"ދަރިފުޅާ ތިވަރު ބިރުވެރިތަނަކަށް ދާން ކެރޭނެތަ" މިއީ ރ މަޑުއްވަރީއަށް ފުރަން ތައްޔާރުވި ވާހަކަ ބުނުމުން މަންމަ އަހަރެންނާ ކޮށްލި ސުވާލެވެ. ރ މަޑުއްވަރީއާމެދު ދިވެހިންގެ ތަސައްވަރު އޮތް މިންވަރާއި ހިސާބު ހާމަކޮށްދޭން މިވަރު ފުދެއެވެ. މި ސުވާލު ނުކުރާންވީ ކީއްވެ ހެއްޔެވެ. ފާއިތުވި ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި މަޑުއްވަރީހާ މަޝްހޫރު ރަށެއް މި ރާއްޖޭގައިވެސް ނެތެވެ. އެރަށް ސިފަވެފައި އޮތީ ނާމާންކަމާއި ބިރުވެރި ކަމުގެ ހާއްޔެއްގެ ގޮތުގައެވެ.
މަންމަގެ މި ސުވާލުގެ ޖަވާބުގައި ނުކެރޭންވީ ކީއްވެތޯއޭ ދުނިޔޭގަ ހުރިއްޔާ އެނބުރި އަންނާނަމޭ ބުނެ ދަތުރުފެށީމެވެ. މަންމަ ހިތްހަމަޖައްސާލަން ސަކަ ރާގަކަށް މިހެން ބުނި ކަމުގައިވިޔަސް ހަގީގަތުގައި އަހަރެންގެ ހިތުގައި އޮތް ނުތަނަވަސްކަންވެސް ވަކި ކުޑައެއް ނޫނެވެ. ގަދަ ކާށިދޫކަނޑު ހުރަސްކޮށް މަޑުއްވަރިއާ ދިމާއަށް ލޯންޗު މިސްރާބު ޖެހިއިރު އަހަރެންނަށް މަޑުއްވަރީގެ މަލަމަތިވެސް ސިފަވެފައިވަނީ ކަޅު އަނދިރިގަނޑެއްގެ ގޮތުގައެވެ. ސިކުނޑީގައި އެނބުރެމުން ދިޔައީ ގަބޫލުކުރަންވެސް ދަތި ފިލްމީ ޚިޔާލުތަކެކެވެ. މަޑުއްވަރީ މަތީގައި ހުރި ވިލާތައް އާދަޔާ ހިލާފަށް ބަނަވާނެއޭވެސް ބައެއް ފަހަރު ހިތަށް އެރިއެވެ. ވާނީވެސް އެހެންތާއެވެ. މަޑުއްވަރީގެ ބިރުވެރި ވާހަކަ ދައްކަމުންދިޔައީ އެހެނަކުން ނޫނެވެ.
އެހެންނަމަވެސް މަޑުއްވަރިއާ ހަމައަށް ދެވުނުއިރު ފެނުނީ ތަފާތު މަންޒަރެކެވެ. އަހަރެންނަށް ފުރަތަމަވެސް އަހާލެވުނީ މިއީ ހަމަ މަޑުއްވަރީ ތޯއެވެ. އަހަރެންގެ ޚިޔަލުގައި އެނބުރެމުންދިޔަ ފަދަ ކަޅު ވިލާގަނޑެއް ނެތީމައެވެ. ބަނދަރުމަތިންވެސް އެބުނާފަދަ ނަމާންކަމެއް ފެންނަން ނެތީއެވެ. ދެހާހެއްހާ މީހުން ދިރިއުޅޭ ބިންކުޑަ މިރަށުގެ ބަނދަރު އޮތީ މަސްވެރި އޮޑިތަކާއި ޑިންގީތަކާއި ލޯންޗުތަކުން ފުރާލާފައެވެ. ބަނދަރުމަތީ ޖޯލިތަކާއި ހޮޅުއަށިތަކުގައި މީހުން ފުރިފައެވެ. ވަކި އުމުރެއް ނެތެވެ. އެންމެންވެސް ހަމަ އެކަކު އަނެކަކާ ހީ ސަމާސަ ކުރަނީއެވެ. އެކުގައި މަސައްކަތް ކުރަނީއެވެ.
