ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޕޯސްޓް-މެޗު ޕްރެސްތައް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލުން އިއްޔެ ފަށައިފި އެވެ.

ލީގުގެ ޕްރީ-މެޗު ޕްރެސް އާއި ޕޯސްޓް-މެޗު ޕްރެސްތައް އެފްއޭއެމުން މި ހަފުތާގައި ކުއްލި ގޮތަކަށް ކެންސަލްކުރީ އެ ޕްރެސްތަކުގައި ގިނަ ކްލަބުތަކުގެ ކޯޗުން އެފްއޭއެމަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން މި ހަފުތާގައި ކުޅެން އޮތް މެޗުތަކުގެ ކުރިން ހޮނިހިރު ދުވަހު ބާއްވަން އޮތް ޕްރީ-މެޗު ޕްރެސް އެ ދުވަހު ތާވަލުކުރި ނަމަވެސް، ފަހުން ވަނީ ކެންސަލް ކޮށްފައެވެ. އަދި އާދީއްތަ ދުވަހުގެ ހަވީރު ލީގުގައި ކްލަބު އީގަލްސް އާއި ނިލަންދޫ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން އެފްއޭއެމުން ވަނީ މެޗަށްފަހު ޕޯސްޓް-މެޗު ޕްރެސް ނޯންނާނެކަން މީޑިއާއަށް އަންގާފައެވެ.

އެފްއޭއެމުން މިގޮތަށް ނިންމި ސަބަބު ސާފުކުރަން އާދީއްތަ ހަވީރުން ފެށިގެން އެފްއޭއެމްގެ މީޑިއާ ވަޓްސްއަޕް ގްރޫޕުގައި ނޫސްވެރިން ސުވާލުކުރުމުން އޭރު އެއްވެސް ޖަވާބެއް ނުލިބުނެވެ. ނަމަވެސް އިއްޔެ އެފްއޭއެމުން ބުނީ ޕޯސްޓް-މެޗު ޕްރެސް ކެންސަލްކުރެވުނީ އޮޅުމަކުން ކަމަށެވެ. އެހެންކަމުން ލީގުގައި އިއްޔެ ކުޅުނު ދެ މެޗުގެ ޕޯސްޓް-މެޗު ޕްރެސް ވަނީ ބާއްވާފައެވެ.

މީގެ އިތުރަށް އެފްއޭއެމުން ބުނީ މެޗުގެ ކުރިން ބާއްވާ ޕްރީ-މެޗު ޕްރެސް ކެންސަލްކުރީ އެފްއޭއެމްގެ މީޑިއާ ރޫމުގައި ކުޑަ މަރާމާތެއް ކުރަމުންދާތީ އާއި އެފްއޭއެމްގެ ޓެކްނިކަލް ސްޓާފުންނަށް ހަތް ދުވަހުގެ ސެމިނާއެއް އެތަނުގައި ކުރިއަށްދާތީ ކަމަށެވެ. އެކަމަކު ޓީމުތަކުގެ ފަރިތަކުރުންތަކަށްފަހު ފަހު ޓާފް ދަނޑުގައި ކޯޗުންގެ އިންޓަވިއު ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެފްއޭއެމުން ޕްރީ-މެޗު ޕްރެސް އަލުން ފެށި ނަމަވެސް، ޕްރެސް ފެށުމުގެ ކުރިން އެފްއޭއެމްގެ އޮފިޝަލަކު ވަނީ، ސުވާލުކުރެވޭނީ ހަމައެކަނި މެޗާ ގުޅޭ ގޮތުން ކަމަށް ނޫސްވެރިންނަށް އަންގާފައެވެ.

ޕްރެސް ކެންސަލްކުރުމާ ގުޅޭގޮތުން ރޭ ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ އެފްއޭއެމުން ޕްރެސް ކެންސަލްކުރީ ކޯޗުންގެ ފާޑުކިޔުމާ ގުޅިގެން ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި އެ ޕްރެސްތަކުގައި ކޯޗުން ދައްކަނީ ފުޓްބޯޅައަށް ކޮންމެވެސް ގޮތަކުން ފައިދާހުރި ވާހަކަތަކެއް ކަމަށްވެސް ވަނީ ބުނެފައެވެ.