ދިވެހި ގައުމުގެ ދިގު ތާރީޚުގައި، މިއަދު 30 އަހަރުން މަތީގެ ފަރުދުންނަކީ ވަރަށްވެސް ނަސީބު ރަނގަޅު ތާރީޚީ ކަމެއް ފެނުނު ޖީލެކެވެ. ދިވެހިން ފަން ޖިފުޓިތަކުން ނުކުމެ ތަހުޒީބުގެ ރޭހުގައި ބައިވެރިވެ ހޯދާފައިވާ ކުރިއެރުންތަކުގެ "ދެކޮޅު" އަދި އެކަމުގެ އެންމެ ފުންމިން ފެނި އިހުސާސް ކޮށްލަން ލިބުނު ބަޔަކީ މިއަދުގެ މި ދެންނެވި ޖީލެވެ.

މިކަމަކީ އަޅުގަނޑުމެން އެއްމަންޒިލަކަށް ވާސިލްވުމަށްޓަކައި އަދި ޤައުމަށް ކޮށްދޭން ހުރި ކަންކަން ކުރުމަށް ބާރުއަޅައި އެކަތި ގަނޑަކަށް ހަދައިދޭނެ މަސްދަރެކެވެ.އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ފެންނަމުންދަނީ ބައިބައިވުމާއި ހަމަނުޖެހުމާއި ތަފާތުކުރުންތަކެވެ.

މިދެންނެވީ ޖީލުގެ ހަނދާނުން ހަމަ ޔަޤީނުންވެސް ފޮހެވިގެން ގޮސްގެން ނުވާނެ އެހެންކަމެއް ވެއެވެ. އެއީ އަޅުގަނޑުމެން މިއަދު މިދެކޭ ރާއްޖެއަކީ ހަމަޔަޤީނުންވެސް ތާރީޚުން ކިރިޔާ ނުފޮހެވި އޮތް ބިމެކެވެ. މާތްﷲގެ ރަހުމަތްފުޅުން ނަސްލުތައް ކިރިޔާ ވުޖޫދުން ފޮހެވި ނުގޮސް އޮތް ބައެކެވެ.

އެއީ މީގެ 15 އަހަރު ކުރިއެވެ. މުޅި އިންޑިއާ ކަނޑުގައި މަރާއި ހަލާކު ފަތުރަމުންދިޔަ ބޮޑުރާޅު ލޮލުން ފެނުން މީހަކު އެކަން ހަނދާނެއް ނުނެތޭނެއެވެ. އިންޑޮނީޝިއާގެ ސްމަޓްރާގެ ހުޅަނގު ފަރާތަށް އައި ބާރުގަދަ ބިންހެލުމަކާއެކު އުފެދުނު ސުނާމީ މުޅި އިންޑިއާ ކަނޑުގެ ބައްރުތައް ހިނދުކޮޅަކަށް ހުއްޓުވާލިއެވެ. ފެކްޓަރީ ރިސެޓް ކޮއްލިފަދައެވެ. މިބިންހެލުމަކީ ދުނިޔޭގެ ލިޔެވިފައިވާ ތާރީޚުގައި އައި އެންމެ ބޮޑު އެއް ބިންހެލުމެވެ. އަދި މިހާތަނަށް އައި އެންމެ ގެއްލުން ބޮޑު ޤުދުރަތީ ކާރިސާއެވެ.

ދިވެހިންގެ މަދު ރަށަކަށް ފިޔަވާ ބަޔަކު ސުންނާފަތި ވާވަރަށް މި ރާޅުގެ އަސަރު ކޮއްފައި ނުވިނަމަވެސް ގއ. ވިލިނގިލި، އަދި ކޮޅުފުށި ފަދަ ރައްތަކުގެ މުޅި ބަސްތީ އެކަށް ފޮހެވިގެން ދިޔައެވެ. 82 މީހުންގެ މަރާއެކު ދިވެހިރާއްޖޭގެ ރައްޔިތުން މި ވެދިޔަ ކަމާމެދު ވިސްނުމަށް މަޖުބޫރުކުރުވިއެވެ.

ހިނގާދިޔައީ ކިހާބޮޑުކަމެއްކަން ދިވެހިންނަށް އަދި ޖުމްލަކޮށް މުޅިދުނިޔެއަށް ރޭކާލީ ޑިސެމްބަރ 27 ވަނަ ދުވަހު ޓީވީން ފެނުނު މަންޒަރުތަކުންނެވެ. މި ކުދި ރަށްތަކަކީ އުސްމިނުގައި 3 ނުވަތަ 4 ފޫޓް، ކަނޑުގެ ލޮނުގަނޑުން މައްޗަށް ހުރި ރަށްތަކެކެވެ.

