އަހުމަދު ރިޒުވާން (ރިޒޭ) ގެ ހެޓްރިކާއެކު ނިލަންދޫ ސްޕޯޓްސް ކްލަބު އަތުން ކްލަބު އީގަލްސް މޮޅުވެއްޖެ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން އީގަލްސް މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު އީގަލްސްއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ދިހަވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އެވެ. އީގަލްސްއަށް މެޗުގެ ކުރީކޮޅު ޕެނަލްޓީއެއް ލިބުނީ އެޓީމުގެ ޑިފެންޑަރު ހައިޝަމް ހަސަނަށް އޭރިއާ ތެރެއިން ނިލަންދޫގެ ކުޅުންތެރިއަކު ކުރި ފައިލަކާއި ގުޅިގެންނެވެ. އޭގެ ފަހުން މެޗުގެ 13 ވަނަ މިނެޓުގައި ލީޑު ފުޅާކުރުމަށް އީގަލްސްގެ ފޯވާޑް ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ވަނީ ހުސް ފުރުސަތެއް ލިބިފައެވެ. އެކަމަކު ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ގޯލު ރޮނގުމަތިން ދިފާއުކުރީ ނިލަންދޫގެ ޑިފެންޑަރު ސައްދާމް ހުސެއިނެވެ.

އެއަށްފަހު ނިލަންދޫން މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިއިރު، 35 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ނިލަންދޫގެ ޓޮޝީކީ އޮކަމޯޓޮއަށް އީގަލްސްގެ ގޯލްކީޕަރު ކިރަން ކުރި ފައިލަކާއި ގުޅިގެން ރެފްރީ ވަނީ ޕެނަލްޓީއެއް ދީފައެވެ. ޓޮޝީކީ ފޮނުވާލި ޕެނަލްޓީ ހުރަސް ދަނޑީގައި ޖެހުމަށްފަހު ގޯލު ރޮނުގަށްވުރެ އެތެރޭގައި ބޯޅަ ޖެހުނަސް، ރެފްރީ އެ ގޯލު ބަލައިގަނެފައެއް ނުވެއެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ނިލަންދޫން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ނިލަންދޫގެ ކެޕްޓަން ފަރުހާދު އިސްމާއިލް (ފަރޭ) ހުރަސްކޮށްދިން ބޯޅައަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޓޮޝީކީއެވެ.

ދެވަނަ ހާފު ފަށައިގެން އީގަލްސްއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 73 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ އަލުން ލީޑު ނަގާފައެވެ. ހަންނަ ހުރަސްކޮށްދިން ބޯޅައަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ރިޒޭ އެވެ.

އެކަމަކު އޭގެ ދެ މިނެޓު ފަހުން ލަމްޕްޓޭ ސެމިއެލްގެ ގޯލުން ނިލަންދޫން ނަތީޖާ އެއްވަރުކުރި ނަމަވެސް، އޭގެ މިނެޓެއް ފަހުން ފަރޭ އަތުން ބައިކޮޅަށް ވަން ގޯލާއެކު އީގަލްސްއިން ވަނީ މެޗުގައި ތިންވަނަ ފަހަރަށް ލީޑު ނަގާފައެވެ. އަދި 84 ވަނަ މިނެޓުގައި އިމްރާން ހުރަސްކޮށްދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާ ރިޒޭ ވަނީ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މިއަދުގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އީގަލްސް ދެވަނައިގައި އޮތީ ކުޅުނު 14 މެޗުން 27 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް 15 މެޗުން ވަނީ 38 ޕޮއިންޓު ލިބިފައެވެ. އަދި މިއަދުގެ މެޗުން ބަލިވި ނިލަންދޫ އޮތީ ތާވަލުގެ ފުލުން ތިންވަނައިގައި 15 މެޗުން 13 ޕޮއިންޓާއެކު އެވެ.