މާލެ އަށް ދިމާވެފައިވާ ބިމުގެ ދަތިކަމާ ތަންތަނުގެ ކުލީގެ އަގު ބޮޑުވުމުގެ ޝަކުވާއަކީ އަބަދުވެސް ރައްޔިތުން ކުރަމުން އަންނަ ޝަކުވާއެކެވެ. އަދި މިއީ މިއަދާ ހަމައަށްވެސް ހައްލު ނުކުރެވިފައި އޮތް އިޖުތިމާއީ ބޮޑު މައްސަލައެކެވެ.

މާލޭގެ ކުލީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ ކުއްޔަށް ތަންތަން ދިނުމާ ބެހޭ ބިލެއް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

މާލެއަށް ދިމާވެފައިވާ ކުލީގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހިޔާލުތަފާތެވެ. ބައެއް މެމްބަރުން ގަބޫލުކުރައްވާގޮތުގައި މާލޭގެ ކުލީގެ މައްސަލައަކީ ހައްލު ކުރެވޭނެ ކަމެކެވެ. އަދި އެކަން ހައްލުކުރުމަކީ ނުވާނެ ކަމެއް ކަމަށްވެސް ބައެއް މެމްބަރުން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ މާލެ އަށް ދިމާވެފައިވާ ކުލީގެ މައްސަލައަކީ ހައްލު ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މާލޭ ތޮއްޖެހިފައިވާއިރު، ކުއްޔަށްދޭ ތަންތަނުގެ ކުލި އިންތިހާއަށް ބޮޑުވަމުންދާ ކަމުގެ ޝަކުވާ އަކީ ގިނަ ބަޔަކު ކުރަމުންގެންދާ ބޮޑު ޝަކުވާއެކެވެ.

ދާދި ފަހުން ސަރުކާރުން ވަނީ ކުއްޔަށް ތަންތަން ދިނުމާ ބެހޭ ބިލެއް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

އަލީ ހުސައިން ވިދާޅުވީ ކުލި ކޮންޓްރޯލު ކުރެވޭނެ ކަމަށާ ކުލި ރެގިއުލޭޓުވެސް ކުރެވޭނެ ކަމަށެވެ. އަދި ކުލި ދައްވެސް ކުރެވޭނެ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ކުލީގެ މައްސަލަ ހައްލުކުރުމަށް ބޭނުންވަނީ ސިޔާސީ ހިއްވަރު ކަމަށާ އެންމެ އިސްކަމެއް ދޭން ޖެހޭ ސިޔާސަތަކީ ބޯޙީޔާވަހިކަން ކަމުގައި އަލީ ހުސައިން ވިދާޅުވިއެވެ. އަދި އިންވިޒިބްލް ހޭންޑްސް އޮފް ޑިމާންޑް އެންޑް ސަޕްލައި އަކީ އޮޅުވާލުމެއް ކަމަށްވެސް މެމްބަރު އަލީ ހުސައިން ވިދާޅުވިއެވެ.

އަލީހުސައިން އިތުރަށް ވިދާޅުވީ ދައުލަތުގެ މިލްކުވެރިކަން އޮންނަ ބަންޑާރަ ބިމުގައި އަޅާފައި ހުންނަ އިމާރާތެއްގެ ކުލި ކޮންޓްރޯލުކޮށް ރެގިއުލޭޓު ކުރުމަކީ ދައުލަތައް ނުވަތަ ސަރުކާރަށް ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ވިދާޅުވީ މާލޭ ގައި ކުލި ކުޑަ ނުކުރެވޭނެ ކަމަށާއި ކުލި ކޮންޓްރޯލް ކުރުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ހުސައިން ޝަމީމް ވިދާޅުވީ މާލޭގައި އަދި ރަށްރަށުގައި ކުލި ކޮންޓްރޯލް ކުރެވޭނެ އުސޫލެއް ނެތް ކަމަށާއި އެފަދަ އުސޫލެއް ސަރުކާރަށް ނުވެސް ހެދޭނެ ކަމަށެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ގާނޫނަކުން ކުލި ކޮންޓްރޯލް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ކުލި ކޮންޓްރޯލް ކުރެވޭނީ ޑިމާންޑްއާއި އެއްވަރަށް ސަޕްލައި އިތުރުވެ ބޭންކް ތަކުން އިމާރާތް ކުރުމަށް ނަގާ ލޯނުގެ އިންޓެރެސްޓް ރޭޓް ކުޑަކޮށްގެން ކަމަށެވެ.

ބޭންކުތަކުން ނަގަންޖެހޭ ރިސްކު ކުޑަކުރުމަށް ދައުލަތުން ކޮށްދޭން ޖެހޭ ކަންކަންވެސް ކޮށްގެން ކަމަށް ރިޔާޒް ވިދާޅުވިއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މާލެއަށް މީހުން ބަދަލު ނުވާނީ މާލޭގައި ހުރި ހިދުމަތްތައް ހަމަ އެފެންވަރުގައި ރަށުން ލިބިގެން ކަމަށެވެ. އަދި އެކަން ވާނެ ނަމަ ރަނގަޅު ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި އެއީ އޭގެ 200 މާލެ އުފެއްދުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާންމުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވެފައި އޮންނަނީ ކުއްޔަށް ހިފާ ތަނާ ނުބައްދަލު ބޮޑު ކުއްޔެއް ނަގާކަމުގެ ޝަކުވާއެވެ. ކުއްޔަށް ހިފާ ތަންކޮޅު ކިތަންމެ ކުޑަ ކަމުގައި ވިނަމަވެސް ނަގާ ކުލި ބޮޑު ކަމުގެ ޝަކުވާއެވެ.

އަދި ކުއްޔަށް ހިފާ ތަނަށް ނަގާ އެޑްވާން ބޮޑު ކަމުގެ ޝަކުވާއަކީ ވެސް އަބަދުވެސް ރައްޔިތުން ކުރާ ޝަކުވާއެކެވެ.

މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ހައްގުތަކަށް ވަކާލާތު ކުރާ މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިން ދަނީ މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ސަރުކާރުން ނުވަތަ މަޖިލީހުން ފާސް ކުރާ ގާނޫނަކުން ކޮންޓްރޯލް ކުރަން އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.

ޒަަމާނުއްސުރެ މާލެއަށް މީހުން ތޮއްޖެހެމުންދަނީ އަތޮޅުތެރޭގައި ތަރައްގީގެ ޕްލޭނެއް ނެތި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކުންވެސް މަހުރޫމްވުމުން ކަމަށް ރައްޔިތުން އަބަދުވެސް ދަނީ ބުނަމުންނެވެ.

ކުރިއަށް އޮތް ފަސް އަހަރު ދުވަަހުގެ ތެރޭގައި 20،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމައި މި ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައި ވަނީ ހިމަނައިފަ އެވެ. އޭގެތެރޭގައި ސޯޝަލް ހައުސިންގެ ގޮތުގައި މާލެ ސަރަހައްދުގައި 4،200 ހައުސިން ޔުނިޓާއި، އަތޮޅުތަކުގައި 5،000 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް އެކްޝަން ޕްލޭންގައި ވަނީ ހިމަނާފައެވެ.