ޑިސެމްބަރ 26 ވަނަ ދުވަހު އުފެދުނު ސުނާމީގެ އެވަރެޖް އިސްކޮޅަކީ 98-48 ފޫޓެވެ. 50 ފޫޓަކީ އެވަރެޖްކޮށް ބަލާއިރު 6 ބުރީގެ އިމާރާތެއްގެ އުސްމިނެވެ. 98 ފޫޓަކީ ގާތްގަނޑަކަށް 10 ބުރީގެ އިމާރާތެއްގެ އުސްމިނެވެ.

މިއީ އިންޑޮނޭޝިއާއަށް ސުނާމީގެ އުސްމިން ފޯރާފައިވާ ވަރެވެ. ދިވެހިރާއްޖެ އޮންނަނީ ސުނާމީ އުފެދުނު ހިސާބާއި ސީދާ ހުޅަނގަށް އެއްވެސް އެއްޗެއް އެދެމެދަށް ނުވާ ގޮތަށެވެ.

ސުނާމީއަކީ މައި ކަނޑުގައި 500 ކިލޯމީޓަރު ބާރުމިނުގައި ދަތުރުކޮށް ވަރަށް ދިގު ވޭވްލެންތެއް އެކުލެވޭ ބާރުގަދަ އެއްޗެއް ކަމުން ސުނާމީގެ ބާރު ކެނޑޭނެ އެއްވެސް ގޮތެއް އިންޑޮނޭޝިއާ އާއި ދިވެހިރާއްޖެއާއި ދެމެދު ނުވެއެވެ. އެހެންކަމުން ރާއްޖެއަށް އަޅުގަނޑުމެން މި އަންދާޒާކުރާ ގެއްލުން ނުވި ސަބަބު އެއްވެސް ފަރާތަކަށް ބުނެދޭން އެނގިފައެއް ނުވެއެވެ.

އެހެން ނަމަވެސް މިކަމާގުޅޭ ނަޒަރިއްޔާތުތަކެއް ވެއެވެ. އެއްބަޔަކު ބުނާގޮތުން އެއީ ރާއްޖެ އުފެދިފައި އޮތީ އަތޮޅުތަކެއްގެ މައްޗަށްކަމަށް ވުމުން ސުނާމީގެ ރާޅު ރައްތަކާއި، ހާތަކާއި ފަރުތަކާއި ގިރިތަކުގެ ތެރެއިން "ފުރޭނިގެން" އައި އައުމުގައި ބާރުކުޑަވީއެވެ. އެހެން ވިޔަސް ލޮނުގަނޑުގެ ފުންމިން ކުޑަވިވަރަކަށް ރާޅުގެ އުސްމިން ބޮޑުވާނެތީ، ރާއްޖެއަށް ލިބުނު ގެއްލުމަކީ ވަރަށްވެސް ކުޑަގެއްލުމެވެ.

މިދެންނެވީ މާތްﷲ ރަހުމަތްފުޅުން އަޅުގަނޑުމެން ސަލާމަތްވެފައިވާ ކަމެވެ. އެހެންނޫނީ 50 ފޫޓުގެ ރާޅެއް މުޅިރާއްޖެ އެއްފަރާތުން އަނެއް ފަރާތަށް އަރައިގެން ދާއިރު ރާއްޖެއަކީ އޮތްތަނެއްކަން ބަޔަކު ފާހަގަކުރާނެ ގޮތެއްވެސް ވިސްނަން ނޭނގެއެވެ.

ރާއްޖެނޫން ޤައުމުތައް:

ކުރިންވެސް ދެންނެވި ފަދައިން ރާއްޖެއަކީ މި ކާރިސާގައި އެންމެ ކުޑަ ގެއްލުމެއްވި އެއްގައުމެވެ. އެހެން ޤައުމުތަކުގައި ފެތުރުނު ހާލަތަކީ އިންސާނުންގެ ވިސްނުމާއި އަންދާޒާއިން ބޭރުކަންކަމެވެ.

އިންޑޮނޭޝިއާގެ ބަންޑާ އަޗޭ ޕްރޮވިންސްއަށް ބަލާއިރު ރެކްޓަރ މިންގަނޑުން 9.1 ގެ ބާރުމިނުގައި އައި ބިންހެލުން އައިތާ ޖުމްލަ 20 މިނިޓް ތެރޭގައި ފުރަތަމަ ސުނާމީ ރާޅު އަރައިފިއެވެ. މިއީ އިސްވެ ދެންނެވުނު 98 ފޫޓްގެ ސުނާމީ އެރި ސަރަހައްދެވެ. ބިންހެލުން ޖުމުލަ 10 މިނެޓަށް ދެމިގެން ދިޔައިރު ސުނާމީ އެރުމަށް ޖުމްލަ އެ ވީ 10 މިނެޓެވެ.

