އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި އާސެނަލްގެ މައްޗަށް ޗެލްސީ ކުރިހޯދައިފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި އާސެނަލުން ވަނީ މެޗުގައި ލީޑުވެސް ނަގާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޕިއެރޭ-އެމެރިކް އޮބަމަޔަންގް އެވެ. މިއީ މިސީޒަނުގެ ލީގުގައި އޮބަމަޔަންގް ކާމިޔާބުކުރި 13 ވަނަ ގޯލެވެ.

އެކަމަކު އޭގެ ފަހުން ޗެލްސީން މެޗު ޑޮމިނޭޓކުރިއިރު، އެޓީމުން ނަތީޖާ އަނބުރާލާފައިވަނީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައެވެ. އެގޮތުން 83 ވަނަ މިނެޓުގައި އާސެނަލްގެ ގޯލްކީޕަރު ލެނޯ ހެދި ގޯހެއްގެ ފައިދާ ނަގާ ޗެލްސީއަށް އެއްވަރުކޮށްދިނީ މިޑްފީލްޑަރު ޖޯޖީނިއޯ އެވެ. އަދި މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޗެލްސީއަށް ލީޑު ނަގައިދިނީ ވިލިއަން ދިން ބޯޅައަކުން ޓެމީ އަބްރަހަމް އެވެ.

ރޭގެ މޮޅާއެކު ޗެލްސީ ތާވަލުގެ ހަތަރުވަނައިގައި އޮތީ 20 މެޗުން 35 ޕޮއިންޓު ހަމަކޮށްގެންނެވެ. އަދި އާސެނަލް އޮތީ 20 މެޗުން 24 ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގައެވެ. ރޭގެ މެޗަކީ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން އާސެނަލް ބަލިވި ހަތަރުވަނަ މެޗެވެ. އަދި މި މެޗަކީ އާސެނަލްގެ ކޯޗުގެ މަގާމާއި މިކޭލް އާޓެޓާ ހަވާލުވި ފަހުން އަމިއްލަ ދަނޑުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

ލިވަޕޫލް އާއި ވުލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން ---

މީގެ އިތުރުން ލީގުގައި ރޭ ވުލްވްސް ބަލިކޮށް ލިވަޕޫލުން އަހަރު ނިންމާލީ އަމިއްލަ ދަނޑުގައި މެޗަކުން ބަލިނުވެއެވެ.

ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވުލްވްސް އަތުން ލިވަޕޫލް މޮޅުވީ 1-0 އިންނެވެ. މި މޮޅާއެކު އެޓީމުން ވަނީ މި ސީޒަނުގައި ކުޅުނު 19 މެޗުގެ ތެރެއިން 18 މެޗުން މޮޅުވެފައެވެ. ލީގުގައި ކުޅުނު އެއްވެސް މެޗަކޫން ލިވަޕޫލް ބަލިވެފައިނުވާއިރު، އެޓީމަށް ގެއްލުނު ހަމައެކަނި ޕޮއިންޓަކީ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅެ އެއްވަރުވެގެން ގެއްލުނު ދެ ޕޮއިންޓެވެ.

ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ލިވަޕޫލުން ވަނީ މެޗުގައި ލީޑު ނަގާފައެވެ. އެޑަމް ލަލާނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭ އެވެ.

ލިވަޕޫލުން މި ހަމަލާ އުފެއްދިއިރު، އެޓީމުގެ ޑިފެންޑަރު ވާޖިލް ވެން ޑައިކާއި ލަލާނާގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެ ވުލްވްސް ކުޅުންތެރިން ވަރަށް ބޮޑަށް މައްސަލަ ޖެއްސިއެވެ. އެގޮތުން ރެފްރީ އެންތޮނީ ޓެއިލާ އެންމެ ފުރަތަމަ ލަލާނާގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމާ ގޯލް ބަލައިނުގަތް ނަމަވެސް، ވީއޭއާރުން ނިންމާފައިވަނީ އެއީ ގޯލެއް ކަމަށެވެ.

އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޕެޑްރޯ ނެޓޯ ވުލްވްސްއަށް ގޯލެއް ޖަހައިދިން ނަމަވެސް، އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާ ވީއޭއާރުން ވަނީ އެ ގޯލް ބާތިލުކޮށްފައެވެ.

ރޭގެ މޮޅާއެކު މިއަހަރު އަމިއްލަ ދަނޑުގައި މެޗަކުން ބަލިނުވެ ލިވަޕޫލުން ނިންމާލިއިރު، ރޭގެ މެޗަކީ ލިވަޕޫލުން އަމިއްލަ ދަނޑުގައި ބަލިނުވެ ހަމަކުރި 50 ވަނަ މެޗެވެ.

ރޭގެ މޮޅާއެކު ލީގު ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އޮތީ ދެވަނައިގައި އޮތް ލެސްޓާ ސިޓީއަށްވުރެ އެއް މެޗު މަދުން ކުޅެގެން 55 ޕޮއިންޓާއެކު އެވެ. ލީގުގައި ރޭ ތާވަލުގެ ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ޝެފީލްޑް ޔުނައިޓެޑް އަތުން މޮޅުވެފައެވެ. ރޭގެ މޮޅާއެކު ސިޓީ ތާވަލުގެ ތިންވަނައިގައި އޮތީ 20 މެޗުން 41 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ލެސްޓާ ސިޓީއަށް 20 މެޗުން ވަނީ 42 ޕޮއިންޓު ލިބިފައެވެ.