އޮސްޓްރިއާގެ ސާލްޒްބާގަށް ކުޅެމުން އައި ޒުވާން ފޯވާޑް އާލިން ހާލަންޑް ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑަށް ބަދަލުވެއްޖެ އެވެ.

ހާލަންޑް ޑޯޓްމުންޑާ ގުޅިފައިވަނީ 18 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭނާ ޑޯޓްމުންޑާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން 2024 ވަނަ އަހަރުގެ ނިޔަލަށް އެޓީމުގައި މަޑުކުރާނެއެވެ. އަދި ޑޯޓްމުންޑުން ހާލަންޑަށް ހަފުތާއަކު 130،000 ޕައުންޑުގެ މުސާރައެއް ލިބޭނެއެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުން ވިދާލި ހާލަންޑް ޑޯޓްމުންޑަށް ބަދަލުވިއިރު، އޭނާ ހޯދުމަށް ހޯދަން ޔޫރަޕުގެ ނަން މަޝްހޫރު ގިނަަ ކްލަބުތަކުން ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި ޔުވެންޓަސް އަދި އާރްބީ ލެއިޕްޒީގްވެސް ހިމެނުނެވެ.

އުމުރުން 19 އަހަރުގެ ހާލަންޑް މި ސީޒަނުގައި މިހާތަނަށް 22 މެޗުން 28 ގޯލު ޖަހާފައިވާއިރު، ޗެމްޕިއަންސް ލީގުގައި ސަލްޒްބާގުން 6-2 އިން ގެންކް ބަލިކުރި މެޗުގައި ހާލަންޑް ހެދި ހެޓްރިކާއެކު އޭނާ ވެފައިވަނީ މި މުބާރާތުގައި އެކަން ހާސިލްކުރި ތިންވަނަ އަށް އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. ހެޓްރިކް ހެދިއިރު ހާލަންޑްގެ އުމުރަކީ 19 އަހަރާއި 58 ދުވަހެވެ. އަދި އޭނާ އަކީ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ފަސް މެޗުގައި ގޯލް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއެވެ.

ނޯވޭ ގައުމީ ޓީމަށް ވެސް ކުޅޭ ހާލަންޑް ވަނީ ސާލްޒްބާގުގައި ހޭދަކުރި ދެ ސީޒަނުގައި ކުޅުނު 27 މެޗުން 29 ގޯލް ޖަހާފައެވެ. އަދި އޭނާ ވަނީ މިއަހަރު އޮފް 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕްގެ ގޯލްޑަން ބޫޓްވެސް ހާސިލުކޮށްފައެވެ.