އެމީހުންގެ މައްޗަށް 98 ފޫޓްގެ ފެނުގެ ފާރެއް ވެއްޓުނީއެވެ. އެވަގުތުގެ ބިރުވެރިކަން އަޅުގަނޑުމެނަށް އަންދާޒާއެއް ނުކުރެވޭނެއެވެ. އާއިލާގެ މީހުނާއި އަވަށްޓެރިން، ދަރިންނާއި މައިންގެ މަރުވެފައިވާ ނުވަތަ ހަލާކުވެފައިވާ ހަށިގަނޑުތަކުގެ ތެރޭގައި ފަތާއިރު އިންސާނެއްގެ ބުއްދިއާއި، ވާގި އަދި ކެރިކުޅަދާނަކަން ހުންނާނެ މިންވަރު އެއީ 15 އަހަރު ފަހުން އަޅުގަނޑުމެންނަށް މިންކޮށް ނުލެވޭނެ ކަންކަމެވެ.

އިންޑޮނޭޝިއާ ނުލައި، މި ސުނާމީގެ އަސަރު އެހިސާބުގެ ގިނަ ގައުމުތަކަކަށް ހަމަ އެމިންވަރަށް ކުރިއެވެ.

މި ސަރަހައްދަކީ ފަތުރުވެރި ހިސާބެއްކަމުން މި ސުނާމީގެ އެންމެ ބޮޑު އަސަރެއް ކުރީ ފަތުރުވެރިންނަށެވެ. އެއީ އިންޑޮނޭޝިއާ ނުލައި ދަންނަވާކަމުގައި ވާނަމައެވެ.

މި ސުނާމީ އިންޑިއާ ކަނޑުގެ އިރުމަތީ ޤައުމުތަކަށް އެރުމަށް ހޭދަވީ ޖުމުލަ 2 ގަޑިއިރެވެ. މިއީ ފުޓްބޯޅަ މެޗެއް ބަލާލާހައި ވަގުތުކޮޅެކެވެ. މިހިނދުކޮޅުތެރޭގައި ޖުމްލަ ދެލައްކަ އަށްޑިހަ ދެހާސް އެއްސަތޭކަ ސައްބީސް މީހުން މަރުވެފައި ވެއެވެ. އެއީ ގާތްގަނޑަކަށް 2004 ވަނަ އަހަރު ރާއްޖޭގެ އާބާދީގެ 90 ޕަސެންޓެވެ. ނެތިދިއުމަށް ނެގީ އެންމެ ދެގަޑިއިރެވެ. އިނޑޮނޭޝިއާއިން 30 މިނިޓްތެރޭ އެއްލައްކަ ހަތްދިހަހާސް މީހުން މަރުވިއެވެ.

މި ސުނާމީގެ ބާރު ނުވަތަ ބޮޑުމިން ސައިންސް ވެރިންނަށްވެސް ރޭކާލީ، ފަހުން ކުރި ތަހުލީލްތަކުންނާއި އިންޑޮނީޝިއާއިން ފެނުނު މަންޒަރުތަކުންނެވެ. 2600 ޓަނުގެ ފްލޯޓިން ޕަވަހައުސްއެއް ރަށުގެ 2 މޭލު އެތެރެއަށް ވިއްސަކަށް މިނިޓްތެރޭގައި ރާޅާއިއެކު ގެންގޮސްފައި އެބަހުއްޓެވެ.

ރިސޯޓް ސަރަހައްދުތައް ލެގޯ ބަރިއެއްހެން ވެއްޓި ވިއްސި ވިހާލިވެފައި ވެއެވެ. އަދި ބިންހެލުމާއި ސުނާމީގެ ސަބަބުން އިންޑޮނޭޝިއާ އަދި ކައިރި އަންޑަމަން އައިލޭންޑްސްގެ ބިންގަނޑުގެ ލެވެލްއަށްވެސް ވަނީ ބަދަލު އައިސްފައެވެ. އެއް ހިސާބުތަކުން ފަރުތަކާއި ބިންގަނޑު އެތަކެއް މީޓަރެއް އުފުލުނުއިރު އަނެއް ހިސާބުތަކުން ބިންގަނޑު ކަނޑުގެ ސަތަހައަށް ވުރެއް ތިރިއަށް ޖެހިފައިވެއެވެ.