ކޮންމެއަކަސް ރަށުގެ މަލަމަތިންވެސް ފެނުނީ ރަށާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކާ މުޅިން ޚިލާފު މަންޒަރެކެވެ. ހިނގައިގެން މިއުޅޭ ކަންކަމުގެ ހަގީގަތް ހޯދުމަށް އުފެދުނު ޝައުގުވެރިކަން އިތުރު ވެގެންދިޔައެވެ. އެގޮތުން ރަށުތެރޭގައި އުޅެލާ މަންޒަރުތައް ބަލާލައި ރަށުމީހުންނާ ވަހަކަދައްކާލުމުން ލިބިގެން ދިޔައީ ހައިރާންކަމެކެވެ.
އެރަށުން މައުލޫމާތު ލިބުނު ގޮތުގައި ހަރުކަށި ފިކުރުގެ މީހުން އުޅޭކަމުގެ މަލަމަތި އެރަށުން ފުރަތަމަ ފެންނަން ފެށީ 1990 ގެ އަހަރުތަުގެ ފަހުކޮޅުގައެވެ. އެއީ މާލޭގައި އުޅުނު އެރަށުގެ މީހަކު ކިޔަވައިގެން ރަށަށް ދިޔުމަށްފަހު އެވެ. އޭނާގެ ފުށުން އެންމެ ފުރަތަމަ ފެންނަން ފެށި ޖަމާއަތުގައި ނަމާދުނުކޮށް ވަކިން ނަމާދުކުރާ މަންޒަރެވެ. އޭރު އެއީ މާބޮޑު ކަމެއްގެ ގޮތުގައި ނުދެކެވުނީ އެއީ މިސްކިތުގައި ނަމާދުކުރާ ގޮތާ އެމީހާއަށް ގަބޫލުކުރެވުނު ގޮތްތަކުގައި ހުރި ޚިޔާލުތަފާތުވުންތަކެއް ކަމަށް ބަލައިގެންކަމަށް ރަށު މީހުން ބުނެއެވެ. ފަހުން އައިސް އޭނާ އެ ވިސްނުމާއި ގަބޫލުކުރުންތައް ފަތުރައި އޭނާއާކު ދެތިންމީހުން ޖަމާއަތް ވަކިކުރިތަން ފެނިގެންދިޔަ ކަމަށްވެއެވެ.
1990 ގެ ފަހުކޮޅުން ފެށިގެން މިކަން ފެނިފައިވީ ނަމަވެސް މިފަދަ މީހުން އާންމުންނަށް ފާޅުކަން ބޮޑު ގޮތުގައި އެގޮތަށް އުޅެންފެށީ 2000 ގެ ކުރީކޮޅުގައެވެ. އެ ދުވަސްވަރުން ފެށިގެން ރަށު ތެރެއިން މޫނުބުރުގާ އެޅި އަންހެނުން ފެނި، މިސްކިތަށް ނަމާދަށްދިޔަ ބައެއް މީހުން އެމީހުންނާ ގުޅިގެން ޖަމާއަތް ވަކިކުރިކަން ޔަގީންވާ މިންވަރަށް ފެނިފައިވާ ކަމަށްވެއެވެ. އެހެންނަމަވެސް އޭރުވެސް އެވާހަކަތައް އާންމުންގެ ތެރޭގައި އެހާ އާންމެއް ނޫނެވެ. މުސްކުޅީންގެ ތެރޭގައި ތޯތޯވާހަކައެއްގެ ގޮތުގައި ތުންތުންމަތިން ދެކެވޭކަމެވެ.
