19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް، ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށްހުރި އަހުމަދު ނާޝިދު (ނާދު) ހަމަޖައްސައިފިއެވެ.

19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ނާދު ހަމަޖެއްސީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި އޮތް 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުން ލޯ މެޑަލް ކާމިޔާބުކޮށްދިން ކޯޗު މުހައްމަދު ޝާޒްލީ އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. ޝާޒްލީ މަގާމުން އިސްތިއުފާ ދިނީ ދިރާގު ދިވެހި ޕްރިިމިއާ ލީގުގައި ވާދަކުރަމުން އަންނަ ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗުގެ މަގާމާއި ހަވާލުވުމަށެވެ.

ގައުމީ 19 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވި ނާދު ވަނީ މިދިޔަ މަހު ނޭޕާލުގައި ނިމިގެންދިޔަ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ގައުމީ ޓީމަށް ލޯ މެޑަލް ހޯދައިދީފައެވެ. އަދި ނާދު ވަނީ 2017 ވަނަ އަހަރުގެ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބާއެކު ހޯދާފައެވެ. ވިކްޓަރީ ސްޕޯޓްސް ކްލަބަށް މީގެ ކުރިން ކުޅުނު ނާދު ވަނީ ވިކްޓަރީގެ އިތުރުން، ޔުނައިޓެޑް ވިކްޓަރީ އަދި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށްވެސް ކޯޗުކަން ކޮށްދީފައެވެ.

ގައުމީ 19 އަހަރުން ދަށުގެ ޓީމާ ނާދި ހަވާލުވިއިރު، މި މަހުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މި ޓީމު ވާދަކުރާނެއެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން 19 އަހަރުން ދަށުގެ ޓީމު އިތުރަށް ވަރުގަދަ ކުރަން ކުޅުންތެރިން ހޯދުމުގެ ގޮތުން އިއްޔެ ވަނީ ޓްރަޔަލެއް ބާއްވާފައެވެ.