2019 ވަނަ އަހަރު ވެގެންގޮސްފައި މިވަނީ ގުދުރަތީ ކަރިޘާތައް ގިނަ އަހަރެއްގެ ގޮތުގައެވެ. އެގޮތުން، ދުނިޔޭގެ ޖަންގަލިތަކުގައި އަލިފާން ރޯވެ އެނދުމާއި، ނަގޫރޯޅިއާއި، ތޫފާންތައް އެރުމާއި، ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާއި، ބިންހެލުން އައުމާއި، އަލިފާން ފަރުބަދަތައް ގޮވުން ގިނަ އަހަރެއްގެ ގޮތުގައެވެ.

ދެކުނު އޭޝިޔާއަށް އާދަޔާޚިލާފަށް ފިނިގަދަވުން:

ދެކުނު އޭޝިޔާއިން އިންޑިއާއި، ބަނގްލަދޭޝްއަށް އާދަޔާ ޚިލާފަށް ފިނީގެ އަސަރުކުރިއިރު، އެ ދެގައުމުން އެތައްބަޔަކު މަރުވިއިރު، ދެކުނު އޭޝިޔާގެ ބައެއް ގައުމުތަކަށްވެސް އާދަޔާ ޚިލާފަށް ފިނީގެ އަސަރުކޮށްފައި ވެއެވެ. ފިނިހޫނުމިން ދުވަހަކުވެސް ނުދާ މިންވަރަށް ދަށަށްދިޔައެވެ.

މޫސުމީ ވިއްސާރަ:

އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރް ޕްރަދޭޝްއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން ހިނގި ހާދިސާތަކުގައި އެތައްބަޔަކު މަރުވެ، އެތައްހާސް ބަޔަކު ހާލުގައި ޖެހުނެވެ. ދެކުނު އޭޝިޔާގެ ގައުމުތަކަށް ކުރި މޫސުމީ ވިއްސާރައިގައި ހިނގި އެކިއެކި ހާދިސާތަކުގައި 666 މީހުން މަރުވި ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. ވިއްސާރައިގައި ބޯކޮށް ވާރޭވެހުމާއި،ފެންބޮޑުވެ ބިންގަނޑު ކަޑައިގެން ދިއުމާއި، ހޮނުއެޅުންފަދަ ހާދިސާތައް ހިނގިއެވެ. ވިއްސާރައިގެ ސަބަނުން އިންޑިއާ، ބަންގްލަދޭޝް، ޕާކިސްތާނުގެ އެތައް މިލިއަން ބަޔަކަށް އެކަމުގެ އަސަރު ކުރިއިރު، އެތައްހާސް ބަޔަކު ގެދޮރުދޫކޮށް ރައްކާތެރި ހިސާބުތަކަށް ގެންދެވުނެވެ. ވިއްސާރައިގެ ސަބަބުން ނޭޕާލުން މަރުވި މީހުންގެ އަދަދު 95 އަކަށް އެރިއިރު، 29 މީހަކު ވީނުވީއެއް ނޭނގި ގެއްލުނެވެ. މެދުނުކެނޑި ބޯކޮށް ވާރޭ ވެހުމާއި، އެތައް ކޯރެއްގެ ފެންގަނޑު ރަށުތެރެއަށް ބަންޑުން ވުމުގެ ސަބަބުން ބަނގްލަދޭޝްގެ އެތައް އަވަށެއް ފެނުއަޑިއަށް ދިޔައެވެ. މިކަމުގެ ސަބަބުން ދެލައްކައަށްވުރެ ގިނަމީހުން ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ދިޔައެވެ. ބަނގްލަދޭޝްއަކީ ބިންގަނޑު ތިރި ގައުމެއް ކަމުން، ކޮންމެ އަހަރެއްގައި އަންނަ ވިއްސާރަ މޫސުމުގައި ބޮޑެތި މައްސަލަތާ ކުރިމަތިލާންޖެހެއެވެ. ބަނގްލަދޭޝްގެ އިތުރުން، ސްރީލަންކާއަށްވެސް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.

