އަމާޒަކީ ރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ޙިމާޔަތްކުރުމަށް ޑިޕްލޮމެސީގެ އައްޑަނަ ހުށިޔާރުކަމާއިއެކު ވަރުގަދަކުރުން ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ ދެހާސް ވިހި ވަނަ އަހަރާ އަޅުގަނޑުމެން މި ކުރިމަތިލަނީ އުއްމީދުން ފުރިފައިވާ ހިތްތަކަކާއެކުކަން ފާހަގަކުރައްވާ އެމަނިކުފާނު ފޮނުއްވި އައު އަހަރުގެ ތަހުނިޔާގެ މެސެޖްގައެވެ.

މިނިސްޓަރ ވިދާޅުވީ މި ޖަޒީރާ ދިވެހިރާއްޖެ އަކީ ދުނިޔޭގެ ހުރިހައި ކުދި ޖަޒީރާ ގައުމުތަކެއްގެ އުއްމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ވަކާލާތުކުރާ އެންމެ އިސް ގައުމަކަށް ހެދުމަކީ އަމާޒެއް ކަމަށެވެ. އަދި ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށް އާ ފުރުސަތުތައް ފަހިކޮށް އެ ފުރުސަތުތަކުގެ ބޭނުން އެންމެ ފައިދާ ކުރަނިވި ގޮތެއްގައި ހިފުމަށް ދޮރުތައް ހުޅުވައިދިނުމަކީވެސް އަމާޒެއް ކަމަށެވެ.

މިފެށުނު އަހަރަކީ ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބި، އަމިއްލަ މިނިވަން ހާރިޖީ ސިޔާސަތެއް ހިންގަން ފެށިތާ 55 އަހަރު ފުރޭ ތާރީހީ އަހަރުކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މި އާ އަހަރަށް މަރުޙަބާ މިކިޔަނީ އާ އަޒުމަކާ، އާ ހިތްވަރަކާއެކު މުޅިން އާ ހަރުފަތްތަކެއް ގިރާ ކުރުމަށް ކަމަރު ބަނދެގެން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ޒަޢާމަތުގެ ފުރަތަމަ އަހަރު، އެމަނިކުފާނުގެ ހާރިޖީ ސިޔާސަތު ހިންގުމުގައި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ސިޔާސީ މަސްރަހުގައި ބޮނދައި، ގަލެއްގެ ދަށުގައި ފިލަން އޮތް އޮތުން ދޫކޮށް، ދިވެހިރާއްޖެ މިހާރު ވަނީ އަލުން އަނެއްކާވެސް ދިވެހިންގެ ޝަރަފުވެރި ހައްޤު މަޤާމް ހޯދާފައި ކަމަށެވެ. ޒަމާންވީ ރަހުމަތްތެރިންނާ ގުޅުން ބަދަހިކޮށް، އަތުގުޅާލައި، އިތުރު ޤައުމުތަކާއި ގުޅުން ޤާއިމްކޮށް، ދުނިޔޭގެ އިހުތިރާމާއި ގަދަރު ލިބޭ ފަޚުރުވެރި ގައުމަކަށް ރާއްޖެ މިހާރު ވެފައިވާ ކަމަށް މިނިސްޓަރ ވިދޅާުވިއެވެ.

ނިމިގެންދިޔަ އަހަރު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި، ބޭރަށް ދަތުރުކުރާ ދިވެހިންނަށް ލިބިގެން ދިޔަ ލުއިފަސޭހަތަކާއިއެކު، މި ފެށުނު އަހަރުވެސް އިތުރު ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް މިނސިްޓާރ ޝާހިދުވަނީ އަޒުމް ކަނޑައަޅުއްވާފައެވެ. އަދި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ކުރިއަރުވައި، ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ދިވެހި ޚާރިޖިއްޔާއަކީ އަކީ ހުރިހައި ދިވެހި ރައްޔިތުން ފަހުރުވެރިވާފަދަ ހުނަރުވެރި، ގާބިލު، ޕްރޮފެޝަނަލް ފޮރިން ސާރވިސް އަކަށް ހެދުމަށްވެސް މިނިސްޓަރ ވަނީ ނިންމަވާފައެވެ.