މުޖުތަމައާ ވަކިން އާންމުންނާ އެކަހެރިވެ، ވަކި ޖަމާއަތްހަދާ ޒަމާނުއްސުރެ ރަށުގެ ރައްޔިތުން ދިރިއުޅެމުން އައި ގޮތާ ބީރައްޓެހި ގޮތަކަށް ރަށު ތެރޭގައި ބަޔަކު އުޅެމުންދާކަން ރަށުގެ ގިނަ ބަޔަކަށް އެނގެންފެށީ ޖަމާއަތް ބޮޑުކުރުމަށް އެމީހުން ސިއްރާ ފާޅުގަފެށި މަސައްކަތްތަކުންނެވެ. އެމީހުންގެ ޖަމާއަތަށް މީހުން ގިނަކޮށް އެ އުޅުމަށް ބަދަލުކުރުމަށް ނަސޭހަތްތައް އަމާޒުކޮށްފައިވަނީ ރަށުގައި އުޅުނު ވީއްލިފައިތިބި ޒުވާން ފުރައިގެން ކުދިންނާއި ޅަސިކުނޑިތައް ކަމަށްވެއެވެ. އެގޮތުން އޭގެތެރެއިން ބައެއް މީހުން މިސްކިތް ދޮށުގައި ތިބުމާއި ނަމާދުން ފައިބާ މީހުންނާ ވާހަކަ ދައްކައި އެމީހުންގެ ބޯކާލަން މަސައްކަތްކުރި މަންޒަރުވެސް ރަށު މީހުންނަށް ފެނިފައިވެއެވެ. އަދި އެމީހުންގެ މަސައްކަތުން އޭގެ ތެރެއަށް މަދު ބަޔަކު ހިފުނު ކަމުގައިވީ ނަމަވެސް މިކަމަށް ވިއްސަކަށް އަހަރުވެފައިވާއިރު ރަށުގައި މީގެ އެންމެ ސާޅީހަކަށް މީހުން ތިބުން މިއީ އެމީހުންގެ މަސައްކަތް އެހާ ކާމިޔާބު ނޫންކަމުގެ ހެއްކެކެވެ.
ރަށު މީހުން ބުނާގޮތުގައި ޒުވާނުންނަށް އެމީހުން ވިސްނައިދޭން މަސައްކަތް ކޮށްފައިވަނީ ޖިހާދުގެ މަގެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ޖިހާދު ވުމަކީ ފުރިހަމަ ތައުބާއަކަށް އޮތް ހަމައެކަނި މަގެވެ. އަދި ޅަކުދިން މިސްކިތާ ދުރުކޮށް އެމީހުންގެ ޖަމާއަތުގައި ބައިވެރުކޮށްފައިވާ ކަމާއި ބައެއް ކުދިން މައިންބަފައިންނާވެސް ދެކޮޅުވެ އަމިއްލަ މައިންބަފައިންނަކީވެސް ދީނާ ޚިލާފު ބައެކޭ ބުނާ ހިސާބަށް ދިޔަކަމަށް ވެއެވެ.
މި މީހުންގެ އެޖެންޑާތައް ހިންގުމަށް އާންމުންގެ ތެރެއަށް ނިކުތުމަށް އެމީހުން ޚިޔާރު ކުރި މަގެއްގެ ގޮތުަގައި އާންމުން ގަބޫލުކުރަނީ މަޑުއްވަރި އެކަމަށް މަޝްހޫރު ލަނޑާނެގުމުގެ މަސްވެރިކަމެވެ. ލަނޑާ މަސްވެރިކަން ކުރާ ދޯނިތަކުން ފަހަކައައިސް އެމީހުން މަހަށްދާން ފަށައި އެ ދޯނީގެ ފަޅުވެރިންނަށްވެސް އެވިސްނުން ވިސްނައިދޭން ފެށީއެވެ. އަދި އެމީހުން ދޯނިތެރޭގައި ޖަމާއަތް ހަދައިގެން ނަމާދުކޮށް ހުކުރުވެސް ކުރި ކަމަށްވެއެވެ. އެކަމުގެ ތެރެއަށް ދޯނީގައި ދެންއުޅޭ މީހުންވެސް ވައްދައި އެމީހުންނާ ޚިޔާލުތަފާތުނަމަ އެމީހަކާ ދެބަސްވާންވެސް ފެށީއެވެ.
މިކަމަށް ދުވަސްވަމުން އައި ވަރަކަށް ރަށުތެރޭގައި އަޑު ފެތުރެމުންދާ މިންވަރުވެސް އިތުރުވެގެން ދިޔައެވެ. އެގޮތުން ވަކި ޖަމާއަތުގައި ނަމާދު ކުރުމުގެ އިތުރަށް ކޯޓުން ބޭރުން ކައިވެނި ކޮށްގެން އުޅުމާ ދަރިންނަށް ވެކްސިންނުދީ ސްކޫލަށް ނުފޮނުވާކަންވެސް އާންމުންނަށް އެނގެން ފެށިއެވެ. އޭގެތެރެއިން ބައެއް މީހުންގެ ދަރިން ވަކި އުމުރަކަށް ދަންދެން ސްކޫލަށް ފޮނުވާ ކަމަށްވެސް ވެއެވެ. އަދި ބައެއް މީހުން ހަމަ އެއްވެސް ވަރަކަށް ނުފޮނުވަނީއެވެ. ދެންއޮތީ އެމީހުން ދިރިއުޅޭ ގެތަކުގެ ވާހަކައެވެ. އެ ގެތަކުގައި ވާނުވާ ހަމަ އެނގޭ އެކަކުވެސް ނެތީއެވެ. ރަށުމީހުން ބުނާ ގޮތުގައި އެ ގެތަކުން އަންހެނުންނާއި ކުޑަކުދިން ބޭރަށް ނިކުންނަތަން ހަމަ އެއްވެސް ވަރަކަށް ނުފެންނަނީއެވެ. އަދި ރަށުގައި ދެން އުޅޭ އޭގެ މީހުންނޫނީ އިތުރު ބަޔަކުވެސް އެ ގެތަކަށް ވަދެ ނޫޅެނީއެވެ.