ޖަންގަލިތަކުގައި ރޯވުން:

އެމޭޒަން ޖަންގަލީގެ އިތުރު އެތައްސަތޭކަ ސަރަހައްދުތަކެއްގައި އަލިފާން ރޯވެ އަނދަންފެށީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެމޭޒަން ޖަންގަލީގެ އިތުރު ސަރަހައްދުތަކެއްގައި އަލިފާން ރޯވެ އަނދާން މިފެށީ، މިހާރުވެސް ރޯވެފައިވާ އެތައްހާސް ސަރަހައްދުތަކުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެމޭޒަން ޖަންގަލި ހިމެނޭ ސަރަހައްދުގައި އޮންނަ ބްރެޒިލްގެ 9 ސްޓޭޓްގެ ތެރެއިން ހަ ސްޓޭޓެއްގެ ޖަންގަލިތަކުގައި ރޯވެ އަނދަން ފެށިއެވެ. ބްރެޒިލްގެ ޖަންގަލިތަކުގައި 2019 ވަނ އަހަރުގެ ތެރޭގައި ހަތްދިހަ އަށްހާސް ތިންސަތޭކަ އަށްޑިހަ ތިން އަލިފާނުގެ ހާދިސާ ހިނގާފައި ވާކަމަށް ރަސްމީ ތަފާސްހިސާބުން ދައްކާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އަށްޑިހަ ހަތަރު އިންސައްތަ އިތުރު މިންވަރެކެވެ. ބްރެޒިލް އަލިފާނުގެ ސަބަބުން އެގައުމުގެ ޖަންގަލިތަކުން 8.9 މިލިއަން އޭކަރުގެ ޖަންގަލި އަނދާފައިވެއެވެ. އިންޑޮނޭޝިޔާގެ ސުމަޓްރާގެ ޖަންގަލިތަކުގައި އެނދި ވަރުގަދަ އަލިފާނުގެ ސަބަބުން މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރާއި، ސިންގަޕޫރުގައި ދުމުގެ ސާލެއް ލެވުނެވެ. އިންސާނުންގެ ސިއްހަތަށް ނުރައްކާވާ މިންވަރަށް ކުއާލަލަމްޕޫރާއި ސިންގަޕޫރުގައި ދުންގަނޑު ފެތުރުނެވެ. އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި އަލިފާން ރޯވުމުގެ ސަބަބުން މީހުންނާއި، ޖަނަވާރުން މަރުވުމައި، ގެދޮރާއި މުދަލަށް ގެއްލުން ލިބުމުގެ ބޮޑެތި ހާދިސާތައް މިހާރުވެސް ދަނީ ހިނގަމުންނެވެ. އަލިފާނުގެ ހާދިސާތައް ވަރުގަދަކަމުން މީޑިއާއިން ސިފަކުރަނީ މުޅި އޮސްޓްރޭލިއާ އަނދައި އަޅިޔަށް ވަމުންދާ ކަމަށެވެ. މީގެއިތުރުން، ސައިބީރިއާގެ ޖަންގަލިތަކުގައާއި، ސަބް ސަހަރަން އެފްރިކާގެ ޖަންގަލިތަކުގައި އަލިފާން ރޯވި ހާދިސާތައް ހިމެނެއެވެ.

އާދަޔާޚިލާފަށް ހޫނުގަދަވުން:

އާދަޔާ ޚިލާފަށް ހޫނުގަދަ ވުމުގެ ސަބަބުން ޔޫރަޕް ސަރަހައްދަށް ބޮޑެތި ގެއްލުންތައް ލިބުނުކަމަށް ރިޕޯޓްކޮށްފައިވެއެވެ. ހޫނުގަދަ ވުމުގެ ސަބަބުން ފަރަންސޭސިވިލާތާއި، ސްޕެއިންގެ ޖަންގަލިތަކުގައި އަލިފާން ރޯވެ އެނދިއިރު، ހޫނުގެ ސަބަބުން ޖަރުމަނުވިލާތަށްވެސް އަސަރުކޮށް ހަތްމީހުން މަރުވިއެވެ. ފަރަންސޭސިވިލާތުގެ ދެކުނުގެ ގާރޑް ސަރަހައްދުގެ ހޫނުމިން މީގެކުރިން ދުވަހަކުވެސް ނުދާ މިންވަރަށް މައްޗަށް ދިޔައެވެ. މިއީ، އެމެރިކާގެ ކެލިފޯނިއާގެ "މަރުގެވާދީ" އަށްވުރެންވެސް ހޫނުމިން މަތީ މިންވަރެއް ކަމަށް ވެއެވެ. ހޫނުގެ ސަބަބުން ފަރަންސޭސިވިލާތުން މިހާތަށްވަނީ 550 ހެކްޓަރުގެ ޖަންގަލިތައް އެނދިއެވެ. އަލިފާނުގެ ސަބަބުން އެތައް ގެއަކާއި އެތައް ވެހިކަލެއްވެސް އަނދައި ބޮޑެތި ގެއްލުންތައް ލިބުނެވެ. ސްޕެއިންގެ އުތުރުއިރުމަތީ ޖިރޯނާގެ ހޫނުމިން 43.9 ޑިގްރީ ސެލްސިއެސްއަށް މައްޗަށް ދިޔައެވެ. މިއީ، އެސަރަހައްދުގެ ހޫނުމިން މިހާ މައްޗަށްދިޔަ ފުރަތަމަ ފަހަރު ކަމަށް އެގައުމުން އަންގައެވެ. ހޫނުގަދަވުމުގެ ސަބަބުން ސްޕެއިނުން ހަތްމީހުން މަރުވިއެވެ. ދުނިޔޭގެ މޫސުމާބެހޭ އިދާރާ، ވޯރލްޑް މީޓިއޮރޮލޮޖިކަލް އޮގަނައިޒޭޝަނުން ބުނެފައިވަނީ، ދުނިޔެ މިހާތަނަށް ތަޖުރިބާކުރި އެންމެ ހޫނުގަދަ އަހަރަކަށް 2019 ވަނަ އަހަރު ވެދާނޭ ކަމަށެވެ. ޔޫރަޕަށް ކުރިމަތިވި ހޫނުގެ ތޫފާނާއި، ޖައްވަށް ބޭރުވަމުންދާ ގްރީސްހައުސް ގޭހުގެ ސަބަބުން މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅުންވާ ކަމަށް ވޯރލްޑް މީޓިއޮރޮލޮޖިކަލް އޮގަނައިޒޭޝަނުން ބުނެފައި ވެއެވެ.

