ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޕްރީ-މެޗު ޕްރެސް އާއި ޕޯސްޓް-މެޗު ޕްރެސް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކެންސަލް ކޮށްފި އެވެ.

އެފްއޭއެމުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޕްރީ-މެޗު ޕްރެސް އާއި ޕޯސްޓް-މެޗު ޕްރެސް ކެންސަލްކޮށްފައި މިވަނީ ގިނަ ކްލަބުތަކުގެ ކޯޗުން އެފްއޭއެމަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން މި ހަފުތާގައި ކުޅެން އޮތް މެޗުތަކުގެ ކުރިން ހޮނިހިރު ދުވަހު ބާއްވަން އޮތް ޕްރީ-މެޗު ޕްރެސް އެ ދުވަހު ތާވަލުކުރި ނަމަވެސް، ފަހުން ވަނީ ކެންސަލް ކޮށްފައެވެ. އަދި މިއަދު ހަވީރު ލީގުގައި ކްލަބު އީގަލްސް އާއި ނިލަންދޫ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން އެފްއޭއެމުން ވަނީ މެޗަށްފަހު ޕޯސްޓް-މެޗު ޕްރެސް ނޯންނާނެކަން މީޑިއާއަށް އަންގާފައެވެ. ނަމަވެސް ޕްރެސް ކެންސަލްކުރި ވަކި ސަބަބެއް އެފްއޭއެމުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ ކްލަބުތައް އަޑިއަޅާލާފައިވާއިރު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ މެޗުތަކަށް ކްލަބުތަކުން ނުކުންނަނީ ރަނގަޅަށް ތައްޔާރުނުވެއެވެ. ގިނަ ކްލަބުތަކުން އެ ކްލަބުތަކުގެ ކުޅުންތެރިންނަށް މުސާރަ ނުދެވި އޮތްއިރު، ލީގުގައި ކުޅޭ ގިނަ މެޗުތަކުގައި ފޯރިއެއް ނުހުރެއެވެ.

އެންމެ ފަހުން އޮތް ޕްރީ-މެޗު ޕްރެސްގައި ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މިފަހަރުގެ ސީޒަނަކީ ދިވެހި ފުޓްބޯޅައަށް ހުރިހާ ގޮތަކުންވެސް ގެއްލުން ލިބުނު ސީޒަނެއް ކަމަށެވެ. އެކަމަކު ބޮޑެތި ބްރޭކުތަކެއްވެސް ނަގަން ޖެހުމުން މި ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ހިންގުމަކީވެސް ވަރަށް އުނދަގޫވާނެ ކަމެއް ކަމަށްވެސް ބުންޏެވެ.

މީގެ ވިސްނަން ޖެހޭ ކަމަކީ މި ހިސާބަށް ދިޔައިރު އެއްވެސް ޓީމެއް ސަލާމަތްވެފައި ނެތުން. މާޒިޔާ އެކަނި މި އޮތީ. އެހެން އެއްވެސް ޓީމެއް ނެތުން އެއީ މީގައި ވިސްނާލަންޖެހޭ ކަމެއް. ކުރިއަށް ތަނުގައި އެކަންކަމަށް ބަލާފައި ސީޒަން ޝެޑިއުލް ކުރަންވީ
ސުޒޭން

އެކަމަކު ކްލަބު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު މިހާރު އޮތީ މާޔޫސްވާންޖެހޭ ހިސާބެއްގައި ކަމަށާއި ފާޑުކިޔައިގެން އެއްވެސް ހައްލެއް ނުލިބުނު ކަމަށާއި މަޝްވަރާކޮށްގެން ކުރިއަށްދިއުން ނޫން ގޮތެއް ފެންނަން ނެތް ކަމަށެވެ.

އެފްއޭއެމުން ވެސް އެކަން ބޭނުންވެގެން އެއް މޭޒެއް ދޮށަށް އައިސް މިކަމާ ބަހުސްކޮށް ދައްކާ ވާހަކަތައް ދައްކަންވީ. އަޑު އެހުމުގެ ގާބިލްކަން ހުރިހާ ފަރާތެއްގެ ތިބެގެން އެކަމާ ވާހަކަތަކެއް ދައްކައި ހަނގުރާމަތައް ކޮށް ކިޔަން ޖެހޭ އެއްޗެއް ކިޔައިގެން ދެން ފުޓްބޯޅަ އަށް ކީއްތޯ ކޮށްދެވޭނީ ކޮންމެ މީހެއްގެ ފަރާތުން ވެސް ބަލަންވީ
މޯހަން

ލީގު ރޭވުމުގައި އެފްއޭއެމުން އިހުމާލުވާ ކަމަށްބުނެ ގިނަ ކޯޗުން މީގެ ކުރިންވެސް ފާޑުކިޔާފައިވާއިރު، އެއިދާރާގެ މާލީ ހާލަތު ގޯސްކަމަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ވީޓީވީ މެދުވެރިކޮށް ލައިވްކޮށް ދެއްކުން ހުއްޓާލުމަށް އެފްއޭއެމުން މިއަދު ވަނީ އަންގާފައެވެ. އަދި މިހާތަނަށް ވީޓީވީ މެދުވެރިކޮށް ލައިވްކުރި މެޗުތަކަށް އެފްއޭއެމުން ދޭން ޖެހޭ ފައިސާގެ ދެބައިކުޅަ އެއްބައި، މިއަދުގެ ވަގުތެއްގައި އެފްއޭއެމުން ވަނީ ވީޓީވީއަށް ދައްކާފައެވެ.

ގައުމީ ލީގެއް ކުރިއަށްދާއިރު، ލީގުގައި ވާދަކުރާ ޓީމުތަކުގެ ކޯޗުންގެ ބަހެއް ނުލިބުމަކީ މީޑިއާތަކަށް ލިބޭނެ ގެއްލުމެކެވެ. ދިވެހި ފުޓްބޯޅައިގެ ހާލަތު ވަރަށް ބޮޑުތަނުން ގޯސްވެފައިވާއިރު، މިކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ޒިންމާވާން ޖެހޭނެ ކަމަށާއި، އަދި ވަގުތުން ވަގުތަށް އެފްއޭއެމްގެ ރައީސްގެ މަގާމުން ބައްސާމް އިސްތިއުފާ ދިނުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.