އުމުރު ހަމަނުވާ ކުދިންނާ ކައިވެނިކޮށްގެން އުޅޭ ކަމުގެ އަޑު އިވެއެވެ. އެކަމަކު ފެންނަ ކޮންމެ މީހަކުވެސް ހުންނަނީ މޫނު އަޅާފައި ކަމުން އެއިން ކަމަކަށް އެއްވެސް ހެއްކެއް ނުލިބެއެވެ. އެމީހުންނަކީވެސް މީހުންނާ މާ ގުޅުން ބަދަހިކޮށްގެން އުޅޭ ބަޔަކަށް ނުވާތީ އެއިން މީހެއްގެ ފުށުންވެސް އެއްވެސް އަޑެއް އިވިފައި ނުވާކަމަށް ވެއެވެ.
މިފަދަ ކަންކަން ރަށުތެރޭގައި އާންމުވެ ރައްޔިތުންގެ ޝަކުވާތައް ގިނަވިއެވެ. ކޮންމެ މީހެއްގެވެސް ކަންބޮޑުވުމަކަށް ވެފައިވަނީ ހަރުކަށި ފިކުރުގެ މީހުން ރަށުގައި ތިބި ޅަސިކުނޑިތަކާއި ކުޅެ، ރަށުގެ ޒުވާން ޖީލު ހަލާކުވެދާނެ ކަމުގެ ބިރެވެ. ކުރިއަށް އޮތް ޖީލު މިކަމަށް މުޅިން ގޮސް ހުސްވެދާނެ ކަމުގެ ބިރެވެ. ކުދިން މައިންބަފައިންނާ ދުރުވެ އެހެންބައެއްގެ ބަހަށް ހެއްލިގެންދާތީ އެކަމުގެ ޝަކުވާއެވެ. މި ޝަކުވާތަކާއި ރަށުތެރޭގައި އުފެދިފައިވާ ނާމާންކަމާއި ބިރުވެރިކަމަށްބަލައި، މިކަންކަން އިސްލާހު ކުރުމަށް ކައުންސިލުންވެސް މީގެކުރިން މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރަށުގެ ބައެއް މީހުން ސޮއިކޮށް މިކަމާ ގުޅިގެން ކައުންސިލަށް ޕެޓިޝަނެއް ހުށަހެޅުމުން އެ ޕެޓިޝަނާއެކު ކައުންސިލުން ވަނީ އެމައްސަލަ އިސްލާމިކް މިނިސްޓްރީއަށްވެސް ހުށަހަޅާފައެވެ.
ޅަޖީލު ހަލާކުވެގެން ދިޔުމުގެ އިތުރަށް މިކަމާ ގުޅިގެން ރަށު ރައްޔިތުންގެ މާބޮޑު ކަންބޮޑުވުމެއް ޝަކުވާއެއް ނެތެވެ. ރަށުގެ ރައްޔިތުންނަށް ގޯނާކޮށް ނޫޅޭ ކަމަށާއި، އެހެންކަމުން މިހާތަނާއި ޖެހެންދެންވެސް، އެކަމާއިމެދު މާބޮޑު ބިރުވެރިކަމެއް ރަށުތެރޭގައި ފެތުރިފައި ނެތްކަން ރަށުގެ ބައެއް ރައްޔިތުން ފާހަގަކުރެއެވެ. ރަށުގެ ރައްޔިތުންނަކީ އެކަކު އަނެކަކުގެ ޒާތީ ކަންކަމާ ބެހި ނޫޅެ ބަޔަކަށްވާތީ އެބައެއްގެ ފިކުރަކީ އެބައެއްގެ ކަމެއްކަމަށްބަލައި ރައްޔިތުން ތިބީ ހަމަހިމޭނުންނެވެ.
