އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސްއިން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗުން ސިޓީގެ މައްޗަށް އެޓީމު ކުރިހޯދީ ފަހަތުންއަރައި 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުން ބަލިވުމާއެކު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާއި ސިޓީއާ ދެމެދު އޮތް ފަރަގު ވަނީ 14 ޕޮއިންޓަށް ފުޅާވެފައެވެ. ލިވަޕޫލް އެއްވަނައިގައި އޮތީ 18 މެޗުން 52 ޕޮއިންޓު ހޯދައިގެންނެވެ. 19 މެޗުން 38 ޕޮއިންޓު ލިބިގެން ސިޓީ އޮތީ ތިންވަނައިގައެވެ. ދެވަނައިގައި އޮތީ 39 ޕޮއިންޓާއެކު އޮތް ލެސްޓާ ސިޓީ އެވެ.

ރޭގެ މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ރެފްރީ ވަނީ ސިޓީގެ ގޯލްކީޕަރު އެޑާސަންއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެޑާސަންއަށް ރަތް ކާޑެއް ދެއްކީ ވުލްވްސްގެ ޑިއޭގޯ ޖޮޓާއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

ސިޓީން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ނަމަވެސް، މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ އެޓީމުންނެވެ. ރަހީމް ސްޓާލިން ފޮނުވާލިި ޕެނަލްޓީ ވުލްވްސްގެ ގޯލްކީޕަރު ޕެޓްރީޝިއޯ މަތަކުރި ނަމަވެސް، ސްޓާލިން ވަނީ އޭނާ އަތުގައި ޖެހިފައި ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

މި މެޗުގައި ސިޓީން ލީޑު ފުޅާކުރީ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ކެވިން ޑިބްރޭނާ ދިން ބޯޅައަކުން ރަހީމް ސްޓާލިންއެވެ. އެކަމަކު އޭގެ ފަސް މިނެޓް ފަހުން އެޑަމާ ޓްރައޯރޭ ވަނީ ވުލްވްސްއަށް ފަރަގު ކުޑަކޮށްދީފައެވެ.

މެޗު ނިމެން އަށް މިނެޓަށް ވެފަައި ވަނިކޮށް ވުލްވްސްއަށް ނަތީޖާ އެއްވަރުކޮށްދިނީ ރައުލް ހިމެނޭޒް ކާމިޔާބުކުރި ގޯލުންނެވެ. އަދި އޭގެ ފަހުން 89 ވަނަ މިނެޓުގައި މެޓް ޑޮހާޓީ ވަނީ ވުލްވްސް މި މެޗުން މޮޅު ކޮށްދީފައެވެ.

ރޭގެ މެޗުން ސިޓީ ބަލިވިއިރު، މިއީ އެޓީމުގެ ފޯވާޑް ރަހީމް ސްޓާލިން ގޯލެއް ޖެހި މެޗަކުން ސިޓީ ބަލިވި ފުރަތަމަ މެޗެވެ. ލީގުގައި ސިޓީ ދެން ބައްދަލުކުރާނީ މާދަމާރޭ ޝެފީލް ޔުނަައިޓެޑާއެވެ.