ހދ. ކުޅުދުއްފުށްޓަކީ ސިޓީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފި އެވެ.

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ.

ރައީސުލްޖުމްހޫރީއްޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 1 ޖަނަވަރީ 2020 އިން ފެށިގެން ކުޅުދުއްފުށްޓަކީ ލާމަރުކަޒީ ޤާނޫނުގައި އޮންނަ އުޞޫލުން ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.

ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ދޭން ސަރުކާރުން ނިންމާފައި މިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށްޓަށް ރަށު ކައުންސިލެއް އިންތިހާބު ކުރަން ނިންމާފައިވާތީ އެރަށު ރައްޔިތުން އިހުތިޖާޖަކަށް ނުކުންނަން ތައްޔާރުވެފައި ވަނިކޮށެވެ.

ކުޅުދުއްފުށި ސިޓީއެއްގެ ދަރަޖަ ލިބުމުން އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް، އިންތިޚާބީ 6 ދާއިރާއަކަށް ކުޅުދުއްފުށި ބެހިގެންދާނެ އެވެ. އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ ގާނޫނީ ބާރު ލިބިފައިވަނީ އިލެކްޝަންސް ކޮމިޝަނަށެވެ.

ގާނޫނުގައިވާ ގޮތުން އާބާދީގައި 10،000 މީހުން އުޅޭނަމަ އެރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވޭނެއެވެ. ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އަރާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގައެވެ.