ކުޅުދުއްފުށީގެ ރައްޔިތުން ވޯޓުލާނީ ސިޓީ ކައުންސިލް އެއް އިންތިޙާބު ކުރުމަށް ކަމަށް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ދާއިރާގެ މެންބަރު މިހެން ވިދާޅުވެފައި މިވަނީ، އެރަށަށް ސިޓީ އެއްގެ ދަރަޖަ ލިބި، އެރަށުގައި އިންތިހާބުކުރާނީ ސިޓީ ކައުންސިލެއް ކަމަށް ބުނެވެމުންދަނިކޮށެވެ.

ހދ. ގައި އެންމެ ތަރައްގީވެފައިވާ އެއް ރަށް ކަމުގައިވާ ކުޅުދުއްފުއްޓަށް ސިޓީ އެއްގެ ދަރަޖަ ދިނުމަށް ސަރުކާރުންވެސް ދަނީ މަސައްކަތްތަކެއް ކުރަމުން،،ނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގައި އިންތިހާބު ކުރާނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ރަށު ކައުންސިލެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

ކުޅުދުއްފުށި ސިޓީ އަކަށް ބަދަލުކުރަން ތައްޔާރުވަމުންދާކަމަށް ސަރުކާރުންވެސް ހާމަކޮށްފައި ވަނިކޮށް، އެރަށުގައިވެސް އޮންނާނީ ކައުންސިލެއް ކަމަށް އިލެކްޝަނުން ކަނޑައެޅުމާއި އެކު ރަށުގެ މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބުގައި ކުޅުދުއްފުށީގެ ރައްޔިތުން ވޯޓުލާނީ ސިޓީ ކައުންސިލް އެއް އިންތިޙާބު ކުރުމަށް ކަމަށެވެ. މެންބަރު ޔާސިރު ވަނީ، އެމް.ޑީ.ޕީ އަކީ ވަޢުދުވާ، އަދި ވައުދު ފުއްދާ ޕާޓީއެއް ކަމަށް ވިދާޅުވެ، ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި، ރައީސް ނަޝީދަށް ޝުކުރުއަދާކުރައްވާފަ އެވެ.

މެންބަރު ޔާސިރު ވާހަކަފުޅާއި ގުޅިގެން، ވީނިއުސް އިން ސުވާލު ދެންނެވުމުން ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ކުޅުދުއްފުށި ސިޓީ އަކަށް ބަދަލުކުރުމާއި ގުޅޭގޮތުން ރައީސް ދެކެވަޑައިގަންނަވާގޮތް ހާމަކުރައްވާފައިވާ ކަމަށެވެ. އަދި އެކަމަށް ކުރެވެމުންދާ މަޝްވަރާތައް އޮތީ ފެށިފައި ކަމަށް ހޫދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މީގެ ކުދިން ވިދާޅުވެފަ ވަނީ، ހދ އަތޮޅުގައި ސިޓީއެއް އެބަ އުފެދޭ ކަމަށާއި، ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެންދާއިރުގައި ދެންވާނެ ގޮތް ގާނޫނުގައި ވަރަށް ސާފުކޮށް އެބައޮތްކަމަށް ވިދާޅުވެފައެވެ.