މިހާރު ގައުމީ ފެންވަރެއްގައި އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ ރާއްޖޭގައި އޮތް ޖިންސީ ތަފާތުކުރުަން ކުޑަކުރުމަށް ލޯކަލް ކައުންސިލް އިންތިހާބުގައި، 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްސަ ކޮށްފައިވާ ވާހަކައެވެ. ލާމަރުކާޒީ ގާނޫނަށް ގެނެވުނު އިސްލާހާއެކު، ބައެއް ފަރަތްތަކަށް މިއީ އުފާވެރި ހަބަރަކަށް ވިޔަސް މިއީ ބައެއް މީހުންނަށް ހަޖަމްވި ކަމަކަށް ނުވިއެވެ.

ފިރިހެނުންގެ ހައްގުތައް ގެއްލެނީކަމަށް ބުނެ ވާހަކަތައްވެސް ދެކެވެން ފެށިއެވެ. ކައުންސިލްގެ މަގާމަށް އެކަށީގެންވާ، ގާބިލު އަންހެެނުން އެބަތިބިތޯ ސުވާލުވެސް ކުރެވެން ފެށީއެވެ. އެންމެ ފަހުން ފިރިހެނުންގެ ހައްގުތައް ގެއްލޭ ކަމަށް ބުނެ ކޯޓަށްވެސް މައްސަލަ ހުށައެޅީއެވެ.

ތެދެކެވެ. މިވީހާތަނަށް އައިއިރު ރަށު ފެންވަރުގައި އެންމެ ކުރީސަފުގައި ހަރަކާތްރެރިވަމުން ދިޔައީ ފިރިހެނުންނެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކެއްވެސް އޮތެވެ. އެކޮމިޓީތަކުގެ މަސައްކަތަކީ އޭރު ކުނިކަހާލުމާއި، ރަށަށް އަންނަ މެހެމާނުންނަށް ސައިފޮދު އެރުވުންފަދަ ކަންކަމެވެ. ރަށް ހިންގުމުގެ ފަންތީގައި، ނުވަތަ ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރެއް އެއްވެސް ވަރަކަށް އޭރު ނޯވެއެވެ.

އެހެންނަމަވެސް، މީގެ 9 ވަރަކަށް އަހަރުކުރިން ލާމަރުކަޒީ ގާނޫނު ފާސްވުމާއެކު މިކަންކަމަށް ބަދަލު އަންނަން ފެށިއެވެ. އެއް ދައުރަށްވުރެ އަނެއްދައުރު އަންހެނުން އިންތިހާބުވާ މިންވަރު އިތުރުވެގެންވެސް ދިޔައެވެ. އެހެންނަމަވެސް، އެންމެ އެދެވޭ ކުރިއެރުމެއް މިކަމުގައިވެސް ފެނިފައެއް ނުވެއެވެ. ފުރަތަމަ ދައުރުގައި ތިބީ 4.96 އިންސައްތަ އަންހެނުންނެވެ. އެއަށްފަހު ފަހެއް އިންސައްތަ އަދި މިދައުރުގައި ތިބީ ހައެއް އިންސައްތަ އަންހެނުންނެވެ. ކުރިއެރުން ފެނުނަސް، މިއީ އެންމެ އެދެވޭ ކުރިއެރުމެއް ކަމަށް ނުބުނެވޭނެއެެވެ.

ކުރީގެ އިންތިޚާބެއްގެ ވޯޓުލުމުގެ ތެރެއިން

މިއާ ގުޅުވައި ދެން ދައްކަންއޮތީ އެންމެ ބޮޑު ވާހަކައެވެ. އަންހެނުންނަށް މިކަން ވާނެތޯ ކުރެވެމުންދާ ސުވާލެވެ. މިކަމަށް އެކަށޭނަ، ގާބިލު ކަނބަލުން އެބަތިބިތޯ ކުރެވެމުންދާ ސުވާލެވެ. މިއަށް ޖަވާބުދިނުމަށް އެންމެ އެކަށީގެންވާނީ އަންހެނުން ކުރިއެރުވުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރާ ފަރާތެކެވެ.

ވިމަން އެންޓަޕްރިނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވިއަމް) ގެ ރައީސާ ޝާއިރާ ޝަރީފްއާ ވާހަކަ ދައްކަލުމުން، ޝާއިރާ ވިދާޅުވީ މިހާރުވެސް މިކަމަށް ގާބިލު ހުނަރުވެރި ކަނބަލުން އެބަތިއްބެވި ކަމަށެވެ. ތާރީހަށް ބަލައިލި ކަމުގައިވިޔަސް، އަންހެނުންގެ ކުޅާދާނަކަމާއި ހުނަރުވެރިކަން ފެނިފައިވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން، އޭރަށްވުރެ މިއަދު ރާއްޖެ ތަރައްގީވެ ތައުލީމު ހާސިލުކޮށްގެން ތިބި ގިނަ ޒުވާން އަންހެން ކަނބަލުން ތިބިއިރު، މިފަދަ ކަންކަމަށް ކުރިމަތިލައްވާ ވާދަކުރެވޭ ވަރުގެ ކަނބަލުން އެބަ ތިއްބެވިކަމަށް ވިދާޅުވިއެވެ.

