ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އެކަމަކު މެޗުގެ 19 ވަނަ މިނެޓުގައި ދަ ގްރާންޑޭއިން ވަނީ ލީޑު ނަގާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އަހުމަދު އިމާޒެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން ޔޫވީން ވަނީ ނަތީޖާ އެއްވަރުކުރުމާ ގާތަށް ޖެހިލާފައެވެ. ޔޫވީގެ އަލީ ހައިޝަމް (ޗުމްޕު) ބޮލުން ފޮނުވާލި ބޯޅަ ދަ ގްރާންޑޭގެ ޑިފެންޑަރު މުހައްމަދު ނިޒާމްގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ދިޔައިރު، އެ ބޯޅަ ގޯލަށް ނުވަދެ ސަލާމަތްވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ދެވަނަ ހާފު ފަށައިގެން ދަ ގްރާންޑޭއިން ރަނގަޅު ކުޅުމެއް ދެއްކިއިިރު، 50 ވަނަ މިނެޓުގައި އަހުމަދު އަޔާޒް (އަޔާ) ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ޗުމްޕު ވަނީ ގްރާންޑޭގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ، ގްރާންޑޭގެ ގޯލްކީޕަރު ފައިސަލް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެެވެ. އަދި އޭގެ މިނެޓެއް ފަހުން އިސްމާއިލް ޝަފީއު އުފެއްދި ނުރައްކާތެރި ހަމަލާއެއްވެސް ގޯލްކީޕަރު ފައިސަލް ވަނީ ދިފާއުކޮށްފައެވެ.

އެކަމަކު 80 ވަނަ މިނެޓުގައި ގްރާންޑޭއަށް ވަނީ ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެޓީމުގެ ފޯވާޑް އޮބައިދާ ކަދުމް ފޮނުވާލި ހަމަލާ ޔޫވީގެ ގޯލްކީޕަރު ތޮލާލްގެ އަތުގައި ޖެހިފައި ނުކުތް ބޯޅަ، ގްރާންޑޭގެ ތޮލާލް ނަސީރަށް ހުސްކޮށް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ. އޭގެ ތިން މިނެޓު ފަހުން ކޯނަރަކުން ޔޫވީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އަލީ ޝަމާލް (ޝައްމު) ނަގައިދިން ކޯނަރުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ސިލިޗް އެވެ.

މިރޭގެ މެޗުން ލިބުނު ޕޮއިންޓަކާއެކު ދަަ ގްރާންޑޭ ވަނީ ތާވަލުގެ ފަސްވަނައަށް ޖެހިލާފައެވެ. ދަ ގްރާންޑޭއަށް 15 މެޗުން 20 ޕޮއިންޓު ލިބިފައިވާއިރު، ހަވަނައަށް ވެއްޓުނު ފޯކައިދޫ ފުތްބޯލް ކްލަބަށްވެސް 15 މެޗުން ވަނީ 20 ޕޮއިންޓު ލިބިފައެވެ. ދަ ގްރާންޑޭއަށް ކުރިލިބެނީ ގޯލުގެ ތަފާތުންނެވެ. އަދި މިރޭގެ މެޗުން ލިބުނު ޕޮއިންޓަކާއެކު ޔޫވީ ވަނީ ތާވަލުގެ ހަތްވަނައަށް ޖެހިލާފައެވެ. އެޓީމަށް ވަނީ 15 މެޗުން 13 ޕޮއިންޓު ލިބިފައެވެ.