ސަރުކާރުން މާލެ ސަރަހައްދުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނުނު ކުޅިވަރުގެ ވައުދުތަކުގެ ތެރެއިން ނުނިމި އޮތް ވައުދުތަކުގެ ތެރޭގައި ހިމެނޭ ސްވިމިން ޕޫލް ކޮމްްޕްލެކްސް އަޅާ ސަރަހައްދަކީ ދުވާ ޓްރެކް ސަރަހައްދު ކައިރީގައި ކުރިންހުރި ކުނިގޮނޑު އޮތް ބިމެވެ. އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލް ކޮމްޕްލެކްސް އަޅާނެ ބިން ލިބި، އެ ބިން ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ އޯގަސްޓް މަހުގެ ތެރޭގައެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އުފެދުނުތާ 45 އަހަރު ވެފައިވާއިރު، އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލެއް އެޅިގެންދިޔުމަކީ ފެތުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ސްވިމިން ޕޫލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށިއިރު، ފުރަތަމަ މަރުހަލާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއެވެ. ފުރަތަމަ މަރުހަލާ ނިމޭއިރު އެ ބިން އެއްކޮށް ސާފުކޮށް، ޕޫލް އެޅުމަށް ކޮންނަން ޖެހޭ ބިން ކޮނެ ނިމޭނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މިއަދު ސްވިމިން ޕޫލް ކޮމްޕްލެކްސް އަޅާ ބިމުގައި ހުރެ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ ޕޫލްގެ މަސައްކަތް ލަސްވި އެއް ސަބަބަކީ އެ ބިން ހަމަޖެހުމަށް ގިނަ ދުވަސްތަކެއްވުން ކަމަށެވެ. އެކަމަކު އުންމީދަކީ އަންނަ އަހަރުގެ ކުރީކޮޅު ޕޫލްގެ ކޮންސްޓްރަކްޝަން މަސައްކަތް ފެށި، ހަމަ އެ އަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލުން ކަމަށްވެސް ވިދާޅުވިއެވެ.

ސްވިމިން އެސޯސިއޭޝަނުން ވަނީ ސްވިމިން ޕޫލް ކޮމްޕްލެކްސްގެ ކުރެހުން ތައްޔާރުކޮށް ނިމިފައިވާ ކަމަށް މީގެ ކުރިންވެސް މައުލާމާތުދީފައެވެ. އެ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު އަބްދުލް ސައްތާރު ވިދާޅުވީ ކުޅިވަރާ ބެހޭ ވުޒާރާއާ ގުޅިގެން ޕޫލްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، އެ އެސޯސިއޭޝަނުގެ އަމާޒަކީ އަންނަ އަހަރު އޮންނަ 45 ވަނަ ގައުމީ ފެތުމުގެ މުބާރާތް އެ ޕޫލްގައި ބޭއްވުން ކަމަށެވެ.

އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށިއިރު، 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބާއްވާއިރު، އެޕޫލަކީ މުބާރާތް ބޭއްވޭ ވަރުގެ އިންޓަނޭޝަނަލް ސްޓެންޑާޑްގެ ޕޫލަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު މީގެ ކުރިން ވަނީ ދެއްވާފައެވެ.