ރަށުގައި މިމީހުންގެ ފަރާތުން ކިރިޔާވެސް ބިރުވެރި ކަމެއް ފެނިި ރައްޔިތުންނަށް އުނދަގޫވާ ހިސާބަށް ކަންތައް ދިޔައީ، ހައްމާދާ ހިސާބުންނެވެ. ގިނަމީހުން އިއްތިފާގު ވާގޮތުގައި ރައްޔިތުންނަށް އުނދަގޫވާ ފަދަ ކަންކަން ކުރަމުން އައި ކަނޑުމަތީގެ ހިނގި މާރާމާރީއެއްގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ހައްމާދާއި އާއިސްފްއެވެ. އެގޮތުން ކައިރި ރިސޯޓުތަކާ ރަށުގެ ބައެއް ގެތަކުން ވައްކަން ކުރުމާ، ރަށު ތެރޭގައި ތޫނު އެއްޗެއްސާ ލަޓިބުރި ފަދަ އެއްޗެހި ހިފައިގެން ހިނގައި އާންމުންނަށް ބިރުދައްކާ ހެދި ކަމަށްވެއެވެ. އަދި ބައެއް ފަހަރު އީދުތަކުގައި ކުޅިވަރު ކުޅޭއިރު އެތަންތަނުގައި އެއްޗެއް ގޮއްވާލާނޭ ކިޔައި މިފަދަ ވާހަކަތައް އެމީހުންގެ ފުށުން އަޑުއިވިފައިވާ ކަމަށާއި އެހެންނަމަވެސް މިހާތަނަށް އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށް ރަށުމީހުން ބުނެއެވެ. އޭރު ގަބޫލު ކުރެވުނީ އެއީ ހަމަ ހަގީގަތުގައިވެސް ބޯހަމަނުޖެހޭ ބައެއްގެ ގޮތުގައި ކަމަށް ރަށު މީހުން ބުންޏެވެ.
ރަށު މީހުންނަށް މިކަންކަމުގެ ހަގީގަތް އެނގިގެން އައީ ލަނޑާ ދޯނީގައި ހިނގި ހާދިސާއަށް ފަހުއެވެ. ހައްމާދުގެ މައްސަލަ ފެންމަތިވެގެން އައީ، ލަނޑާނެގުމަށް ނުކުތް ދޯނީގައި ހިނގި ހަމަނުޖެހުމުގައި ޒަހަމަކޮށްލައި ކަނޑަށް އެއްލާލުމުން އޭނާ ފަތާފައިގޮސް އއ މާޅޮހަށް އެރި ހިސާބުންނެވެ. މައްސަލާގެ ފުނަށް ފީނައި ތަހުގީގުތައް ފެށި ހިސާބުން ހައްމާދުއާ ގުޅުންހުރި ނުރައްކާތެރި ވާހަކަތައް ތިލަވެގެންދިޔައެވެ. އެގޮތުން އުމުރު ހަމަނުވާ ކުއްޖަކާ ކޯޓުން ބޭރުން ކައިވެނިކޮށްގެން އުޅޭ ކަމާއި، ވަކި ޖަމާއަތުގެ ހަރުކަށި ފިކުރުތަކުގެ ތެރެއިން ފޭރުމާ ވައްކަންކުރުން ފަދަ ގިނަ އަމަލުތަކެއްގެ ތެރޭގައި ހައްމާދުގެ ބޮޑު ބައިވެރިވުމެއްވާކަން ހާމަވެގެންނެވެ. މިހުރިހާ ކަމެއް އެނގި އެކަން ފެނިފައިވާ މަންޒަރުތަކާ ވަށާ ޖައްސާލުމުން އެމީހުންނަކީ ބުއްދި ސަލާމަތުން ތިބި ބައެއްކަން މިހާރު ޔަގީން ވެފައިވާ ކަމަށް މީހުން ކިޔައިދިނެވެ.
