މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި 3 މައްސަލަ އަނބުރާ ފޮނުވާލައިފިއެވެ.

ޕީޖީ އޮފީހުން ދައުވާނުކޮށް އަނބުރާ ފޮނުވާލާފައިވަނީ ޑރ.އަފްރާޝިމް ޢަލީ އާއި ނޫސްވެރިޔާ އަޙްމަދު ރިޟުވާނާއި ބްލޮގަރ ޔާމީން ރަޝީދު މަރާލަން ރާވާ އެކަންކުރުވިކަމަށް ތުހުތުކުރެވޭ މީހުންގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވި މައްސަލަތަކެވެ.

މިމައްސަލަތަކުގައި ރިޔާސީ ކޮމިޝަނުން ދަޢުވާކުރުމަށް އެދިފައިވަނީ މުޙައްމަދު މަޒީދާއި، ސާމިތު މުޙައްމަދުގެ މައްޗަށެވެ. ޕީޖީ އޮފީހުން ބުނީ އެ ދެމީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާފައި ނުވާކަމަށެވެ. އަދި މައްސަލަ އަނބުރައި ފޮނުވާފައިވަނީ ތަހުގީގުގެ ބައެއް ކަންކަން ފުރިހަމަ ނުވާތީކަމަށާ އިޖުރާއީ ގޮތުންވެސް އަދި އިތުރަށް ފުރިހަމަ ކުރަންޖެހޭ މައުލޫމާތުތަކެއް އެބަހުރިކަމަށެވެ.

މަރުތައް ތަޙްޤީޤްކުރާ ރިޔާސީ ކޮމިޝަނުން ޑރ.އަފްރާޝީމް ޢަލީއާއި ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މަރުގެ މައްސަލަ ތަޙްޤީޤްކޮށް ޢާންމުކުރި ރިޕޯޓްގައި ވަނީ މަޒީދާއި ސާމިތަކީ ހަރުކަށި ފިކުރު ރާއްޖޭގައި ފަތުރާ އޭގެ ސެލްތައް ރާއްޖޭގައި ހިންގާ ފަރާތްތަކެއްކަމަށް ތުހުމަތުކޮށްފައެވެ. އަދި އެމީހުންނަކީ ރާއްޖޭގައި ހިންގާ އަލްޤައިދާ ގޮފި ހިންގާ ބައެއްކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ދައުވާ ސާބިތުވެފައި ވަނީ ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށެވެ.

ޔާމީން ރަޝީދު މަރާލާފައިވަނީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެރޭގެ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރިއުޅުނު މ. ސްޕެޝޫލާގޭގެ ސިޑި ކައިރީގައެވެ. މި މައްސަލާގައި ދައުވާކޮށްފައި ވަނީ 6 މީހެއްގެ މައްޗަށެވެ. އެއީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދެވެ. މި ހަމީޙުންގެ މައްޗަށްވެސް ކުރަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި ކަމުގެ ދައުވާއެވެ.

މީގެ އިތުރުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ރިޟުވާން އަބްދުﷲ ގެއްލިފައިވަނީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.