ޖުމްހޫރީ ޕާޓީ ބޮޑުކުރުމަށް ކުރެވެމުންދާ ގިނަ މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސިޔާސީ ޕާޓީތަކަށް ފުރިހަމަ ޖާގަ އާއި، މިނިވަންކަން ދެއްވައިގެން މަސައްކަތްކުރައްވާކަމުގެ މިސާލެއް ކަމަށް ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވެއްޖެއެެވެ.

ވީޓީވީން ސިލްސިލާކޮށް ގެނެސްދޭ "އެންމެންގެ ޖުމްހޫރީ ޕާޓީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަލީ ސޯލިހު ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ފަސޭހަކަމާއެކު ޕާޓީގެ މަސައްކަތްތައް ކުރާނެ ފުރުސަތެއް މީގެ ކުރީގެ ސަރުކާރުތަކުން ދީފައިނުވާ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން ކުރަމުންގެންދާ މަސައްކަތަށް މިއަދުގެ ސަރުކާރުން އެއްވެސް ފިއްތުންތަކެއް ކުރިމަތިނުކުރާ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ މަސައްކަތްތަކަށް ހުރަސްއަޅައި، ޕާޓީއަށް ފިއްތުންތައް ކުރިމަތިކުރުވައި ޕާޓީ ނިކަމެތިކުރުވަން ސަރުކާރުތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ވިދާޅުވެ، އަލީ ސޯލިހު ވިދާޅުވީ ވަކިން ހާއްސަކޮށް ކުރީގެ ރައީސް ޔާމީންގެ އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޖުމްހޫރީ ޕާޓީއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިކުރުވާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ޖުމްހޫރީ ޕާޓީގެ ލޯގޯ އަދި ދިދަ ހިސޯރުކޮށް ޖުމްހޫރީ ޕާޓީގެ މަސައްކަތްތައް އެއްކޮށް ހުއްޓުމަކަށް ގެނުވިކަމަށް ވެސް އަލީ ސޯލިހު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް މެމްބަރޝިޕް އިތުރުކުރުމުގެ ކަމެއްވެސް ކުރެވުނީކީ ނޫން. އަޅުގަނޑުމެންނަށް އެއްވެސް ކަމެއް ކުރެވުނީކީ ނޫން. ނަތީޖާއަކަށް ވެގެން ދިޔައީ އަޅުގަނޑުމެންގެ ޕާޓީގެ ލީޑާޝިޕްގައި ތިބި ހުރިހާ ބޭފުޅުންނަށްވެސް އެކި ފަހަރު މަތިން އެކި ގޮތްގޮތަށް އަނިޔާ ލިބެމުން ދިޔުން. ވަކިން ހާއްސަކޮށް، އޮނަރަބަލް ގާސިމް އިބްރާޙިމް ޖުމްހޫރީ ޕާޓީގެ ލީޑަރު ޖަލަށް ގެންދެވުނު. ތަފާތު ގޮތްގޮތުން އަނިޔާ ކުރެވުނު.
އަލީ ސޯލިހު

އަލީ ސޯލިހު ވިދާޅުވީ މިއަދު ފެނިގެންދާ މަންޒަރަކީ ޖުމްހޫރީ ޕާޓީއަށް އެދުވަހު މަސައްކަތް ކުރަން ނުލިބުނު ޖާގާގައި މަސައްކަތްކުރަން ލިބޭތަން ކަމުގައެވެ. އަދި ޕާޓީ ބޮޑުކޮށް ޕާޓީއަށް އިތުރު ކުރިއެރުންތަކެއް ގެނުވާނެ އެތައް ބޭފުޅުންނެއް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާ މަންޒަރުކަމަށްވެސް އަލީ ސޯލިހު ވިދާޅުވެފައިވެއެވެ.

ޖުމްހޫރީ ޕާޓީ ބޮޑުކޮށް މެމްބަރުން އިތުރުކުރުމަށް ކުރެވޭ މަސައްކަތުން ޕާޓީގެ މެމްބަރޝިޕްގެ އަދަދުވެސް ބޮޑުތަނުން އިތުރުވެގެން ގޮސްފައިވާކަމަށް އަލީ ސޯލިހު ވިދާޅުވެފައިވެއެވެ. އަދި މީގެ ކުރިން ނުލިބުނު އެތައް ފުރުސަތެއް ޖުމްހޫރީ ޕާޓީއަށް މިއަދު ލިބެމުންދާކަމަށް އަލީ ސޯލިިހު ވަނީ ވިދާޅުވެފައެވެ.