އދގެ މޫސުމާބެހޭ މަހާސިންތާ ނާކާމިޔާބުވުން:

އދގެ މޫސުމާބެހޭ ދެ ހަފްތާގެ މަހާސިންތާ ނިމިގެންދިޔައީ އެއްވެސް ކޮޅެއްގައި ނުޖެހިއެވެ. މަހަސިންތާ ނާކާމިޔާބުވީ، ޖައްވަށް އެންމެ ގިނައިން ވިހަގޭސް ބޭރުކުރާ ބޮޑެތި ގައުމުތަކުން ޕެރިސް މުއާހަދާގައި ކަނޑައަޅާފައިވާ މިންވަރަށް ވިހަ ގޭސް ޖައްވަށް ބޭރުކުރުން މަދުކުރަން އެއްބަސްނުވުމުންނެވެ. 2019 ވެގެން ގޮސްފައިވަނީ ދުނިޔެ މިހާތަނަށް ތަޖުރިބާކުރި ދެވަނައަށް އެންމެ ހޫނުގަދަ އަހަރަށެވެ. މަހާސިންހާގެ އިފްތިތާހީ ޖަލްސާގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ އިހުމާލު ވެވެންނެތް މައްސަލައެއް ކަމަށް ވިދާޅުވެ ދުނިޔެއަށް ވަރުގަދަ އިންޒާރުތަކެއް ދެއްވާފައެވެ. މަހާސިންތާ ފެށުމާއެކު، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔެ މިހާރުވެސް ތަހައްމަލް ކުރަމުންދާ މޫސުމީ ބޮޑެތިމައްސަލަތަކުގެ ބަހުސްތައް ވަނީ ފެށުނެވެ. އެގޮތުން، ފާއިތުވެދިޔަ އަހަރު ދުނިޔެ ތަޖުރިބާކޮށްފައިވާ ގަދަ ހޫނާއި، ދުނިޔޭގެ ބޮޑެތި ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ މައްސަލަތަކާއި، ދުނިޔެ ތަޖުރިބާކުރި ބާރުގަދަ ތޫފާންތަކުގެ މައްސަލަތައް ހިމެނުނެއެވެ. މެޑްރިޑްގައި ބޭއްވި މި މަހާސިންތާއަކީ، 2015 ވަނަ އަހަރު ދުނިޔޭގެ ގައުމުތަކުން އެކަށައެޅި ޕެރިސް އެއްބަސްވުމަށް ސަޕޯޓް ދިނުމުގެގޮތުން އަމަލީގޮތުން ކުރާންޖެހޭ އެންމެފަހުގެ މަސައްކަތްތައް އެކަށައެޅުމަށް ބާއްވާ މަހާސިންތާއެކެވެ. ޕެރިސް އެއްބަސްވުން ދުނިޔެއިން ތަންފީޒުކުރުމުގެ ފިޔަވަހި ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ. ޖައްވު ހޫނުވުމާ ދެކޮޅަށް އެޅުމަށް ޕެރިސް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅުތަކާ ގާތަށްވެސް ކަންތައްތައް ކުރުމަށް ގައުމުތަކުން ނިންމާފައެއް ނުވެއެވެ. ޕެރިސް އެއްބަސްވުމުގައި ކަނޑައަޅާފައިވަނީ، ސިނާއީ މަސައްކަތްތަކުގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަގޭސް މަދުކޮށް ދުނިޔޭގެ ހޫނުމިން އެންމެ މަދުވެގެން 2 ޑިގްރީ ސެލްސިއެސްއަށް ދަށްކުރުމަށް މަސައްކަތް ކުރުމަށެވެ. މިގޮތަށް ކަނޑައަޅާފައިވާއިރު، ދުނިޔެއިން އެންމެ ގިނައިން ޖައްވަށް ވިހަގޭސް ބޭރުކުރާ އެމެރިކާވަނީ ޕެރިސް އެއްބަސްވުމުން ވަކިވެފައެވެ.