ވިއަމްގެ ރައީސާއާއެކު ވިއަމްގެ ބައެއް ބޯޑު މެމްބަރުން

އަންހެނުން ބާރުވެރިކުރުވާ، މަގާމުތަކަށް އަންހެނުން ނެރުމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން ވިއަމްއިން ޚާޢްސަ ކަންތައްތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ. މީގެފުރަތަމަ ޕްރޮގްރާމް 30 ކަނބަލުންނާއެކު މިހާރު ނިންމާލާފާވާއިރު، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ނިންމާފައެވެ.

މިކަނބަލުންގެ ތެރެއިންވެސް އެބައުޅޭ 18 ވަރަކަށް ކަނބަލުން ދާއިރާތަކަށް ނުކުންނަން ބޭނުންވާ. މީގެ ތެރޭގައި ހިމެނޭ ޕްރޮގްރާމްގެ ސަބަބުން ހިތްވަރު ލިބިގެން ނުކުންނަން ބޭނުންވި ކަނބަލުންވެސް. މިކަންވީ އަޅުގަނޑުމެންނަށްވެސް ލިބުނު އިތުރު ހިތްވަރަކަށް ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް"
ވިއަމްގެ ރައީސާ ޝާއިރާ ޝަރީފް

މިޕްރޮގްރާމްތަކުގައި މައިގަނޑު ގޮތެއްގައި ކަންކަން ރާވާ ހިންގުމާއި، އިޖްތިމާއީ ގުޅުންތައް ހަރުދަނާ ކުރުމާއި، ސިއްހީ ދުޅަހެޔޮކަމާއި، ކަންކަމުގައި އިސްނެގުންފަދަ މުހިންމު ކަންކަމުގައި ކްލާސްތައް ނަގައިދެމުންދާނެ ކަމަށް ޝާއިރާ ވިދާޅުވިއެވެ. މިކްލާސްތައް ނިމިގެންދާއިރު މުޖުތަމައުއަށް ނުކުމެ ކަންކަމުގައި އިސްނަގައިގެން މަސައްކަތްކުރުން ފަދަ މުހިންމު ކަންކަން ދަސްވެގެންދާނެ ކަމަށް ޝާއިރާ ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެންނަކީ އަންހެނުން. އަޅުގަނޑުމެންނަކީ ލީޑަރުން. އާއިލާގައިވެސް އަދި އެހެން ކަންކަމުގައިވެސް ކަންކަން ބަލަހައްޓާ މީހުން އަޅުގަނޑުމެންނަކީ. ކޮންމެ ކަމަށްވެސް ތައްޔާރަށް ތިބޭބައެއް އަޅުގަނޑުމެންނަކީ. ލީޑަރޝިޕް ދެއްކުމާއި، ޕޯޑިއަމަށް އަރާ ވާހަކަދެއްކުމާ، އެކަންކަމުގަ ފަސް ޖެހުމެއް މިއުޅެނީ. މިހާރު އެކަންކަންވެސް މަދުވަމުން ދަނީ"
ވިއަމްގެ ރައީސާ ޝާއިރާ ޝަރީފް

އަންހެނުން މަގާމުތަކަށް ނެރުމަށް، ޕާޓީތަކުންވެސް ވަނީ މަސައްކަތްތައް ފަށާފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ޖުމްހޫރީ ޕަޓީން ފެށި ރަތްފިޔަ ހަރަކާތެވެ. އެހެނިހެން ޕާޓީތަކުން އަދި އަންހެނުންނަށް އަމާޒުކޮށް ސީދާ މަސައްކަތްތައް ނުފަށާ އޮތް ކަމުގައިވިޔަސް، ކުރިއަށް އޮތްތަނުގައި ވާދަވެރި މާހައުލަކުން އަންހެނުންގެ ގޮފިތަކުގެ މަސައްކަތްތައް ފެނިގެން ދާނެކަމަށް ރައްޔިތުން އުންމީދުކުރެއެވެ.

ޖިންސީ ތަފާތުކުރުން ކުޑަކުރުމަށް މިއީ އެދެވޭ ހައްލެއް ކަމަށް ގިނަބަޔަކު ދެކެއެވެ. މިކަން ކުރަން ލަސްވެސް ވެއްޖެކަމަށް ބުނާ ބަޔަކުވެސް އެބަތިއްބެވެ. ހަމައެގޮތަށް، މިކަމުގެ ސަބަބުން ފިރިހެނުންގެ ހައްގުތައް ގެއްލޭކަމަށް ބުނާ ބަޔަކުވެސް އެބަތިއްބެވެ.

ވާހަކަތައް ކޮންމެ ގޮތަކަށް ދެކެވުނަސް، މިގާނޫނު މިއޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތަސްދީގު ކުރައްވާފައެވެ. ދެން، އޮތީ މިކަމަށް ކުރިމަތިލުމެވެ. މިގެނެވުނު އިސްލާހަކީ ލިބުނު ހިތްވަރެއްކަމަށް ދެކިގެން، ކައުންސިލްތަކުގެ ފަންސާސް އިންސައްތަ ގޮނޑި އަންހެނުން ހޯދާނެކަމަށް އުންމީދުކުރާ ބަޔަކުވެސް އެބަތިއްބެވެ. ކޮންމެއަކަސް، އަންހެން ކެންޑިޑޭޓުން ކާމިޔާބު ކުރާނީ 33 އިންސައްތަ ގޮނޑިއަށްވުރެ މަދުންތޯ ނޫނީ އެއަށްވުރެ ގިނައިންތޯ އެނގޭނީވެސް އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ނަގާ ވޯޓުންނެވެ!