ސްވިޑްންގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް އިޓަލީގެ އޭސީ މިލާނަށް ބަދަލުވެއްޖެ އެވެ.

އުމުރުން 38 އަހަރުގެ އިބްރަހިމޮވިޗް އޭސީ މިލާނަށް ބަދަލުވީ އެމެރިކާގެ މޭޖާ ލީގުގައި އެލްއޭ ގެލެކްސީއާ އެކު އޭނާ ހަދާފައިވާ އެއްބަސްވުން ހަމަވުމުން ފްރީ އޭޖެންޓެއްގެ ގޮތުގައެވެ.

އިބްރަހިމޮވިޗް އޭސީ މިލާނަށް ބަދަލުވީ ހަ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު އޭގެ ފަހުން އޭސީ މިލާނުން ބޭނުންވެއްޖެ ނަމަ އެއް އަހަރަށް އެ އެއްބަސްވުން އިތުރުކުރެވޭ ގޮތަށް ވަނީ ހިމަނާފައެވެ.

މީގެ ކުރިން 2010 އިން 2012 އަށް އިބްރަހިމޮވިޗް އޭސީ މިލާނަށް ކުޅުނުއިރު، މިލާނުން އެންމެ ފަހުން އިޓާލިއަން ލީގު ކާމިޔާބުކުރިއިރު، 2011 ގައި އެނާ ވަނީ އެޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މިލާނުގައި ހޭދަކުރި ދެ އަހަރުގެ ތެރޭގައި 85 މެޗުން 56 ގޯލް ޖަހައިދީފައިވާ އިބްރަހިމޮވިޗް ވަނީ އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނަށް ވެސް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ.

މިލާނަށް ބަދަލުވުމުގެ ކުރިން ސްޕެއިންގެ ބާސެލޯނާގައި އޭނާ ވިދާލިއިރު، އޭގެ ފަހުން ވަނީ ފްރާންސްގެ ޕީއެސްޖީ އާއި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަވެސް ކުޅެފައެވެ. އަދި ޔުނައިޓެޑް ދޫކޮށް މިދިޔަ އަހަރު އެމެރިކާގެ އެލްއޭ ގެލެކްސީއަށް ބަދަލުވެ އިބްރަހިމޮވިޗް ވަނީ އެޓީމަށް ކުޅެދިން 58 މެޗުގައި 53 ގޯލް ކާމިޔާބުކޮށް މޭޖާ ލީގުން ހޮވި ޑްރީމް ޓީމުގައި މިދިޔަ ދެ އަހަރުވެސް ހިމެނިފައެވެ.

މިލާނުން އެޓީމުގެ ކުރީގެ ފޯވާޑް އިބްރަހިމޮވިޗްގެ ސޮއި ހޯދިއިރު، ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ބާސެލޯނާގެ މިޑްފީލްޑަރު އިވާން ރަކިޓިޗާއި ޔުވެންޓަސްގެ މިޑްފީލްޑަރު އެމްރޭ ޗޭން އަދި ޑިފެންޑަރު މެރިހް ޑެމިރަލް ހޯދުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.