ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން 14 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލީގުގައި މިދިޔަ ހަފުތާގައި މާޒިޔާއަށް އޮތީ ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އެކަމަކު ވިކްޓަރީ ސަސްޕެންޑް ކޮށްފައި އޮތުމުން، އެ މެޗުން މާޒިޔާއަށް ވަނީ 3 ޕޮއިންޓު ލިބިފައެވެ. އަދި މިރޭ 4-1 އިން ޓީސީ ބަލިކޮށް މާޒިޔާއިން ވަނީ އެޓީމުގެ ލީޑު ދަމަހައްޓާފައެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުވެސް ފެނިގެންދިޔައީ ވަރަށް އެއްވަރުކޮށެވެ. މި ހާފުގައި މާ ނުރައްކާތެރި ހަމަލާއެއް ދެ ޓީމުންކުރެ ޓީމަކަށްވެސް އުފެއްދިފައިނުވާއިރު، މެޗުގައި މާޒިޔާއިން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ކޯނެލިއަސް ސްޓެވާޓެވެ.

އަދި އޭގެ އަށް މިނެޓު ފަހުން މާޒިޔާއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 60 ވަނަ މިނެޓުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށްވަނީ ޓީސީގެ ގޯލްކީޕަރުގެ އަތުގައި ޖެހިފައެވެ. އެކަމަކު 75 ވަނަ މިނެޓުގައި ޓީސީން ވަނީ ގޯލެއް ކާމިޔާބުކޮށް ފަރަގު ކުޑަކޮށްފައެވެ. ހިލޭ ޖެހުމަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއީލް އީސަ (މެސީ) އެވެ.

ޓީސީން އޭގެ ފަހުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، އެޓީމުގެ ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާ ނަގާ އަސަދުﷲ އަބްދުﷲ ވަނީ މާޒިޔާއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ. އަދި މި މެެޗުގައި މާޒިޔާއިން ޖެހި ހަތަރުވަނަ ގޯލް އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ.

މެޗަށްފަހު މާޒިޔާގެ ކޯޗު މަރުޖާން ސްކުލޮސްކީ ބުނީ މި މެޗުގައި ޓީސީން ރަނގަޅު ފައިޓެއް ދިން ކަމަށާއި، ލީގު ޗެމްޕިއަން އަތުން މޮޅުވުމުން ހިތްހަމަޖެހޭ ކަަމަށެވެ. ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ މެޗުން ބަލިވި ނަމަވެސް، މެޗުގައި ކުޅުންތެރިން މޮޅު ކުޅުމެއް ކުޅުނު ކަމަށާއި، އެކަމަކު މި މެޗަީ ޓީސީއަށް މޮޅުވެވޭނެ މެޗެއް ކަމަށެވެ.

މިރޭގެ މެޗުން ލިބުނު 3 ޕޮއިންޓާއެކު މާޒިޔާ އެއްވަނައިގައި އޮތީ 15 މެޗުން 38 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ކްލަބު އީގަލްސްއަށް 13 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ. އަދި މިރޭ މާޒިޔާ އަތުން ބަލިވި ޓީސީ އޮތީ ތާވަލުގެ ހަތަރުވަނައިގައި 12 މެޗުން 22 ޕޮއިންޓާއެކު އެވެ.