ޑިސެންބަރ 25 ވަނަ ދުވަހު މީހުން މަސްބާނަން ގޮސްއުޅުނު ފަރުތަކުގެ މުރަކަތައް 26 ވަނަ ދުވަހުގެ ހެނދުނު ހުރީ 3 ފޫޓު ފެނުގެ މަތީގައެވެ. އަދި ހަމަ އެގޮތަށް މީހުން ދިރިއުޅުނު ގެތަށް ހިނދުކޮޅެއްގެ ތެރޭގައި 6 ފޫޓް އަޑިއަށް ގޮސްފައިވެއެވެ.

މި ކާރިސާގެ އިކޮނިމިކް ކޮސްޓް ނުވަތަ މާއްދީ ގެއްލުމަށް 15 ބިލިއަން ޔޫއެސްޑޮލަރު އަރައެވެ. މަސްވެރިންނާއި ފަތުރުވެރިންގެ ވިޔަފާރިތައް ހިނދުކޮޅެއްގެ ތެރޭގައި ކަނޑަށް ދަމާލުމުން އިރުދެކުނު އޭޝިއާގެ މުޅި އިގުތިސާދު އަހަރުތަކަކަށް މަޑުޖެހުނެވެ.

މި ކާރިސާއިން އަރައިގަތުމަށް ދުނިޔޭގެ އެކި ގައުމުތަކުންވި މާލީ އެހީތެރިކަމާއެކީ ފާއިތުވި 10 އަހަރު ތެރޭ އެކަށީގެންވާ ބޮޑު ކުރިއެރުންތަކެއް ވަނީ ލިބިފައެވެ. އެހެން ނަމަވެސް މި ސަރަހައްދަކީ ޓޫރިޒަމަށް ބަރޯސާވާ ސަރަހައްދެއްކަމުން ސުނާމީ އާއިއެކު ލިބުނު އިންސާނީ ގެއްލުމާއި، ގެއްލި ހަލާކުވި ގުދުރަތީ ރީތިކަމާއި ގުޅިގެން އިގުތިސާދުތައް މުޅިން އެހެން ބީދައަކުން މަސައްކަތް ކުރުމަށް މަޖުބޫރުކުރުވިއެވެ.

ސުނާމީ އާއި ގުޅިގެން ނުކުތް އެހެން ނަތީޖާތައް:

ސުނާމީގެ ވަހާކަ ދެކެވޭ ކޮންމެ ފަހަރަކުވެސް އަޅުގަނޑުމެންގެ ހިތަށް އަންނަނީ އޭގެ ނާމާންކަމާއި ބިރުވެރިކަމެވެ. އެހެންނަމަވެސް ޤުދުރަތީ އެއްވެސް ކަމެއްގެ ފަހަތުގައި މާތް ﷲގެ ރޭވުންތެރިކަމެއް ނުވެ ނުދާނެއެވެ. ގިނަ ބަޔަކަށް ނޭނގި އޮވެދާނެއެވެ. މި ކާރިސާގައި އެންމެ ބޮޑު ގެއްލުމެއްވި އަޗޭ ޕްރޮވިސްއަކީ ދާޚީލީ ހަނގުރާމައާއި ހަމަނުޖެހުމާއި ލާއިންސާނީ ލޭއޮހޮރުވުންތަކުގެ ތެރޭގައި ގިނަ އަހަރުތަކަކަށް ގެނބިފައި އޮތް ތަނެކެވެ.

ސުނާމީގެ ކުރިން އަޗޭގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކާއި ސަރުކާރު ފައުޖުތަކާއި ވިހި ތިރީސް އަހަރުވަންދެން ލޭއޮހޮރުވުންތައް ހާމައަށް އާއްމުކޮށް ހިނގިއެވެ. މިކަމާއި ގުޅިގެން ތަރައްޤީއާއި ހަމަޖެހުމާއި ތަޢުލީމް އަދި އިޖުތިމާޢީ ކުރިއެރުން މި ސަރަހައްދުން ވަނީ ނިގުޅައިގަނެވިފައެވެ.

ސުނާމީގެ ސަބަބުން އިންސާނުން އެމީހުންގެ ބަލިކަށިކަމާއެކު ހިކިފަތްތަކެއް އޮޔާދާ އުސޫލުން ބޮނޑިބޮނޑިއަށް އޮޔާދިޔައިރު އެހީއަށް އަތްދިއްކޮށްލުމަށް ގިނަ ބަޔަކަށް ލިބުނީ އިހަކަށް ދުވަހާއި ޖެހެންދެން އެބައެއްގެ ލޭ އޮހޮރުވާލަން މަސައްކަތް ކުރި ފަރާތެވެ. ނަތީޖާއަކަށްވީ އަރާފައިބައިގެން ދިޔަ ލޮނުގަނޑާއެކު ދުވަސްވީ ހަމަނުޖެހުންވެސް އަޗޭ ޕްރޮވިންސްއިން ފިލައި އެކަކު އަނެކަކަށް އިންސާނުންގެ ގޮތުގައި ދެކެންފެށުމެވެ. އަޗޭ ޕްރޮވިސް އަލުން އާބާދުވެ އެތަކެއް ކުރިއެރުންތައް އޭގެ ފަހުންވަނީ ހޯދާފައެވެ.