2019 ވަނަ އަހަރު ފާހަގަކޮށްލެވުނު މުހިންމު އެހެން ބައެއް ކަންކަން:

އިންޑިއާއާއި ޕާކިސްތާނު ހަނގުރާމައެއްގެ ތުންފަތްމައްޗަށް:

ކަޝްމީރު ބައިކުރާ ސަރަހައްދީ ރޮނގު ހުރަސްކޮށް އިންޑިއާގެ ހަނގުރާމަމަތީ މަތިންދާ ބޯޓްތަކުން ޕާކިސްތާނުގެ ތެރެއަށް ބޮންއަޅާފައިވަނީ ފެބްރުއަރީމަހުގެ 26 ވަނަ ދުވަހުއެވެ. އިންޑިއާ ސިފައިންގެ ޖެޓްތަކުން ބޮން އަޅާފައިވަނީ ޕާކިސްތާނުގެ ތެރޭގައި ހުރި ޖައިޝޭ މުހަންމަދު ޖަމާއަތުގެ ކޭމްޕަށެވެ. ޖައިޝޭ މުހަންމަދު ޖަމާއަތަކީ، މިމަހުގެ 14 ވަނަ ދުވަހު އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގައި ދެވުނު ވަރުގަދަ ކާރުބޮމުގެ ހަމަލާގެ ޒިންމާ އުފުލާފައިވާ ޖަމާއަތެވެ. ކާރުބޮމުގެ ހަމަލާގައި އިންޑިއާ ސިފައިންގެ 44 މީހުން މަރުވެ އެތައްބަޔަކު ޒަޚަމްވިއެވެ. އިންޑިއާއިން މިހަމަލާގެ ޒިންމާ އެޅުވީ ޕާކިސްތާނުގެ ބޮލުގައެވެ. އެގޮތުން، ޕާކިސްތާނުގެ ތެރެއަށް އިންޑިއާއިން ބޮންއެޅިއިރު، ޕާކިސްތާނުންވަނީ ހަނގުރާމަމަތީ ޖެޓްތައް ފޮނުވައި އިންޑިއާގެ ޖެޓްތައް ފައްސާލާފައެވެ. އަދި އިންޑިއާގެ އެއް ޖެޓް ވައްޓާލުމުގެ އިތުރުން، އިންޑިއާ ސަރަހައްދުގެ ތެރެއަށް ނުވަދެ ޕާކިސްތާނު ސިފައިންވެސްވަނީ އިންޑިއާ ސަރަހައްދުގެ ތެރެއަށް ވައިގެ ހަމަލާތައްދީ ބޮޑެތި ގެއްލުންތައް ދިފައެވެ. މަސްރަހް ހޫނުވެ ބޮޑު ހަނގުރާމައަކަށް ނުގޮސް ދެ ގައުމު ހުއްޓުވުނީ ބައިނަލްއަގްވާމީ މުޖުތަމައު އެކަމުގެ ތެރެއަށް ވަދެގެންނެވެ.

ކްރައިސްޗާޗް މިސްކިތްތަކަށް ދެވުނު ޓެރަރިސްޓް ހަމަލާ:

