އަހަރެއް ނިމި، އައު އަހަރަކަށް މަރްހަބާ ކިޔާހިނދު، އަޒުމް އާކުރަންޖެހޭ އެތައްކަމެއް އެބަހުރި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހިމް މިހެން ވިދާޅުވީ، މިފެށުނު މިލާދީ އައު އަހަރުގެ މުނާސަތުގައި ފޮނުއްވި ތަހުނިޔާގެ ޚިތާބުގައެވެ.

ގާސިމް އިބްރާހިމްގެ ޚިތާބުގައި، މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި، ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށާއި، ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ތަހްނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައި ވެއެވެ.

އައު އަހަރަކަށް މަރްހަބާ ކިޔާހިނދު، އަޒުމް އާކުރަންޖެހޭ އެތައްކަމެއް އެބަހުރިކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އެއީ، އިސްލާމްދީނުގެ މަތިވެރި ޝިއާރު އެއްވެސް ފަސްޖެހުމެއްނެތި އުފުލުމުގެ އަޒުމް ކަމަށާއި، ދިވެހި ގައުމުގެ މިނިވަންކަމާއި، ސިޔާދަތު ހިމާޔަތްކުރުމުގެ އަޒުމް ކަމަށެވެ. ދިވެހިންގެ ހިތްގައިމު ވެށީގެ ރިތިކަމާއި، ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ އަޒުމާއި، ނާތަހުޒީބު ގޮތްތައް ދޫކޮށް ތަހުޒީބު މުޖުތަމައެއް ބިނާކުރުމުގެ އަޒުމް ކަމަށެވެ.

އެއީ، އަމިއްލަ މިނިވަންކަމަށް އަޑު އުފުލާ ފަދައިން އެހެން މީހުންގެ މިނިވަންކަމަށް އިހްތިރާމް ކުރުމުގެ އަޒުމާއި، ތަރުބިއްޔަތުގެ ފޭރާން ހެޔޮ ޖީލެއް ބިނާކުރުމާއި، ނަފްސާނީ ގޮތުންނާއި، ޖިސްމާނީގޮތުން ދުޅަހެޔޮ މީހަކަށް ވުމުގެ އަޒުމް ކަމަށްވެސް ގާސިމްގެ ޚިތާބުގައި ވިދާޅުވެފައި ވެއެވެ.

ދިވެހިން މި އަޒުމާއި ހިތްވަރުގައި ތިބިހާ ދުވަހަކު ތަހުޒީބާއި ތަމައްދުންގެ މަގުގައި ދިވެހިން ކުރިއަރާ ދާނެކަން ކަށަވަރު ކަމަށް ޖޭޕީގެ ލީޑަރުގެ ޚިތާބުގައި ވިދާޅުވެފައި ވެއެވެ.

"މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި، ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށާއި، ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ތަހްނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ. އަހަރެއް ނިމި، އާ އަހަރަކަށް މަރްހަބާ ކިޔާހިނދު، އަޒުމް އާކުރަންޖެހޭ އެތައްކަމެއް ހުރިކަން މިމުނާސަބަތުގައި އަޅުގަނޑު ފާހަގަކުރަމެވެ. އެއީ، އިސްލާމްދީނުގެ މަތިވެރި ޝިއާރު އެއްވެސް ފަސްޖެހުމެއްނެތި އުފުލުމުގެ އަޒުމެވެ. ދިވެހި ގައުމުގެ މިނިވަންކަމާއި، ސިޔާދަތު ހިމާޔަތްކުރުމުގެ އަޒުމެވެ. ދިވެހިންގެ ހިތްގައި ވެށީގެ ރިތިކަމާއި، ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ އަޒުމެވެ. ނާތަހުޒީބު ގޮތްތައް ދޫކޮށް ތަހުޒީބު މުޖުތަމައެއް ބިނާކުރުމުގެ އަޒުމެވެ. އަމިއްލަ މިނިވަންކަމަށް އަޑު އުފުލާ ފަދައިން އެހެން މީހުންގެ މިނިވަންކަމަށް އިހްތިރާމް ކުރުމުގެ އަޒުމެވެ. ތަރުބިއްޔަތުގެ ފޭރާން ހެޔޮ ޖީލެއް ބިނާކުރުމުގެ އަޒުމެވެ. ނަފްސާނީ ގޮތުންނާއި، ޖިސްމާނީގޮތުން ދުޅަހެޔޮ މީހަކަށް ވުމުގެ އަޒުމެވެ. ދިވެހިން މި އަޒުމާއި ހިތްވަރުގައި ތިބިހާ ދުވަހަކު ތަހުޒީބާއި ތަމައްދުންގެ މަގުގައި ދިވެހިން ކުރިއަރާ ދާނެކަން ކަށަވަރެވެ. ކީރިތިﷲ ދިވެހި އުއްމަތަށް އަބަދުގެ އަބަދަށް ހެޔޮގޮތް މިންވަރު ކުރައްވާށި. އާމީން"
ގާސިމް އިބްރާހިމް