މީގެ އިތުރުންވެސް ގުދުރަތީ ކާރިސާތަކުގައި ކަންކުރާނެ އެސްއޯޕީތައް އެކުލަވާލައި، ސުނާމީ އިންޒާރުދޭނެ ވަސީލަތްތައް ގާއިމްކުރެވިފައި ވެއެވެ. މީގެ ސަބަބުން މިފަދަ ކާރިސާތަކުގައި މަރުވާ މީހުންގެ އަދަދު މަދުކުރެވި ލިބޭ އިގުތިސާދީ ގެއްލުން ކުޑަކުރެވިގެންދާނެއެވެ.

ދިވެހިރާއްޖެއަށް ކުރި އަސަރު:

ސުނާމީ އާއި ގުޅިގެން ރާއްޖެއިން 83 މީހުން މަރުވެ 25 މީހުން ގެއްލިފައިވެއެވެ. އަދި އެހެން ގައުމުތަކާއި ޚިލާފަށް ރާއްޖެއަކީ އެގައުމެއްގެ %100 އަށް ސުނާމީގެ ސީދާ އަސަރުކުރި ހަމައެކަނި ގައުމެވެ. ސުނާމީއާއި ގުޅިގެން ރާއްޖޭގައި އެވަގުތު އޮޕަރޭޓް ކުރަމުންދިޔަ 82 ރިސޯޓުގެ ތެރެއިން 21 ރިސޯޓެއް މުޅިން ބަންދުކުރަން ޖެހުނެވެ. އަދި ގެދޮރުވެރިކަމާއި މަދަނީ އިންފްރާސްޓްރަކްޗަރަށް ލިބުނު ގެއްލުމުގެ އަދަދު ޖުމްލަ 470 މިލިޔަން ޑޮލަރަށް އަރައެވެ.

ތ.ވިލުފުށި އަދި ގއ.ވިލިނގިލި ފަދަ ރަށްތައް އަލުން އާބާދުކުރުމަށް ގިނަ އަހަރުތަކެއް ނެގިއެވެ. ރ.ކަނދޮޅުދޫ މުޅިންހެން ފަޅުވިއިރު އާއިލާތަކާއި މުޖުތަމަޢުތައް ރަށްތަކަށް ބެހި ބައިބައިވެގެންދިއައެވެ. އެއްބައި ރަށްރަށް ފަޅުވިއިރު އަނެއްބައި ރައްރަށް އާބާދުވެ އާބާދީ އިތުރުވެ އިގުތިސާދާ މަސައްކަތްތައް ފުޅާވެ ދިވެހިންގެ މެދުގައި އޮތް ވައްޓަފާޅިތަކާއި ގޮތްފާޑުވެރިކަން މަސްހުނިވެ މުއްސަނދިވިއެވެ.

އަދުގެ ޙާލަތު:

އަދުގެ އިޖުތިމާޢީ ހާލަތާއި ކުށުގެ ވެއްޓާއި އިންސާނީ ޙައްޤުތަކުގެ މިންގަޑާއި އެކަކު އަނެކަކާއި އަޅާލުމާއި ހުރި އޯގާތެރިކަމަށް ބަލާނަމަ ދިވެހިން ސުނާމީ ކާރިސާއިން މާބޮޑު ފިލާވާލުތަކެއް ލިބިގަނެފައި ވާކަމަށް ދެންނެވޭކަށްނެތެވެ. ބައެއް ހާދިސާތަކުގައި ދިވެހިންގެ ފަރާތުން އެކަކު އަނެކަކަށް ލިބިދޭ އެއްބާރުލުމަށް ބިނާކޮށް އަދި ސުނާމީ ކާރިސާގައި ދިވެހިންގެ ފަރާތުން ފެނުނު އެއްބައިވަންތަކަން ފާހަކުރުމަށް އެއްބައިވަންތަކަމުގެ ދުވަސް ވެސް ފާހަގަކުރަން ފެށިއެވެ.