ނިއުޒީލެންޑްގެ ދެ މިސްކިތަކަށް ޓެރަރިސްޓް ހަމަލާދީ، ފަންސާސް އެތައް މުސްލިމުން ޝަހީދުކޮށް، އެތައްބަޔަކު ޒަޚަމްކޮށްލުމުގެ ބޮޑު ޖަރީމާ ހިންގާފައިވަނީ މާޗްމަހުގެ 15 ވަނަ ދުވަހުއެވެ. ދެ މިސްކިތަށްވެސް ބަޑިހިފައިގެން ވަދެ ހަމަލާ ދީފައިވަނީ ނިއުޒީލެންޑްގައި ދިރިއުޅޭ އޮސްޓްރޭލިއާގެ ކަނާތުފިޔައިގެ ޓެރަރިސްޓެއް ކަމަށްވާ ބްރެންޓަން ޓަރަންޓް ނަމަކަށްކިޔާ މީހެކެވެ. މިމީހާ މާޗްމަހުގެ 15 ވީ ހުކުރުދުވަހު ބަޑިހިފައިގެން މިސްކިތްތަކަށް ވަދެ ގޮތެއްފޮތެއް ނުބަލައި ބަޑިޖެހުމުގެ ސަބަބުން ހުކުރު ނަމާދަށް ގޮސްތިބި މީހުންގެ ތެރެއިން 51 މުސްލިމުން ޝަހީދުވެ އިތުރު 40 މީހުން ޒަޚަމްވިއެވެ. މިހަމަލާ ދިން މީހާގެ މައްޗަށް ނިއުޒީލެންޑް ފުލުހުން ރަސްމީގޮތުން ޓެރަރިޒަމްގެ ދައުވާ އުފުލިއިރު، ނިއުޒީލެންޑްގެ ބޮޑުވަޒީރާ ޔަސިންދާ އަރްދެއިން ވިދާޅުވެފައިވަނީ މިއީ، ދުރާލާ ރާވައިގެން ދީފައިވާ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

އީސްޓަރ ސަންޑޭ ބޮމުގެ ހަމަލާތައް:

މިއަހަރުގެ އޭޕްރީލްމަހުގެ 21 ވަނަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮޅުނބާއި، އިރުމަތީ ރަށެއް ކަމަށްވާ ބެޓިކަލޯގެ ތިން ފައްޅިއަކަށާއި، ލަގްޒަރީ ތިން ހޮޓަލަކަށް އަމާޒުކޮށް ދެވުނު ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދެވުނެވެ. މި ހަމަލާތަކުގައި 260 މީހުން މަރުވެ، އެތައްބަޔަކު ޒަޚަމްވިއެވެ. މިހަމަލާއާ ގުޅިގެން މުޅި ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ގާނޫނު ހިންގައި، އެ ގާނޫނުގެ ދަށުން، ކޯޓު އަމުރެއްނެތި ތުހުމަތުކުރެވޭ މީހުން ހިފައި ހައްޔަރުކުރުމާއި، ތަންތަން ބަލައި ފާސްކުރުމަށް ސިފައިންނާއި ފުލުހުންނަށް ލިބިދިން ބާރުގެ ބޭނުންކޮށްގެން ސަލާމަތީ ބާރުތަކުންވަނީ އެތައްސަތޭކަ ބަޔަކު ހައްޔަރު ކުރިއެވެ. އަދި ކާފިއު ހިންގުމާއި، ސޯޝަލް މީޑިއާގެ ޚިދުމަތް ކަނޑާލުމާއި، މުޅި ގައުމުގައި ސަލާމަތީ ފިޔަވަޅު ވަރަށް ވަރުގަދަކުރުމުގެ ހަރަކާތްތަކެއްވެސް ހިންގިއެވެ. ބޮމުގެ ހަމަލާތައް ދިނުމުގެ ފަހަތުގައިވާ ކަމަށް ތުހުމަތުކުރެވޭ އިސްލާމީ ދެ ޖަމާއަތުގެ މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން މުޅި ސްރީލަންކާގައި އަތްފުނާ އަޅިއެވެ. އެކަމުގެ ތެރޭގައި، ބޮމުގެ ހަމަލާތައް ދިނުމުގައި ބައިވެރިވާ އެންމެން މަރާލެވި ނުވަތަ ހައްޔަރުކުރެވުނު ކަމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުންޏެވެ.

ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރަކަށް މޯދީ:

ނަރެންދުރަ މޯދީ، ދެވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ މެއިމަހުގެ ތެރޭގައެވެ. ބޮޑުވަޒީރު މޯދީއާއެކު އޭނާގެ ކެބިނެޓްވެސް މަގާމުގެ ހުވާ ކުރައްވާފައެވެ. މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރެއްވީ، ތިން ފިޔަވައްސަކަށް ބަހާލައިގެން ބޭއްވި އާންމު އިންތިޚާބުގައި ޕާލަމެންޓްގެ ތަނަވަސް އަޣުލަބިއްޔަތެއް ކާމިޔާބު ކުރައްވައިގެންނެވެ. އިންތޚާބަށް މޯދީގެ ބީޖޭޕީން ނުކުތީ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސްގެ ނަމުގައި ކޯލިޝަނެއް ހަދައިގެންނެވެ. އާންމު އިންތިޚާބުގައި 900 މިލިއަން މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވާއިރު، އޭގެތެރެއިން %67 މީހުން ވޯޓްލާފައިވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރުން:

2019 ވަނަ އަހަރު ދުނިޔޭގައި ހިނގައިދިޔަ ކަންތައްތަކުގެ ތެރެއިން، މުޅި ދުނިޔޭގެ އެންމެންގެ ސަމާލުކަން ހުއްޓުނު އެންބޮޑު ކަމަކަށް ވެގެންދިޔައީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރުމުގެ މައްސަލައަށެވެ.

ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރަން، އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ފާސްކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 19 ވަނަ ދުވަހުއެވެ. މިއާއެކު، ޓްރަމްޕް ވެގެންދިޔައީ އެމެރިކާގެ ތާރީޚްގައިވެސް މިހާތަނަށް އިމްޕީޗްކުރެވުނު ތިންވަނަ ރައީސަށެވެ. ޓްރަމްޕް އިމްޕީޗްކުރަން ހައުސްއިން ފާސްކޮށްފައިވަނީ، މަގާމުގެ ނާޖާއިޒް ނުފޫޒުގެ ބޭނުންކުރެއްވި މައްސަލައައި، ޓްރަމްޕްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގެ ތަހްގީގު ހިންގަން ކޮންގްރެސްއަށް ހުރަސްއެޅުއްވި މައްސަލައިގައެވެ. މިމައްސަލަތަކުގައި ޓްރަމްޕްގެ މައްޗަށް ރަސްމީގޮތުން ޝަރީއަތް ހިންގުމަށް ހަމަޖެހިފައިވަނީ މިފެށުނު ޖެނުއަރީމަހުގެ ތެރޭގައެވެ.

ބްރެގްޒިޓް:

ބްރެގްޒިޓް ނުވަތަ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުން ވަކިވުމުގެ މައްސަލަ ކޮޅެއްގައި ނުޖެހި ދިގުލައިގެން ދިއުމުގެ ސަބަބުން އިނގިރޭސިވިލާތް ސިޔާސީ ހަލަނބޮލިވެފައި އޮތް އަހަރަކަށް 2019 ވާނެއެވެ. އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް ތާއީދުކުރައްވާ ބޮރިސް ޖޯންސަން ބޮޑުވަޒީރު ކަމަށް ވަޑައިގަތުމާއި، ޕާލަމެންޓާއި ސުޕްރީމް ކޯޓުގައި ނެގުނު މުހިންމު ވޯޓްތަކެއް ބޮރިސް ޖޯންސަންއަށް ނާކާމިޔާބުވެވަޑައި ގެންނެވިއެވެ. އަދި އޭގެފަހުން، އާންމު އިންތިޚާބަށް ބޮރިސް ގޮވާލައްވައި ބޭއްވި އިންތިޚާބު ކާމިޔާބުކޮށް ކޮންޒަވޭޓިވުން ޕާލަމެންޓްގެ އަޣުލަބިއްޔަތު ނެގިކަންވެސް ފާހަގަ ކޮށްލެވެއެވެ. އެއާއެކު، އިނގިރޭސިވިލާތް އީޔޫން ވަކިވުމުގެ ކަންކަން އޮމާންކަމާއެކު ނިމިގެންދާނެ ކަމަށް ގަބޫލުކުރެވުނެވެ.

އެމެރިކާއާއި ޗައިނާގެ ވިޔަފާރީގެ އަރާރުންތައް:

ދުނިޔޭގެ އެންމެބޮޑު ދެ އިގްތިސާދު ކަމުގައިވާ އެމެރިކާއާއި ޗައިނާއާ ދެމެދު ހިނގަމުންދިޔަ ވިޔަފާރީގެ އަރާރުންތައް، ނުރައްކާތެރި ކުރިމަތިލުންތަކާ ހިސާބަށް ހިނގައިދާނެ ކަމަށް 2019 ވަނަ އަހަރު ބެލެވުނެވެ. ވިޔަފާރީގައި އެއްގައުމުން އަނެއް ގައުމަށް ދަތިކޮށް ފިޔަވަޅުތައް އަޅަމުންދިޔައެވެ. ބަހުގެ ހަމަލާތައް ދެމުން ގެންދިޔައެވެ. އެއްގަމު އަނެއްގައުމަށް މުދަލާއި ޚިދުމަތުގެ ޑިއުޓީ ބޮޑުކުރަމުންދިޔައެވެ. އެކަންކަމުގެ ސަބަބުން ދުނިޔޭގައި ކަންބޮޑުވުންތަކާއި ފިކުރުބޮޑުވުންތައް އުފެދެމުންދިޔައެވެ. ނަމަވެސް، އަހަރު ނިމެންދަނިކޮށް ޗައިނާގެ ބައެއް މުދަލުގެ ޑިއުޓީ ބޮޑުކުރަން ނިންމި ނިންމުން، އެމެރިކާއިން އަނބުރާ ގެންދިއުމާއި، އެމެރިކާގެ ބައެއް މުދަލުން ޑިއުޓީ ނުނަގާން ޗައިނާ ނިންމުމުން އަހަރު ނިމިގެންދިޔައިރު މައްސަލަ އޮތީ ކޮންމެވެސް ވަރަކަށް ފިނިވެފައެވެ. މައްސަލަ މުޅީން ހައްލުކުރުމަށް އެމެރިކާއާއި ޗައިނާއާ އަދިވެސް އެތައް މަޝްވަރާތަކެއް ކުރާންޖެހެއެވެ.

