ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭސް ޓްރެވަލްސްއަށް ދޭން ޖެހޭ 8 ލައްކައެއްހާ ރުފިޔާ ނުދީގެން އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމުން އޭސް ޓްރެވަލްސްއަށް 8 ލައްކައެއްހާ ރުފިޔާ ދައްކަން ޖެހެނީ ގައުމީ ފުޓްބޯޅަ ޓީމުގެ ދަތުރުތަކަކަށް އޭސް ޓްރެވަލް މެދުވެރިކޮށް އެފްއޭއެމުން ގަތް އެއާ ޓިކެޓްތަކަށެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން މިމަހުގެ 22 ވަނަ ދުވަހު ނެރުނު ކޯޓަށް ހާޒިރުވުމުގެ އަމުރުގައި ވަނީ އެފްއޭއެމްގެ މައްޗަށް އޭސް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑުން ދައުވާކުރާ ޗެކުން ލިބެން ޖެހޭ ފައިސާ ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގައިގެ ބޭނުމަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހު ކޯޓަށް ހާޒިރުވާން އަންގާފައެވެ. މި މައްސަލަ އޮތީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައެވެ.

އެފްއޭއެމުން އޭސް ޓްރެވަލްސްއަށް ދައްކަން ޖެހޭ 8 ލައްކައެއްހާ ރުފިޔާގެ މައްސަލައެއް ފެންމަތިވިއިރު، އެފްއޭއެމުން އިންތިޒާމުކުރާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ލައިވްކޮށް ދެއްކުމަށް ވީމީޑިއާގެ ވީސްޕޯޓްސްއާއެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށްވެސް ފައިސާ މިހާތަނަށް ދައްކާފައިނުވާތީ، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ލައިވް ނުކުރަން ވީސްޕޯޓްސްއިން ވަނީ ނިންމާފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގު މެޗުތަކަކީ އެފްއޭއެމާއެކު ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން މަހުން މަހަށް ބިލު ކުރާ އުސޫލުން ވީޓީވީން ލައިވް ކުރާގޮތަށް ކާމިޔާބުކުރި ބިޑެކެވެ. ލީގުގެ ދެވަނަ ބުރުގެ ކުޅުން މިހާރު ކުރިއަށްދާއިރު، މިހާތަނަށްވެސް އެފްއޭއެމުން އެއްވެސް ފައިސާއެއް ވީމީޑިއާއަށް ދައްކާފައެއް ނުވެއެވެ.

މީގެ ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ވީމީޑިއާއަށް ދައްކަންވާާ ފައިސާ ނުދެއްކި ލަސްވަނީ ކުޅިވަރާ ބެހޭ ވުޒާރާއިން އެ އިދާރާއަށް ލިބެންވާ 5 މިލިއަން ރުފިޔާ ނުލިބި ވާތީ ކަމަށެވެ.