އެހެން ނަމަވެސް ވުޖޫދުން ކިރިއާ ނުފުހެވި ތިބި ބަލިކަށި ބަޔަކު އެކަކު އަނެކަކުގެ ލޭ އޮހޮރުވާލައި އިޖުތިމާއީ ފޭރާން ސިޔާސީ ފައިދާއަށް ވީދާއުކާލައި މިއަދު މި އުޅެނީ ކޮން ބާރުވެރިކަމެއް ލިބިފައި އޮތީމަތޯ ސުވާލުކޮއްލަން ޖެހެއެވެ. ކުށްކުރުން ފެޝަނަކަށްވެ، އާއިލީ ގުޅުން ކެނޑުމާއި މައިންބަފައިން ބިކަކުރުން އާއްމުވެފައިވާއިރު 15 އަހަރު ކުރިން އެންމެ ނޭވާއެއް އިތުރަށްލުމަށް ހެއްދެވިފަރާތަށް، އަޑުން އަޑުނަގައި ރުއި ހަނދާން ނުވާކަހަލައެވެ. މަޝްހޫރު ދަތުރުވެރިޔާ އިބްނި ބަތޫތާ ލިޔުއްވާފައިވާ ގޮތަށް ދިވެހިރާއްޖެ ދެމިއޮންނާނީ ދިވެހިން ކުރާ ހެޔޮ ދުއާއެއްގެ ސަބަބުންނެވެ.

ސަބަބަކީ އަޅުގަނޑުމެން ފަޚުރުން ފުރިފައިވާ މިގައުމަކީ ގުދުރަތީ ކާރިސާތަކުގެ ކުރިމަތީ ވަރަށް ބަލިކަށި ތަނެކެވެ. އެކަން އަބަދުވެސް އަޅުގަނޑުމެން ހަނދާން ބަހައްޓަން ޖެހެއެވެ.

ސުނާމީގެ ގެއްލުން:

ގިނަބަޔަކަށް ހީވެފައި އޮންނަނީ ސުނާމީއެއްގައި އިންސާނަކު މަރުވާނީ ގެނބިގެންކަމަށެވެ. އެހެންނަމަވެސް ސުނާމީއެއްގެ މައިގަނޑު ނުރައްކަލަކީ ފެނުގެ ޓަރބިލުލަންސް އާއި ރާޅާއެކު އަންނަ ކުނިބުންޏެވެ.

ކުރެވިފައިވާ ދިރާސާތަކަށް ބަލާއިރު ސުނާމީގައި ގިނަ މީހުން މަރުވަނީ އެއްޗެއް ދަށުވެ ގެނބިގެން މަރުވުމަށްވުރެއް ރާޅުތެރޭގައި ކުނިބުންޏާއި ޓިނާއި ތޫނު ލަކުޑިއާއި ދަގަނޑުގެ ތެރޭގައި މީހާ އެނބުރި އެފުށްމިފުށަށް ޖެހުމުގައި ތަންތަން ކަފައިގެންގޮސް ފުރާނަ ދާފަދަ ގެއްލުން ލިބިގެންނެވެ. ނުވަތަ ސަލާމަތަށް މަސައްކަތް ނުކުރެވޭފަދަ ގެއްލުމެއް ލިބިގެންނެވެ. ނުވަތަ ތަނެއްގައި ބޯޖެހި ޚަބަރު ހުސްވުމާއި ގުޅިގެން ގެނބިގެންނެވެ.

މީގެ އިތުރުންވެސް ފުރާނަ ސަލާމަތްވުމަށް ފަހުވެސް އިންސާނެއްގެ ހަށިގަނޑުގައި އުފެދޭ އެންޖަރީތަކަށް ރާޅާއެކު އަންނަ ޖަރާސީމު ވަދެ ދާއިމީ ބަލިމަޑުކަމަކަށް ބަދަލުވުމުންވެސް ފުރާނައަށް ނުރައްކާ ވެދާނެއެވެ. އެހެންކަމުން މާބޮޑު ގެއްލުމެއް ސުނާމީ އަރާއިރު ނުލިބުނަސް ފުރާނައަށް ނުރައްކާ އެބައޮތެވެ.

އިތުރު ނުރައްކާ:

2004 ގެ ބިރު ހިތުން ފިލައި ނުދަނީސް 2005 ވަނަ އަހަރުގެ ކުރީކޮޅު އަނެއްކާވެސް އިންޑޮނޭޝިއާ ސަރަހައްދަށް ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ނެރުނެވެ. 2004 ގެ ހާދިސާ ރަނގަޅަށް ދެނެ ތިބީތީ، އެ ދުވަހު ގަތްބިރު އަދިވެސް ހަނދާން އެބަހުއްޓެވެ.

