ޖުމްހޫރީ ޕާޓީގެ ރައީސް އަދި މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަހީދުއަކީ ވަރަށް ގާބިލް އަދި ހިންގުންތެރި ވަޒީރެއް ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހިމް މިހެން ވިދާޅުވެފައިވަނީ، މިރޭ ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ޓެގް ކުރައްވައި، ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ޓުއަރިޒަމް އިންޑަސްޓްރީއަށް ވިޔަސް، މުވައްޒަފުންނާބެހޭ ކަމެއްވިޔަސް، އެކަމެއް (އަލީ ވަހީދު) ކުރައްވާނީ ގާނޫނީގޮތުން ކުރެވެންއޮތް ގޮތަކަށްކަން ޔަގީންކުރައްވާ ކަމަށެވެ.

ހަމަ އެއާއެކު، މުސާރައާއި ސަރވިސް ޗާޖް ކަނޑައަޅާނީ މިނިސްޓަރު ނޫން ކަމަށްވެސް ގާސިމް އިބްރާހިމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ގާސިމް އިބްރާހިމް އަލީ ވަހީދުއާ ގުޅޭގޮތުން މިފަދަ ޓްވީޓެއްގައި މިކުރެއްވީ، ދާދިފަހުން މިނިސްޓަރ އަލީ ވަހީދު ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ރިސޯޓްތަކުން މުވައްޒަފުންނަށް ދޭ ސަރވިސް ޗާޖާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ވަރަށް ބޮޑެތި ފާޑުކިއުންތައް އެމަނިކުފާނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ރިސޯޓްތަކުން މުވައްޒަފުންނަށް ސަރވިސް ޗާޖް ދެނީ ރަނގަޅަށް ކަމަށް މިނިސްޓަރު އެދުވަހު ވިދާޅުވި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް، ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވަނީ، ސަރވިސް ޗާޖް ދިނުމުގައި އަމަލުކުރަނީ ރަނގަޅަށޭ ނުވަތަ ގޯހުންނޭ މިނިސްޓަރ ސީދާ ވިދާޅުނުވާ ކަމަށެވެ.

ޕްރެސް ކޮންފަރެންސްގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ދެއްކެވި ބައެއް ވާހަކަފުޅުތައް، އެ ވިދާޅުވި މަފްހޫމާ ޚިލާފަށް އަދި ވިދާޅުނުވާ ބައެއް ވާހަކަތައް ބައެއް މީޑިއާތަކުގައާއި، މީސްމީޑިއާގައި ދައުރުވަމުންދާ ކަމަށްބުނެ އެކަމުގެ ހަގީގަތް ހާމަކުރުމުގެ ގޮތުން މިނިސްޓްރީން ފަހުންވަނީ ނޫސްބަޔާނެއްވެސް ނެރެފައެވެ.

ސަރވިސް ޗާޖާ ގުޅޭގޮތުން ކުރެވުނު ސުވާލަށް ދެއްވި ޖަވާބުގައި، ރާއްޖޭގެ "ކީ" ވިޔަފާރި ކުންފުނިތައް ނުވަތަ އިންވެސްޓްކޮށްގެން ތިބި ދިވެހި ވިޔަފާރިތަކަށް ބަލާއިރުވެސް ބޭރުގެ ވިޔަފާރިތަކަށް ބަލާއިރުވެސް ސާރވިސް ޗާޖް ދިނުމުގައި ދިވެހިން ހިފެހެއްޓުމުގައި ރަނގަޅު ކަމަށް މިނިސްޓަރ ވިދާޅުވި ކަމަށާއި، ހުރިހާ އިންވެސްޓަރުންގެ ބަދަލުގައި މިނިސްޓަރ ވިދާޅުވީ، ފާހަގަކޮށްލެވޭ "ކީ" އިންވެސްޓަރުންގެ ވާހަކަ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ސަރވިސް ޗާޖާ ގުޅޭގޮތުން މިނިސްޓަރ އަލީ ވަހީދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އެކި ފަރާތްތަކުގެ ފާޑުކިއުންތައް އަމާޒުވާން ފެށުމުން، ޚުދު މިނިސްޓަރ އަލީ ވަހީދުވެސް ވަނީ މައާފަށް އެދިވަޑައިގެން ޓްވީޓެއް ކުރައްވާފައެވެ.

އަލީ ވަހީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ޕްރެސް ކޮންފަރެންސްގައި ވިދާޅުވި ބަހެއްގެ މަފްހޫމް ނުވަތަ މާނައިން ރައްޔިތެއްގެ ހިތުގައި ނުތަނަވަސްކަމެއް ވާނަމަ އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް ދެންނެވުނު ބަހެއްގެ މަފްހޫމް ނުވަތަ މާނަ އިން އެންމެ ރައްޔިތަކަށްވެސް ހިތުގަ ނުތަނަވަސްކަމެއް ވާނަމަ މައާފަށް އެދެން. ރިސޯޓް މުވައްޒަފުންނާއި އިންޑަސްޓްރީގެ މަސައްކަތުގަ މަހުން މަހަށް މީޑިއާއާ ރައްޔިތުން ކުރިމަތީ ކުރި އިޚްލާސްތެރި މަސައްކަތް މިނާނީ ތިޔަ ލޮބުވެތި ރައްޔިތުން"
އަލީ ވަހީދު

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުއަކީ ގާބިލް ވަޒީރެއް ކަމަށް ވިދާޅުވެ، ޖޭޕީގެ ލީޑަރ ގާސިމް ޓްވީޓް ކުރެއްވިއިރު، އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުވެސް މިއަދުވަނީ މިނިސްޓަރ އަލީ ވަހީދުގެ ދިފާއުގައި ޓްވީޓެއް ކުރައްވާފައެވެ.

ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދަކީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތު އަލީ ވަހީދަށް ވަރަށްބޮޑަށް ސާފުވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ، މިވީ އެއް އހަރުގެ ތެރޭގައި ޓްއަރިޒަމް މިނިސްޓްރީއަށް ހެޔޮ ބަދަލުތަކެއްވެސް އަންނަން ފަށާފައިވާ ކަމަށެވެ.