ހޮންގްކޮންގައި ކުރަމުންދާ މުޒާހަރާތައް:

ހޮންގްކޮންގަކީ ދުނިޔޭގެ ވިޔަފާރީގެ މައި ހަބްކަމަށް ބެލެވެފައި އޮވެއެވެ. އެއީ، ހަމަހިމޭން، ސުލްހަވެރި މަންޒިލެއްގެ ގޮތުގައިވެސް ބެލެވިފައި އޮވެއެވެ. އެހެންނަމަވެސް، ހޮންގްކޮންގ ސަރުކާރާއި، ޗައިނާއާ ދެކޮޅަށް 2019 ވަނަ އަހަރު ފެށުނު ވަރުގަދަ މުޒާހަރާތައް އަދިވެސް ނުހުއްޓި ކުރިއަށް ދިއުމުގެ ސަބަބުން ހޮންގްކޮންގާމެދު ކުރިން ބެލެވުނު ގޮތް މިވަނީ ބަދަލުވެފައެވެ. ހޮންގްކޮންގ ރައްޔިތުން މުޒާހަރާއަށް ނުކުތީ، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ހޮންގްކޮންގ ރައްޔިތުންގެ މައްޗަށް ޝަރީއަތް ހިންގަން ޗައިނާއަށް ފޮނެވޭގޮތަށް ސަރުކާރުން ފާސްކުރަން އުޅުނު ގާނޫނެއްގެ މައްސަލާގައެވެ. ދެކޮޅުވެރިކަން ވަރުގަދަވުމުގެ ސަބަބުން ހޮންގްކޮންގ ސަރުކާރަށް ޖެހުނީ، ގާނޫނުގެ ބިލް ވަގުތީގޮތުން އަނބުރާ ނަގާށެވެ.

އިންޑިއާއިން ފާސްކުރި ރަށްވެހިކަމުގެ ގާނޫނު:

ބޮޑެތި ޚިޔާލު ތަފާތުވުންތައް އުފެދިފައި ވަނިކޮށް ރަށްވެހިކަމުގެ ބިލަށް ގެނައި އިސްލާހްތައް އިންޑިއާގެ ޕާލަމެންޓުން ފާސްކޮށްފައިވަނީ ޑިސެމްބަރުމަހުގެ 11 ވަނަ ދުވަހުއެވެ. މިބިލާމެދު ޚިޔާލު ތަފާތުވުންތައް އުފެދުނީ، އިންޑިއާއާ އަވަށްޓެރި ތިން ގައުމު ކަމަށްވާ ބަނގްލަދޭޝް، އަފްޣާނިސްތާން އަދި ޕާކިސްތާނުގައި ދިރިއުޅޭ ހިންދޫ، ސިކުން، ބުދިސްޓުން، ޖެއިންސް، ޕަރްސިސް އަދި ކްރިސްޓިއަނުންނަށް ރަށްވެހިކަން ދޭން ބިލްގައި ކަނޑައަޅާފައި ވާއިރު، އެއިން އެއްވެސް ގައުމަކުން މުސްލިމަކަށް އިންޑިއާގެ ރަށްވެހިކަން ނުދޭން ބިލްގައި ކަނޑައަޅާފައި ވުމުންނެވެ. އިންޑިއާގެ އިދިކޮޅު ފަރާތްތަކާއި، ބައިމަދު ނަސްލުތަކާއި، އިލްމީ މީހުންނާއި އަދި އެމެރިކާގެ ފެޑެރަލް ޕެނަލްއިންވެސް ބުނެފައިވަނި މިއީ ކަނޑައެޅިގެން މުސްލިމުން ތަފާތުކުރުމުގެ އަމަލެއް ކަމަށެވެ. މިކަމާ ގުޅިގެން، އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން، އިންޑިއާގެ އެކި ކަންކޮޅުތަކުގައި ވަރުގަދަ މުޒާހަރާތައް ފެށި، 25 މީހުން މަރުވެ، އެތައްބަޔަކު ޒަޚަމްވުމުގެ އިތުރުން، ސަލާމަތީ ބާރުތަކުން އެތައްބަޔަކު ހައްޔަރުވެސް ކޮށްފައި ވެއެވެ. މުޒާހަރާތައް ހުއްޓުވަން އިންޑިއާ ސަރުކަރުން މަސައްކަތް ކުރި ނަމަވެސް އެކަން އަހަރު ނިމިގެންދިޔައިރުވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