އެހެންނަމަވެސް ބިންހެލުމާއި ސުނާމީ ފިޔަވައި މި ދިވެހިރާއްޖެއަށް އިންޑޮނޭޝިއާ ސަރަހައްދުން އެހެން މާބޮޑެތި ނުރައްކާ އެބަހުއްޓެވެ.

އިންޑޮނޭޝިއާއަކީ އަލިފާން ފަރުބަދައިގެ ހާއްޔެކެވެ. އަޅުގަނޑުމެން އާއްމުކޮށް ދަންނަ ސްޓްރެޓާ ވޯލްކެނޯގެ އިތުރުން ސްޕަ ވޯލްކެނޯވެސް އެކުލެވިގެންވާ ޓައިމްބޮމެކެވެ.

ސްޕަރ ވޯލްކެނޯ އަކީ ގޮވައިފިނަމަ ދުނިޔޭގެ ދިރުން ނައްތާލާފަދަ ނުރައްކާތެރި އެއްޗެކެވެ. އަޅުގަނޑުމެން ސްމަޓްރާ ދަންނަނީ 2004 ގެ ސުނާމީ އާއި ގުޅިގެންނެވެ. ނޫނީ 1997 ގައި އެތަނުގެ ޖަންގަލީގައި ރޯވި އަލިފާނުގެ ސަބަބުންނެވެ. ގިނަބަޔަކަށް ނޭނގި އޮންނަކަމަކީ ސްމަޓްރާގެ މެދުގައި ޓޯބާގެ ނަންދެވިފައިވާ ސްޕަރ ވޯލްކެނޯއެއް ވާކަމެވެ.

މި ވޯލްކެނޯގެ ބޮޑުމިނުގައި 3000 އަކަ ކިލޯމީޓަރ ހުރެއެވެ. މި ވޯލްކެނޯ އެންމެ ފަހުން ގޮވައިގެން އުފެދުނު ވަޅުގަނޑުގައި 100 ކިލޯމީޓަރގެ ކޯރެއް ހެދިފައިވެއެވެ. އަންދާޒާއަށް ދަންނަވާނަމަ އެއީ ހއ.ކެލައިން ފެށިގެން ނ.އަތޮޅުގެ ނިމުމާއި ހަމައަށް އޮންނަވަރުގެ ދިގުމިނެކެވެ.

މި ނޫނަސް ބިންހެލުމަކާއި ނުލައި ސުނާމީއެއް އުފެދޭ އަންޑަސީ ވޯލްކެނޯ ނުވަތަ ކަނޑުއަޑީގައިވާ އަލިފާން ފަރުބަދަތައް ހަމަ އެސަރަހައްދުގައި އެބަހުއްޓެވެ. 2018 ވަނަ އަހަރު ސުންޑާ ސްޓްރެއިޓްގައިވާ ކްރަކަޓޯއާ ނަމަކަށް ކިޔާ އަލިފާން ފަރުބަދައެއްގައި ހިނގި އެފަދަ ފެނުއަޑީގެ ލޭންޑް ސްލައިޑަކާ ގުޅިގެން އުފެދުނު ސުނާމީއެއް އިންޑޮނީޝިއާއަށް އަރައި އެތަށްބަޔަކު މަރުވެފައިވެއެވެ.

މި ފަދަ ބޮޑު ލޭންޑް ސްލައިޑެއްގައި ބޮޑު ސުނާމީއެއް އުފެދުންވެސް އެކަށީގެންވެއެވެ. މި ދެންނެވީ ކްރަކަޓޯއާ ވަނީ 1816 ވަނަ އަހަރު ބާރު އަޑަކާއެކު ގޮވައިފައެވެ. މި އަލިފާން ފަރުބަދަ ގޮވުމުގައި އިވުނު އަޑަކީ މިހާތަނަށް ދުނިޔޭގައި އިވިފައިވާ އެންމެބާރުގަދަ އަޑެވެ. މި އަޑު ދުނިޔޭގެ ޖައްވުގައި 7 ފަހަރު ގުގުމާފައިވެއެވެ. 36000 މީހުން މި ގޮވުމުގައި އުފެދުނު ސުނާމީގައި މަރުވެފައިވެއެވެ.

އަޅުގަނޑުމެން ތައްޔާރުވެފައިވޭތޯ؟

މި ކާރިސާގައި ގެއްލުން ލިބުނު ގައުމުތަކުގައި މި ފަދަ ކާރިސާތަކާއި ގުޅޭ ތަޢުލީމްދީ އާއްމުން ހޭލުންތެރިކުރުވައި ސަލާމަތްވާނެ އިވެކިއުއޭޝަން ސެންޓަރތައް ގާއިމްކޮށް އިންޒާރު ދިނުމުގެ ނެޓްވޯކެއް ގާއިމް ކުރެވިފައިވެއެވެ.

