ލެސްޓާ ސިޓީ ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ލިވަޕޫލުން 13 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލީގުގައި ރޭ ކުޅުނު މެޗުން ލެސްޓާގެ މައްޗަށް ލިވަޕޫލް ކުރިހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 18 މެޗުން 52 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ލެސްޓާ އަށް 19 މެޗުން 39 ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 18 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ.

ރޭގެ މެޗުން ލިވަޕޫލް މޮޅުވިއރު، މިއީ ލީގު ތާރީޚުގައި އެޓީމުން ފުރަތަމަ 17 މެޗުން ބަލިނުވެ ނިންމާލި ފުރަތަމަ ފަހަރެވެ.

ރޭ ލެސްޓާގެ ދަނޑުގައި ކުޅުނު މެޗުގައި ލިވަޕޫލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގައި ލިވަޕޫލުން ލީޑު ނަގާފައިވަނީ 31 ވަނަ މިނެޓުގައި ޓްރެންޓް އަލެކްސެންޑަ-އާނޯލްޑް ނަގައިދިން ހުރަހަކުން ރޮބާޓޯ ފިރްމީނޯ އެވެ. ލިވަޕޫލުން މެޗުގައި ލީޑު ފުޅާކުރީ 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖޭމްސް މިލްނާ އެވެ. ލިވަޕޫލަށް މި ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން ލެސްޓާގެ ޑިފެންޑަރު ޝަލްގާ ސޮޔުންޗޫ އަތުގައި ބޯޅަ ޖެހުމުންނެވެ.

ލިވަޕޫލްގެ ތިންވަނަ ގޯލް 71 ވަނަ މިނެޓުގައި އާނޯލްޑް ދިން ބޯޅަ އަކުން ފިރްމީނޯ ޖެހިއިރު، ފަހު ގޯލް 78 ވަނަ މިނެޓުގައި ޖެހީ މެޗުގެ މޮޅު ކުޅުމެއް ދެއްކި އާނޯލްޑް އެވެ.

މީގެ އިތުރުން ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ވަނީ ފަހަތުން އަރައި 4-1 އިން ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެފަ އެވެ. އަދި ޗެލްސީ ކުޅުނު މެޗުން 2-0 އިން ސައުތެމްޓަން އަތުން ބަލިވިއިރު، މިކޭލް އާޓެޓާގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުން އާސެނަލް ވަނީ ރޭ ބޯންމަތާ 1-1 އިން އެއްވަރުވެފަ އެވެ.

މަޝްހޫރު ކޯޗު ކާލޯ އަންޗެލޮޓީގެ ކޯޗުކަމުގައި އެވަޓަން ކުޅުނު ފުރަތަމަ މެޗުން އެޓީމު ވަނީ ބާންލީ އަތުން 1-0 އިން މޮޅުވެފައެވެ.