ދިރާގު ދިވެހި ޕްރިމިއާ ލީގުގުގައި މިއަދު ހަވީރު ކުޅުނު މެޗުން ފޯކައިދޫ ފުޓްބޯލް ކްލަބު އަތުން ހަނިގޮތަކަށް ޓީސީ ސްޕޯޓްސް ކްލަބު މޮޅުވެއްޖެ އެވެ.

ލީގުގައި މިއަދު ހަވިރު ކުޅުނު މެޗުން ފޯކައިދޫ އަތުން ޓީސީ މޮޅުވީ 1-0 އިންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅެމެކެވެ. އެކަމަކު ފުރަތަމަ ހާފުގައި ޓީސީން ވަނީ ފޯކައިދޫގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި އިސްމާއިލް އީސަ (މެސީ) ދިން ޕާހަކުން އިބްރާހީމް އަތީގު ހަސަން ފޮނުވާލި ހަމަލާ ފޯކައިދޫގެ ގޯލްކީޕަރު ހަނީފް ސާގިބް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި މެޗުގެ 18 ވަނަ މިނެޓުގައި އިޝާން އިބްރާހީމް (ސައްޓު) އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅް ގޯލްކީޕަރު ދިފާއުކުރިއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ޓީސީން ވަނީ މެޗުގައި ލީޑުނެގުމާ ގާތަށް ޖެހިލާފައެވެ. އެކަމަކު ހުހަށްހުރެ މުހައްމަދު އައްޒާމް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މެޗުގައި ގޯލާ އަމާޒުކޮށް ފޯކައިދޫގެ ފުރަތަމަ ހަމަލާ އެޓީމުން އުފައްދާފައިވަނީ މެޗުގެ 60 ވަނަ މިނެޓުގައެވެ. އެގޮތުން ފޯކައިދޫގެ ހުސެއިން ލަމާން އަހުމަދު ފޮނުވާލި ހަމަލާ ޓީސީގެ ގޯލްކީޕަރު އިބްރާހީމް ނަދީމް ވަނީ ދިފާއުކޮށްފައެވެ. އަދި 74 ވަނަ މިނެޓުގައި ފޯކައިދޫން މެޗުގައި ލީޑު ނެގުމާ ގާތަށް ޖެހިލިއެވެ. ޓީސީގެ ކެޕްޓަން އަހުމަދު ފައްރާހު އަތުން ބައިކޮޅަށް ދިޔަ ބޯޅަ ގޯލަށް ނުވަދެ ސަލާމަތްވީ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

އޭގެފަހުން 78 ވަނަ މިނެޓުގައި ސައްޓު ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އޭގެ މިނެޓެއް ފަހުން ފޯކައިދޫގެ ލަމާނަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް 87 ވަނަ މިނެޓުގައި އަބްދުލް ވާހިދު އިބްރާހީމް (ވާޑު) ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ ޑިފެންޑަރު މުހައްމަދު އަޖުފާނެވެ.

މެޗަށްފަހު ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި، މި މެޗުން ޓީސީއަށް ލިބިގެންދިޔައީ ވަރަށް މުހިންމު ތިން ޕޮއިންޓު ކަމަށެވެ. ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ވަނީ މެޗަށްފަހު ރެފްރީންގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އޭނާ ބުނީ މުޅި ސީޒަނުގައި ފޯކައިދުއަށް ހަމަހަމަ ފުރުސަތެއް ލިބިފައިނުވާ ކަމަށާއުި، ބަޔަކު ޗުއްޓީގައި ތިބެގެން ލީގު މިގޮތަށް ނުހިންގޭނެ ކަމަށެވެ.

މިއަދުގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޓީސީ ތާވަލުގެ ހަތަރުވަނައިގައި އޮތީ 13 މެޗުން 25 ޕޮއިންޓާއެކު އެވެ. އަދި މިއަދުގެ މެޗުން ބަލިވި ފޯކައިދޫ އޮތީ 15 މެޗުން 20 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.