އެހެންނަމަވެސް ރާއްޖެފަދަ މިފަދަ ނުރައްކަލަށް ހުށަހެޅިފައިވާ ގައުމެއްގައި އެފަދަ ހޭލުންތެރިކަމާއި ތަޢުލީމް ދިނުމެއް ނެތެވެ.

އިންޒާރުދޭ ސިސްޓަމްތައް އެބަހުރިތޯއެވެ. ހުރިނަމަ ހުރީ އޭގެ ބޭނުން ކުރެވޭ ފެންވަރުގައިތޯއެވެ. އިވެކިއުއޭޝަން ޕްލޭނެއް އެބައޮތްތޯއެވެ.

ރަށްތަކެއްގެ ޑިޒާސްޓަރ ރިސްކް އެސެސްމަންޓް 15 އަހަރުވީއިރު ހެދިފައިވަނީ މަދު ރަށެއްގައެވެ. ރިލީފްގެ ގޮތުގައި ލިބުނު ތަކެއްޗަށާއި ފައިސާއަށް ވެފައިވަނީ އެކިވަރުގެ ޚިޔާނާތެވެ. 10 އަހަރުވެގެން ދިޔައިރުވެސް ބައެއް އާއިލާތަކަށް ދާއިމީ ގެދޮރު ފޯރުކޮށްދެވިފައި ނުވެއެވެ.

މަރުން ސަލާމަތްވެ އަލުން ލިބުން ފުރުސަތުންވެސް ކުރީ ވައްކަމެވެ. އެއްބަޔަކަށް އެއީ މުއްސަނދިވުމަށް ލިބުނު މަގެއްކަމުގައި ދެކެވުނެވެ.

ސުނާމީ ފައިސާ ރާއްޖެތެރޭގައި ބެހި ގޮތުގައި ގެންގުޅުނު ތަފާތުކުރުންތަކާއި ގުޅިގެން އިޖުތިމާޢީ ބައިބައިވުމަށްވެސް ފުރުސަތު ހުޅުވިގެންދިއައެވެ. މިދުވަސް ފާހަގަ އަޅުގަނޑުމެން ފާހަގަކުރާއިރު ހަގީގީ މާނައެއްގައި ހަނދާން އާކުރަންވީ އަލުން ދިރިދުނިޔޭގައި އުޅުމަށް އަދި ޖީލުތައް އާލާކުރުމަށް މިލިބުނު ފުރުސަތަކީ ވަރަށް މާތް މަގުސަދެއްގައި ހެއްދެވި ފަރާތުން ދެއްވި ނިޔުމަތެއް ކަމެވެ.

މީގެ ބޭނުން ހިފައި ބައިބައިވުމާއި ފަސާދައާއި، ކުށާއި ފާފަތަކުން އެއްކިބާވެ ނަފްސް ތާހިރުކުރަން ހަނދާންކުރަން ވެއްޖެއެވެ.

އިންސާނީ އީގޯ އާއި ދޮގު ބާރުވެރިކަމަކީ އެއްވެސް އަގެއްހުރި އެއްޗެއް ނޫނެވެ. މިއަދުގެ ތާރީޚެއްގައި އަޅުގަނޑުމެން އަލުން އެ މިނުގެ ކާރިސާއަކަށް މިތިބީ ތައްޔާރަކަށް ނޫނެވެ. ލިބުނު ފިލާވަޅުތަކަށް އަމަލެއް ނުކުރެވެއެވެ. އާ ޖީލުތަކަށް އެ ފިލާވަޅުތައް ފޯރުކޮށްދިނުމެއް ނެތެވެ.

މި ފަދަކަމެއް އަލުން ހިނގައިފާނެ ކަމަށް ތައްޔާރަށް ހަށިފުރާނައާއި ދަރިންނާއި މުދާ ރައްކާތެރިކުރުމަށް މަސައްކަތް ކުރަން އެބަޖެހެއެވެ. ސުނާމީއަކީ އެމީހަކު އަމިއްލައަށް އެމީހަކުގެ ފުރާނަ ސަލާމަތްކުރުމުން ނޫނީ މަދުފަހަރަކު ސަލާމަތް ނުވެވޭ އެއްޗެކެވެ. އެހެން ކަމުން ހޭލުންތެރި ކުޅަދާނަ ބާރުވެރި ޖީލެއް ބިނާކުރަން މިއަދު އެބަޖެހެއެވެ.