ދިރާގު ދެވެހި ޕްރިމިއަރ ލީގުގެ މެޗުތައް ވީޓީވީ އިން ލައިވް ކުރުން ހުއްޓާލަން ޖެހިދާނެ ކަމަށް، ވީސްޕޯޓްސް އިން ބުނެފިއެވެ. ވީސްޕޯޓްސް އިން މައުލޫމާތު ދިން ގޮތުގައި، ޕްރިމިއަރ ލީގު މެޗުތަކަކީ އެފްއޭއެމް އާއިއެކު ހެދިފައިވައި އެއްބަސްވުމެއްގެ ދަށުން މަހުން މަހަށް ބިލު ކުރާ އިސޫލުން ވީޓީވީ އިން ލައިވް ކުރާގޮތަށް ކާމިޔާބުކުރި ބިޑެކެވެ. އެހެންނަމަވެސް، މިއަދާ ހަމައަށް އެއްވެސް ބިލަކަށް ފައިސާ އެފްއޭއެމްއިން ދައްކާފައިނުވާތީ، ވީޓީވީ އަށް ވަނީ މަލީ ގެއްލުންތަކާއި ކުރިމަތިލާންޖެހިފައެވެ.

"ކޮންމެ ކަވަރޭޖަކީ، ޓެކްނިކަލް ކުރޫއާއި އެކު ފަސް-ހަ މީހުންގެ 3 ގަޑި އިރެއްހާއިރުގެ ފަންނީ މަސައްކަތެއް" ކަމަށް ވީސްޕޯޓްސްގެ އޮފިޝަލް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތަކުރާރުކޮށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމުންވެސް އެދެވޭޖަވާބެއް އަދި ހައްލެއް ހޯދިފައި ނުވާތީ ވީމީޑިއާގެ މެނޭޖްމަންޓްއިން މެޗުތައް ލައިވް ކުރުން ހުއްޓާލުމަށް ވިސަނަވާފައިވާކަމަށެވެ.

ވީނިއުސް އަށް މައުލޫމާތު ދެއްވަމުން، މެނޭޖްމެންޓްގެ އޮފިޝަލަކު ވިދާޅުވީ، "ވީމީޑިއާ އަކީ ވަރަށް ބޮޑު ގެއްލުމެއްގައި ހިންގަމުން އަންނަ، އަދި މާލީ ގެއްލުން ސްޕޮންސަރުންގެ ފައިސާއިންނާއި ވިލާ ގުރޫޕް އިން ސަބްސިޑައިޒްކޮށްގެން، ހިންގަމުން އަންނަ ޓީވީ، ރެޑިއޯ އަދި އޮންލައިންއެއް" ކަމަށެވެ. އަދި މުސްތަގުބަލުގައި ޚަރަދާއި އާމްދަނީއާއި ބައްދަލުވާ އޮޕަރޭޝަންއެއް ވީމީޑިއާއިން ހިންގުމަށްޓަކައި ވަރަށް ގިނަ އިސްލާހީ ފިޔަވަޅުތަކެއް 2019ގައި އަޅައި އަދި 2020 ގައި އިތުރަށް ކުރިޔަށްގެންދަން ނިމްމާފައިވއިކަމަށެވެ. މީގެ ތެރޭގައި ސްޕޮންސަރ ފައިސާ ނުލިބޭ ބައެއް ޝޯ އަދި ޕްރޮގްރާމްތައް ހުއްޓާލުން ހިމޭނޭކަމަށްވެސް މައުލޫމާތު ދެއްވިއެވެ.

ވީސްޕޯޓްސް އަކީ ވަރަށް ކާމިޔާބުކަމާއިއެކު ކުޅިވަރުގެ ޚަބަރުތައް ރާއްޖެއާއި ރާއްޖެއިންބޭރުން ފޯރިއާއިއެކު ތާޒާކަންމަތީ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ވީމީޑިއާގެ ސްޕޯޓްސް ޓިމެވެ. މިހާތަނަށް ތައުރީފު ހައްގު ގިނަ ސްޕޯޓްސް ކަވަރޭޖް ހަދައިފައިވައި ކާމިޔާބު ޓީމެކެވެ.

ދާދިފަހުން، ޚަރަދު ކުޑަކުރުމުގެ ގޮތުން ވީމީޑިއާއިން ވަނީ، ރިޑަންޑަންސީ ޕްލޭން އެއްގެ ދަށުން ވީމީޑިއާ ރީސްޓްރަކްޗަރ ކުރުމުުގެ މަސައްކަތްތަކެއްވެސް ކޮށް، ގިނަ އަދަދެއްގެ މުވައްޒަފުންވެސް ރިޑަންޑަންޓްކޮށްފައެވެ. މެނޭޖްމަންޓް އޮފިޝަލް ވިދާޅުވި ގޮތުގައި، 2020ގެ އަމާޒަކީ ނިއުސް އެންޑް ކަރަންޓް އެފައަރޒް އަށް ފޯކަސްކޮށް، މަދު އަދި ކޮލިޓީ ޓީވީ ޗެނެލްއަކަށް ވީޓީވީ ހެދުމެވެ.