ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ށ. ފޯކައިދުއާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

މި މެޗުގައި މޮޅަށް ކުޅެ ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައިވަނީ ދަ ގްރާންޑޭ އެވެ. ހާއްސަކޮށް އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އޮބެއިދާ އަށް ލިބުނު ރަނގަޅު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

މި މެޗުގައި ފޯކައިދޫގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. އެގޮތުން އެ ޓީމުގެ ފޯވާޑް ލައިނަށް މި މެޗުގައި މާބޮޑު ކަމެއް ނުކުރެވުނު އިރު މި މެޗުގައި ގޯލުޖަހާނެ މަދު ފުރުސަތުތަކެއް އެ ޓީމަށް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

މެޗަށްފަހު މީޑިއާތަކަށް މައުލޫމާތުދެމުން ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ގޯލުޖަހާނެ ރަނގަޅޫ ފުރުސަތު ލިބި އެކަން ނުކުރެވުމާ އެކު އެކަން ރަނގަޅު ކުރަން ފައިނަލް ތާޑުގައި އިތުރަށް ކުޅުންތެރިން ސަމާލުވާން ޖެހޭ ކަމަށެވެ. އަދި ލަނޑު ނުޖެހުނު ނަމަވެސް ޓީމުގެ ކުޅުމާމެދު ހިތްހަމަޖެހޭކަމަށް އިންމަ ބުންޏެވެ.

ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ބުނީ ޓީމު އޮތް ހާލަތާ ބަލާއިރު ކުޅުންތެރިން ކުރި މަސައްކަތަށް ސާބަސްދޭ ކަމަށާއި ޓީމު ހަމަކުރުމަކީ މިވަގުތު ކުރިމަތިވެފައިވާ ޗެލެންޖެއް ކަމަށެވެ.

މި މެޗުން ދެ ޓީމަށް ލިބުނު ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައި ފޯކައިދޫ އޮތީ 20 ޕޮއިންޓާއެކުގައެވެ. އަދި ދަ ގްރާންޑޭ އޮތީ ފޯކައިދޫއާއި ޖެހިގެން ތާވަލުގެ ހަވަނައިގައި 19 ޕޮއިންޓާއެކުއެވެ.