ރަށުގައި ހޭދަކުރި މި ހަތަރު ދުވަސްތެރޭގައި ރަށުގެ މީހުންގެ ފަރާތުން އިވުނު މިވާހަކަތަކުގެ އިތުރަށްވެސް ނަސީބު ހުރީތީ އިތުރު ބަޔަކާ ބައްދަލުވިއެވެ. މަޑުއްވަރީގައި ހަރުކަށި ފިކުރުގެ މީހުން ކަމަށްބުނާ މީހުންނާއެވެ. އެމީހުންގެ ވާހަކަތަކާ ފެންމަތިވެގެން މިއުޅޭ ވާހަކަތަކާ މުޅިން ތަފާތެވެ. އެމީހުން ބުނާ ގޮތުގައި އެއީ "ދީނަށް ލޯބިކުރާ" މީހުންނެވެ. އަދި ޖަމާއަތް ވަކިވެގެން އުޅެނީ ރަށުގެ މީހުން ގަބޫލުކުރާ ގޮތްތަކާ އެމީހުންނާ ހުރި ޚިޔާލުތަފާތުކަމުގެ ސަބަބުންނެވެ. ވިސްނުން އެއްގޮތް ނޫން ބަޔަކާ ގާތް ގުޅުމެއް ބޭއްވުމަކީ އިންސާނީ ތަބީއަތު ނޫން ކަމުންނެވެ.
ޅަ އުމުރުގެ ކުދިންނާ ކައިވެނި ކުރުމާ އަންހެނުން ގެއިން ނުނެރެ ތިބުމަކީވެސް އެމީހުން ބުނާ ގޮތުގައި ދީނީގޮތުން ހުއްދަ ކަންކަމެވެ. އެގޮތުން ބާލިޢު ވެފައިވާ ކޮންމެ ކުއްޖަކަށްވެސް ކައިވެނި ކުރެވޭ ކަމަށާއި ދީނުގައި އޮންނަ ގޮތަކީ އަންހެނުން ވީހާވެސް މަޑުމައިތިރި ކަންމަތީ މީހުންގެ ތެރެއަށް ނުނިކުމެ ތިބުން ކަމަށް އެމީހުން ގަބޫލުކުރެއެވެ. އެހެންނަމަވެސް އުމުރު ހަމަނުވާ ކުދިންނާ ކައިވެނިިކުރުން އެއީ ގާނޫނީ ކުށެއްކަމީ އެންމެންވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.
އެމީހުން ބުނާ ގޮތުގައި މީހުންނަށް އަނިޔާ ކުރުމާއި ވައްކަމާ ފޭރުމުގައި އެމީހުންގެ އެއްވެސް އަތެއް ނެތެވެ. އެފަދަ ކަމަކަށް އެމީހުން ނަސޭހަތްދީފައިވެސް ނުވާނެއެވެ. އަދި އެއީ ހައްމާދާ އާސިފްގެ ފަރާތުން ފެނުނު ކަންކަން ކަމަށާއި އެކަންކަން ހުއްޓާލުމަށް ކިތަންމެ ފަހަރަކު ނަސޭހަތްދީފައިވާ ކަމަށްވެސް ބުންޏެވެ. އަދި އެ ދެމީހުންގެ މައްސަލަ ފެންމަތިވެފައި މިވަނީ ނަސޭހަތް ދީދީ އެކަން ނުހުއްޓިވިގެން އެދެމީހުންނާ ވަކިވެގަނެ ދުރުވެފައި ވަނިކޮށް ކަމަށް ބުންޏެވެ. ރަށުގެ ރައްޔިތުން ބުނި ގޮތުގައިވެސް އެފަދަ އަމަލުތައް ފެނިފައިވަނީ ހަމައެކަނި އެ ދެމީހުންގެ ފުށުންނެވެ.
ކޮންމެ އަކަސް މަޑުއްވަރިގައި ހަރުކަށި ފިކުރުގެ ވާހަކަ މިއޮތީ ވަރަށްވެސް ތަފާތުކޮށެވެ. 1990 ގެ ފަހުކޮޅުން ފެށިގެން ރަށުތެރޭގައި އެފަދަ ބަޔަކު އުޅުނު ކަމުގައި ވީނަމަވެސް ރަށު ރައްޔިތަކަށް އެމީހުންގެ ދުއްތުރާލެއް ނެތެވެ. އެއީ ހަމަ ދީނީގޮތުން ޚިޔާލު ތަފާތު ބައެކެވެ. މައްސަލައަކަށް މިވީ ހައްމާދުއާ އާސިފްއާއެކު އުޅުނު ދެތިން މީހެކެވެ. އެބުނާ " ހަރުކަށި ފިކުރު" ގެ މީހުންނަށްވެސް ހައްމާދުމެންގެ އުޅުން މައްސަލައަކަށް ވެއެވެ.
