސުން ދިރިއުޅުއްވާ ތަނުގެ ޚަރަދާއި އޮފީސް ހިންގުމާއި ބޭސްފަރުވާއަށް ދައުލަތުން ކުރަންޖެހޭ ޚަރަދުގެ ގޮތުގައި ލިބިވަޑައިގަންނަވަމުން ގެންދެވި އިނާޔަތްތައް ފިނޭންސް މިނިސްޓްރީން ހެދި އުސޫލެއްގެ ދަށުން ވަނީ ކުޑަވެސް ކޮށްފައެވެ.

ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ހަދާފައިވާ ގާނޫނުތައް އިސްލާހުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެއް ވައުދެވެ. މިގޮތުން މިއަހަރުގެ ކުރީކޮޅު 19 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބުވެ، ސަރުކާރަށް މަޖިލީހުގެ ކޮންޓްރޯލް ލިބި، އަނެއްކާ ވެސް މިވަނީ އެއްކަލަ ގާނޫނަށް އިސްލާހު ގެނެސްފައެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމި، އުފެދުނު އައު ސަރުކާރުގެ މައި ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދެވެ. މިފަހަރު ބަދަލުގެނައީ ގާނޫނު އައުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު، އޭނަ މަގާމުގައި ހުރިއިރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާނަމަ، އެވަގުތުން ފެށިގެން އޭނައަށާއި އޭނަގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ވެސް ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެ ކަމަށް ބުނެ ކުރީ ސަރުކާރުގެ ދުވަސްވަރު ހިމެނި ބައި އުނިކުރުމަށެވެ.

ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ، އޭނާ މަގާމުގައި ހުރިއިރު ނުވަތަ އޭގެ ފަހުން ވިޔަސް، ޖިނާއީ ކުށެެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން، އެ ކުރި ކުށެއްގެ ހުކުމް ތަންފީޒުކޮށް ނިމެންދެން، އޭނައާއި އޭނަގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މި ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެ ކަމަށެވެ.

ގާނޫނަށް މިފަހަރު ބަދަލު ގެނެވުނުއިރު ކުރީގެ ރައީސް ޔާމީން ހުންނެވީ ޖިނާއީ ހުކުމެއްގައެވެ. އެހެންކަމުން އެމަނިކުފާނަށް ދެން އިނާޔަތް ލިބިވަޑައިގަންނަވާނީ ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލުހުކުމް ތަންފީޒުކޮށް ނިމުމުންނެވެ. ނުވަތަ މަތީ މަރުހަލާގެ ކޯޓުން އެ ހުކުމް ބާތިލްކުރުމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް ނަޝީދަށް އަމާޒުކޮށް ގާނޫނަށް އިސްލާހުގެނައީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް އޭރު އެމްޑީޕީން ބުނެފައި ވެއެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެ އިނާޔަތްތަކާއި ރައްކާތެރިކަމަކީ ނަޝީދަށް ހައްގުވާ އެއްޗެއް ކަމަށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ކުއްލި ބަދަލު ގެނެސްގެން ރައީސް މުހައްމަދު ނަޝީދަށް ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ކަނޑާލުމަކީ އެކަމުގައި އެއްވެސް ހަމަހަމަކަމެއް އަދި އިންސާފެއް އެކުލެވިގެންނުވާ، އިންތިހާއަށް ޒާތީވެ ތިބެގެން ހިންގާފައިވާ ޖަރީމާއެކެވެ.
އެމްޑީޕީގެ ނޫސްބަޔާން

އޭގެ ތިން އަހަރުފަހުން ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި ބަދަލުން ހަމަގައިމު ވެސް އެމަނިކުފާނު މިވަނީ ސަލާމަތްވެވަޑައިގެންފައެވެ. ނަމަވެސް އެމަނިކުފާނަށް އަމާޒުކޮށް ގާނޫނު ބަދަލުކުރެއްވި ކަމަށް ވިދާޅުވާ ރައީސް ޔާމީނަށް ސަލާމަތެއް ނެތެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތާ ގުޅޭގޮތުން ގާނޫނުއަސާސީގެ 128 ވަަނަ މާއްދާގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި މީހަކު، ކުށްވެރިނުވެ ގާނޫނީ ހަމަތަކުގެ މަތީން އެ މަގާމުން ވަކިވެއްޖެނަމަ، ދައުލަތުގެ އެންމެ މަތީ ވެރިކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ އިއްޒަތާއި ގަދަރާއި އެކަށީގެންވާ ފަދަ ރައްކާތެރިކަމާއި މާލީ އިނާޔަތާއި އެހެނިހެން އިނާޔަތްތައް އެ މީހަކަށް ހައްގުވާނެ ކަމަށެވެ.

ގާނޫނަށް ފަހުން ގެނައި އިސްލާހުގެ ބިލުގެ ބަހުސް މަރުހަލާގައި ގާނޫނުއަސާސީގެ އެ މާއްދާއާ ހަވާލާދެއްވައި ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިގޮތުން ބައެއް މެންބަރުން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅަކަށް ހައްގުން ކަމަކާ ނުލައި އިއްވާ ހުކުމެއްގެ ސަބަބުން، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ނިގުޅައިނުގަނެވޭނެ ކަމަށެވެ. މެންބަރުން މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދަށް އިއްވީ ވެސް ހައްގު ހުކުމެއް ނޫން ކަމަށް އޭރު އެމަނިކުފާނުގެ ސަޕޯޓަރުން ދިޔައީ ބުނަމުންނެވެ. އަދި މިހާރު ރައީސް ޔާމީނަށް އިއްވާފައިވަނީ ވެސް ހައްގު ހުކުމެއް ނޫން ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ވެސް ބުނެއެވެ. އެހެންކަަމަށްވާނަމަ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އިނާޔަތާއި ހިމާޔަތް ގާނޫނަކުން ހިފެހެއްޓިދާނެތޯ އެއީ ސުވާލެކެވެ.

ސަރުކާރުގެ ވައުދަކީ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ހަދާފައިވާ ގާނޫނުތައް އިސްލާހުކުރުމެވެ. ރައީސް ޔާމީނަށް ވަގުތީގޮތުން ވިޔަސް އިނާޔަތާއި ރައްކާތެރިކަން ގެއްލޭގޮތަށް ގާނޫނަށް ގެނެސްފައިވާ ބަދަލުގެ ބިލު މަޖިލީހަށް ހުށަހެޅި ބަހުސް ފެށީ ރައީސް ޔާމީނުގެ ޝަރީއަތް ކޯޓުގައި ހިނގަމުން ދަނިކޮށެވެ. އަދި ބިލު ފާސްކުރީ އެމަނިކުފާނަށް ހުކުމް އިއްވާފައި ވަނިކޮށެވެ. އެހެންކަމުން މި ގާނޫނަށް ގެނައި އިސްލާހުން ނުކުތް ނަތީޖާއަކީ އެކަކު މަޅިން ސަލާމަތްވެ، އަނެކަކު މަޅިމަތިވުން ކަމަށް ނުވޭތޯއެވެ.