ވޭތުވެދިޔަ އަހަރަކީ ވަރަށް ކާމިޔާބު އަަހަރެއްކަމަށް ސަރުކާރުން މިވަނީ ހާމަކޮށްފައެވެ. ސަރުކާރުން ވޭތުވެދިޔަ އަހަރުކުރެވުނު ކަންތައްތަަކާއި މުހިންމު ކުރިއެރުންތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްކޮންފަރެންސްގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ތައުލީމީ ދާއިރާއިން، ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ތިބެގެން 5000 އަށްވުރެ ގިނަ ދަރިވަރުންނަށް އެކި ޔުނިވަރސިޓީތަކުން ފުރުސަތު ހޯދައިދެވިފައިވާކަމަށެވެ.

ހެނދުނުގެ ނާސްތާ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ 112 ސްކޫލެއްގައި ކޮންމެ ދުވަހަކު ފަންސާސް ފަސްހާހެއްހާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރައްވާ ހޫދު ވިދާޅުވީ ރާއްޖެއިން ބޭރަށް ކިޔަވަންދާ ކުދިންނަށް ކުރިއަށްވުރެ ފަސޭހައިން ސްޓޫޑެންޓް ލޯނު ލިބޭނެ މަގު ތަނަވަސް ކޮށްދެވިފައިވާކަމަށާ އަދި އެހެންއަހަރުތަކަށްވުރެ ގިނަ ޢަދަދަކަށް ސްކޯލަރޝިޕްގެ ފުރުސަތުވެސް ފަހިކޮށްދެވިފައިވާ ކަމަށެވެ.

ވިހެއުމާއި ގުޅިގެން މަންމައިންނާއި ބައްޕައިންނަށް ދޭ ޗުއްޓީ އިތުރުކުރެވިފައިވާއިރު، ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ދަށްކުރެވިފައިވުމަކީވެސް ކާމިޔާބީގެ ތެރޭގައި ފާހަގަކުރެއްވި ކަންކަމެވެ.

މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނުދިނުމުގެ ކަންކަން ފަހިކޮށްދިނުމަށް އެސްއެމްއީ ބޭންކު ހުޅުވިފައިވާކަން ހޫދު ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ދާދިފަހުން ގެނެވުނު އިސްލާހާ ގުޅިގެން ލާމަރުކަޒީ ނިޒާމު ހިންގުމަށް ލިބުނު ކުރިއެރުންތަކަށް ބައްލަވާލައްވަމުން، މި ބަދަލުގައި އެންމެ އިސްދައުރެއް އަދާކުރާނެ ފަރާތްތަކަކީ ރާއްޖޭގެ ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގެ ކައުންސިލުތައް ކަން ހޫދު ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ ރައީސުލްޖުމްހޫރިއްޔާގެ އެންމެބޮޑު ތަސައްވުރަކީވެސް ރާއްޖެ ޖަޒީރާ ރާއްޖެއެއްގެ ގޮތުގައި ތަރައްޤީކުރުންކަމަށާއި ލާމަރުކަޒީ ޤާނޫނަށް ގެނައި 8 ވަނަ އިސްލާހު ތަންފީޒުކުރުމާއެކު، މީގެ ކުރިން ހިފެހެއްޓިފައިހުރި ބައެއް ބާރުތަކާއި އިތުރު ބާރުތަކެއްވެސް ކައުންސިލުތަކަށް ލިބިގެން ދާނެކަން ހޫދު ފާހަގަކުރެއްވިއެވެ.

ބަޖެޓަށް ބައްލަވާލައްވަމުން ހޫދު ވިދާޅުވީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ރިކޯޑް އަދަދެއްގެ ބޮޑު ބަޖެޓެއްކަމަށާއި އެ އަދަދު ބޮޑުވާ މައިގަނޑު ސަބަބަކީ މި ބަޖެޓަކީ ރާއްޖޭގެ ތާރީޚުގައިވެސް ތައުލީމާއި ސިއްހަތާއި ޢުމުރާނީ ތަރައްޤީއަށް އެންމެ ބޮޑު ޚަރަދެއް ކުރާނެ ބަޖެޓުކަމަށް ވުމުންކަމުގައެވެ. އެގޮތުން ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއިން ސަރުކާރުން ކުރިޔަށްގެންދަވާ ބައެއް މަޝްރޫޢުތައް ހޫދު ފާހަގަކުރައްވާ ޚާއްސަގޮތެއްގައި ރާއްޖޭގެ 5 ސަރަޙައްދެއްގައި ޤާއިމުކުރާ ޓާޝަރީ ހޮސްޕިޓަލްތަކުގެ ވާހަކަ ހޫދު ހިއްސާކުރެއްވިއެވެ.

މީޑިޔާއަށް މައުލޫމާތު ދެއްވަމުން ހޫދު ވަނީ ފާއިތުވި 5 އަހަރު ރާއްޖޭގައި އޮތް ސިޔާސީ ހަމަނުޖެހުން ނިމުމަކަށްގެނެވި ރާއްޖޭގައި ސިޔާސީ ހަމަޖެހުން ޤާއިމުކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ރާއްޖޭގައި ހަމަޖެހުން ޤާއިމުކުރެވުމުން ޝަރުޢީދާއިރާ މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު މިހާރު ތަނަވަސްވެފައިވާކަމަށާ އަދި ހަމަޖެހުން ޤާއިމުވުމާއި ގުޅިގެން ކުށްތަކަށް އަރައިގަންނަ ނިސްބަތްވެސް އެވްރެޖްކޮށް 50 އިންސައްތަ ދަށްކުރެވިފައިވާކަން މި ސަރުކާރުގެ މުހިންމު ކާމިޔާބީތަކުގެ ގޮތުގައި ހޫދު ފާހަގަކުރެއްވިއެވެ.

ޢުމްރާނީ ތަރައްޤީގެ ދާއިރާއިންވެސް މިހާތަނަށް ރާއްޖޭގެ ސަރުކާރެއްގެ ފުރަތަމަ އަހަރުގެ ތެރޭގައި ނުކުރާވަރުގެ ރިކޯޑް ޢަދަދަކަށް ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް މިސަރުކާރުން ކުރިޔަށްގެންގޮސްފައިވާކަމުގައި ހޫދު ވިދާޅުވިއެވެ.

މިގޮތުން 91 ރަށެއްގައި އުމުރާނީ ތަރައްޤީގެ 118 މަޝްރޫޢު ކުރިޔަށްދާކަމަށާއި މިހުރިހާ ކަންކަމަށް ބަލާއިރު ފާއިތުވި އަހަރަކީ ސަރުކާރަށް ގިނަ ކާމިޔާބީތަކެއް ލިބިގެންދިޔަ ކާމިޔާބު އަހަރެއް ކަމުގައެވެ.