ވިލާ ކޮލެޖުން ޖެނުއަރީ 2020 އިންޓޭކުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު 05 ޖެނުއަރީ 2020 އަށް އިތުރުކޮށްފިއެވެ.

ވިލާކޮލެޖުން ބުނީ މި އިންޓޭކުގައި އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިން، އެޑިއުކޭޝަން، ޝަރީޢާ، ލޯ، އިސްލާމް، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، މާކެޓިންގ، ހިއުމަން ރިސޯސް، ރިސާރޗް، ނަރސިންގ، ސައިކޮލޮޖީ، ޕަބްލިކް ހެލްތް، މެރިން ސްޓަޑީސް އަދި ވޯޓަރ ސްޕޯޓްސްގެ ދާއިރާއިން ޖުމްލަ 97 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލާފައިވާ ކަމަށެވެ.

އެގޮތުން މާސްޓަރސް ފެންވަރުގެ 12 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ 5 ކޯހަކާއި، ޑިގްރީ ފެންވަރުގެ 21 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 17 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 14 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 12 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ 2 ކޯހަކާއި ސެޓްފިކެޓް ލެވެލް 1 ގެ 1 ކޯހުގެ އިތުރުން މެރިން ސްޓަޑީޒްސް އާއި ވޯޓަރ ސްޕޯޓްސްގެ 8 ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އޭސީސީއޭގެ ނޮލެޖް ލެވެލް، ސްކިލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް އަށް ވަނުމުގެ ފުރުސަތު ވެސް ކުރިއަށް އޮތް ޖެނުއަރީ އިންޓޭކުގައި ހުޅުވާލާފައިވާ ކަމަށް ވިލާ ކޮލެޖުން މައުލޫމާތުދެއެވެ. މި ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓަރސް އަދި ބެޗެލަރސް ޑިގްރީ ކޯސްތައް ހިމެނެއެވެ.

ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއުއައި ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖު ތ. ގުރައިދޫ ކެމްޕަސް، ވިލާ ކޮލެޖު ހިތަދޫ ކެމްޕަސް، ވިލާ ކޮލެޖު ނައިފަރު ކެމްޕަސް، ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަސް، ވިލާ ކޮލެޖު ލޭކް ސައިޑް ކެމްޕަސް (ށ.ފުނަދޫ)، ވިލާ ކޮލެޖް ލ.ގަން ކެމްޕަސް އަދި ވިލާ ކޮލެޖު މަހިބަދޫ ކެމްޕަހުގައިވެސް މި ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ.ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެގޮތުން ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓްއަށް ފީ ދެއްކޭނެ އިންތިޒާމްވެސް ހަމަޖެހިފައިވާނެއެކޮލެޖުން މައުލޫމާތުދެއެވެ.

ވިލާ ކޮލެޖުން ބުނީ ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމެއް ކިޔެވުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށެވެ.