އައްޑޫގައި ސިޓީ ފަތުރުވެރިކަން ތަރައްގީކުރުމަށް ދޫކުރާ ބިންތަކަށް ކުރިމަތިލާން ދިން މުއްދަތުގައި، 63 ބިމެއް ބިޑް އުސޫލުން ވިކިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ޓޫރިޒަމަށް އައްޑޫ އިން ބިޑު ކުރީ، 96 ބިމުގެ 4000 އެނދަށެވެ. ނަމަވެސް މީދޫ ރައްޔިތުން އެދިގެން ލޮކޭޝަން ބަދަލުކުރުމަށް މީދޫގެ 16 ބިމުގެ 320 އެނދު މަޑުޖައްސާލުމުން، މި ބުރުގައި ބިޑަށް ހުޅުވާލާފައި ވަނީ 80 ބިމަކަށް 3680 އެނދަށެވެ.

އައްޑު ސިޓީ ކައުންސިލުން ބުނީ ބިޑަށް ހުޅުވާލި 96 ބިމުގެ ތެރެއިން މުއްދަތު ހަމަވިއިރު 63 ބިމަކަށް ބިޑު ހުށަހަޅާފައިވާ ކަމަށާ އަދި މުއްދަތު ހަމަވިއިރު ނުވިކެނީ 17 ބިމެއް ކަމަށެވެ.

އެހެންކަމުން އެ 17 ބިމުގައިވާ އެނދުތައް ޓޫރިޒަމް ޒޯންތަކުގެ ކޮމަން ފެސިލިޓީތައް އެއްކޮށް ތަރައްގީކުރެވިދާނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ. އަދި ބިޑު ކާމިޔާބުކުރާ ފަރާތްތަކުން މަސައްކަތް ފަށާއިރު 17 ބިމުގެ މަސައްކަތާއި ކޮމަން ފެސިލިޓީތަކުގެ މަސައްކަތް އަދި ލޭންޑްސްކޭޕިންގ އާއި ބީޗު ހެދުމުގެ މަސައްކަތްވެސް އެކު އެކީގައި ފެށިގެން ކުރިއަށް ދާނެ ކަމަށް ކައުންސިލުން މައުލޫމަތުދެއެވެ.

އައްޑޫ ސީޓީގައި ރަށު ޓޫރިޒަމް ފުޅާ ކުރަން 4،000 އެނދު ތަރައްގީ ކުރަން އައްޑޫ ސިޓީ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ މަހު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އައްޑޫ ސިޓީގައި މިހާރު ތިން ރިސޯޓެއް ހިންގަމުންދިޔަނަމަވެސް އައްޑޫ އަކީ މިއަށްވުރެ ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަން ހިންގިދާނެ ސިޓީއެއްގެ ގޮތުގައި ރައްޔިތުން އަންނަނީ ބުނަމުންނެވެ.

އައްޑޫގައި މިވަގުތު ހިންގަނީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓާއި ކެނަރީފް ރިސޯޓުގެ އިތުރުން، އިސްމެހެލާހެރައިގައި ތަރައްގީކޮށްފައިވާ ސައުތު ޕާމް ރިސޯޓެވެ.