އެހެންވީމާ މަޑުއްވަރީގައި އޮތް ހަރުކަށި ފިކުރު މިއޮތީ ސުވާލެއްގެ ތެރޭގައެވެ. އެބުނާ ހަރުކަށި ފިކުރަކީ ކޮބައިކަމާމެދު މިހާރު ސުވާލު އުފެދެއެވެ. މިކަމުގެ ތެރޭގައި ހަގީގަތް ނޭނގޭ ކަންކަން ކިތަންމެހާވެސް ގިނައެވެ.
އެހެންނަމަވެސް ޔަގީންވީ އެއްކަމެއް އޮތެވެ. އެއީ މަޑުއްވަރީއަކީ އެބުނާހާ ބިރުވެރި ރަށެއް ނޫންކަމެވެ. އެއީ ބަޔަކު ނުދާ ވަރުގެ ރަށެއް ނޫން ކަމެވެ. އެނބުރި މާލެއައީ ގަދަވެ ސަލާމަތުން ހުރެއެވެ. ފުރައިގެން ދިޔަ އިރު މަންމަގެ ހިތުގައި އޮތް ނުތަނަވަސްކަމަށް ހިންހަމަޖެހުން ހޯދައިގެނެވެ.
ޙަބަރު ލިޔުއްވި ކުއްޖާއަށް އެންގިލައްވާތޯ އެއްވެސް ވަރަކަށް ދީނުގެ ކަންކަން.. ؟ އެއީ ފުރަތަމަ ސުވާލު.. ދެވަނަ ސުވާލަކީ އިސްލާމްދީނުގައި އަންހެނާގެ ދަރަޖަ އެންގިލައްވާތޯ؟ މަޑުއްވަރީ ރައްޔިތުން އެއުޅެނީ ﷲ ތަޢާލާ ޤުރުޢާންގަ އަންގަވާފަ ވާގޮތައްތޯ؟ އަދި ނަބިއްޔާ އެންގެވި ގޮތައްތޯ.؟ ބުނެލަން ބޭނުން ވަނީ ކުރިއައް އޮއި ޖީލުތަކަށް ބަލާށެވެ.. މިދަޢުވަތު ދާނި އިންޝާﷲ ކުރިއަށް.. މަޑުއްވަރީ އާ މުޅި ދުނިޔެއަށް ވެސް މި ދައުވަތު ފެތުރޭނެ އިންޝާﷲ .... ކަލޭމެން ހުރިހާ އެންމެނާ އަހަރުމެނާ ދެމެދު ވަނީ ﷲ ތަޢާލާގެ ޙަޒުރަތުގަ ކޮޅައް ތިބެން ޖެހޭ ދުވަސް.. އެދުހުން އިންޝާﷲ ދޫނި ސިކުންޑި ތަކަކީ ކޮބާކަން...
ކިހާވަރަކަށް ދިރާސާ ކުރައްވާފަތޯ ޤައުމީ ސަލާމަތާ ގުޅިފައިވާކަމެއްގަ ތިހާލުއިކޮން ސިޔާސީ ކުލަ ފެންނާނެހެން ތިޔަ ލިޔުއްވީ؟ ކަމަނާއަށް އެނގިލައްވާތޯ މަޑުއްވަރީގަ ހަރުކަށި ފިކުރަށް ނިސްބަތްވާކުދިން މިޤައުމުގަ ހިންގާފައިވާ ޖަރީމާތައް؟ ކޮންމެ މާނައެއްގާނަމަހީވެސް ނަމުގެ އަސްލު ގެއްލޭނެހެންތިފަދައިން ލިޔުއްވުންތައް ލިޔުއްވާތީވެ ޤައުމުގެ ކަންކަން މިހާ ދަށުދަރަޖައަކަށް ގޮއްސާމިއޮތީ، އެއްސަރުކާރަކުން އަނެއްސާރުކާރަށް ޖެއްސުންކުރުންނޫކަމެއް ނެތްކަމަށް ހަދާގެން ކަންކަން މުރިއަށްދާތީވެ ޤައުމުދަނީ ފާހަތައްކަން ކަމަނާއަށް އެގިލައްވާތޯއެވެ؟