ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ ނޮވެމްބަރު މަހު 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ގްރީން ފަންޑު ރިޕޯޓުން ދައްކާ ގޮތުގައި ނޮވެމްބަރު މަހު ގްރީން ޓެކުހުގެ ގޮތުގައި 73.1 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ރިސޯޓްތަކުންނާއި ހޮޓާތަކުންނާއި ގެސްޓްހައުސްތަކުން އަދި ސަފާރީ އުޅަނދުތަކުން ލިބުނު ފައިސާ އެވެ.

ރިސޯޓްތަކުން 67.6 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާއިރު ހޮޓާތަކުން: 1.2 މިއަލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވެއެވެ. އަދި ގެސްޓްހައުސްތަކުން 2.2 މިލިއަން ރުފިޔާ ލިބިފައިވާ އިރު ސަފާރީ އުޅަނދުތަކުންގްރީން ޓެކުހުގެ ގޮތުގައި ނޮވެމްބަރު މަހު ދައުލަތަށް ލިބިފައިވަނީ 2.24 މިލިއަން ރުފިޔާއެވެ.

މިދިޔަ މަހު އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައިވަނީ ކ. އަތޮޅުންނެވެ. އެއީ ރިސޯޓުތަކުން 24.3 މިލިއަން ރުފިޔާ، ހޮޓެލްތަކުން 166،424 ރުފިޔާ އަދި ގެސްޓުހައުސްތަކުން 959،369 ރުފިޔާ އެވެ.

ދެވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ދެއްކި އދ. އަތޮޅުގެ ރިސޯޓްތަކުން މި މުއްދަތުގައި 8.6 މިލިއަން ރުފިޔާ ދައްކާފައިވާ އިރު ގެސްޓްހައުސްތަކުން 83.8 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ވަނީ ދައްކާފަ އެވެ.

ގްރީން ޓެކްސް ދެއްކި އަތޮޅުތަކުގެ ލިސްޓުގެ ތިންވަނައިގައި އޮތީ އއ، އަތޮޅެވެ. ނޮވެމްބަރު މަހު އއ. އަތޮޅުގެ ރިސޯޓުތަކުން 6.2 މިލިއަން ރުފިޔާ އަދި ގެސްޓްހައުސްތަކުން 123،108 ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ވަނީ ދައްކާފަ އެވެ.

ގްރީން ފަންޑުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޖުމްލަ 831 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ. މީގެތެރެއިން އެކި މަޝްރޫއުތަކަށް ޖުމްލަ 362.5 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ގްރީން ފަންޑުން ކުރި ޚަރަދުތަކަށް ބަލާއިރު، އެކިއެކި މަޝްރޫޢުތަކަށް މިދިޔަ މަހު 29.8 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ.

ގްރީން ފަންޑުން ޚަރަދުކުރާ މަޝްރޫޢުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާއި ކުނި މެނޭޖްމަންޓް ނިޒާމު ޤާއިމު ކުރުމާއި ހަކަތައިގެ މަޝްރޫޢުތައް ހިމެނެ އެވެ.

ގްރީން ޓެކްސް އަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓުތަކާއި ހޮޓާތަކާއި އުޅަނދުތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ ބޭރުގެ ފަތުރުވެރިއެއްގެ އަތުން، ކޮންމެ ރެއަކަށް ނަގާ ޓެކުހެކެވެ. ރިސޯޓުތަކާއި ހޮޓާތަކުން މި ޓެކްސް ނަގަނީ މީހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. ގެސްޓްހައުސްތަކުން ނަގަނީ، މީހަކަށް ތިން ޑޮލަރުގެ މަގުންނެވެ.