ރޮހިންގާ މުސްލިމުންގެ މައްސަލާގައި ދުނިޔޭގެ ކޯޓުގައި ޝަރީއަތް ފެށުން:

ރޮހިންގާ މުސްލިމުންނާ ދެކޮޅަށް މިޔަންމާއިން ހިންގާފައިވާ ގަތުލުއާންމުގެ ޝަރީއަތް ދުނިޔޭގެ އެންމެ މަތީ ކޯޓުގައި ފަށާފައިވަނީ ޑިސެމްބަރުމަހުގެ 11 ވަނަ ދުވަހުއެވެ. އދގެ އެންމެ މަތީ ކޯޓް ކަމުގައިވާ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ޝަރީއަތް ފެށިއިރު، މި ޝަރީއަތުގައި މިޔަންމާ ދިފާއުކުރަން ވަކާލާކުރައްވަން ވަށައިގެން ހުންނެވީ، ޚުދު މިޔަންމާގެ ޑިމޮކްރަސީ ލީޑަރު އަންގް ސަން ސޫކީއެވެ. މިޔަންމާއާ ދެކޮޅަށް ދުނިޔޭގެ ކޯޓަށް މައްސަލަ ހުށަހެޅީ، ހުޅަނގު އެފްރިކާގެ ކުޑަކުޑަ ގައުމެއް ކަމަށްވާ ގެމްބިއާއިންނެވެ. ގެމްބިއާއިން މިޔަންމާއާ ދެކޮޅަށް އދގެ ކޯޓަށް މައްސަލަ ހުށަހެޅީ އިސްލާމީ ގައުމުތައް ހިމެނޭ ޖަމްއިއްޔާ، އޮގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަންގެ ތާއީދާ އެކުގައެވެ. ގެމްބިއާގެ ލީގަލް ޓީމުންވަނީ މިޔަންމާ ސިފައިން ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކާއި، މުސްލިމުން ތަހައްމަލް ކުރަމުންދާ ވޭނާއި ކެކުޅުންތައް ހެއްކާއެކު ކޯޓްގައި ހާމަކޮށްފައެވެ. 2017 ވަނަ އަހަރުގެ ތެރޭގައި މިޔަންމާ ސިފައިން ބަރުހަތިޔާރާއެކު ރާޚައިން ސްޓޭޓަށް އަރައިގަނެ ކުޑަކުއްޖެއް، މުސްކުޅިއެއް އަންހެނެއް ނުބަލައި ރޮހިންގާ މުސްލިމުން މަރައި، ކަތިލައި، ގެދޮރާއި އަވަށްތަކާއި، މިސްކިތްތަކާއި، މަދްރަސާތަކުގައި ހުޅުޖަހައި އަންދައި، އަންހެނުންގެ އިއްފަތް ޖަމައީގޮތެއްގައި ފޭރިގަތުމުގެ ލާއިންސާނީ ނުބައި އެތައް ޖަރީމާއެއް ހިންގާފައި ވެއެވެ. މި ޖަރީމާތަކާހެދި ފުރާނައިގެ ސަލާމަތަށް އެދިގެން 2017 ގެ ފަހުން މިހާތަނަށް 730،000 މުސްލިމުން ފިލައިގެން އަވަށްޓެރި ބަނގްލަދޭޝްއަށް އެތެރެވެފައި ވެއެވެ. މިކަން ތަހްގީގު ކުރި އދފެ ފެކްޓް-ފައިންޑިންގ މިޝަނުން ބުނެފައިވަނީ، މިޔަންމާ ސިފައިން މަސައްކަތްކުރީ ރޮހިންގާ ނަސްލު އެކަށް ނައްތާލަން ކަމަށެވެ. އިންސާނިއްޔަތާ ޚިލާފް ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމަށެވެ.

ސްރީލަންކާގެ ރިޔާސީ އިންތިޚާބު:

ސްރީލަންކާގެ ރިޔާސީ އިންތިޚާބު ބާއްވާފައިވަނީ ނޮވެމްބަރު 16 ވަނަ ދުވަހުއެވެ. ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ރިޔާސީ އިންތިޚާބު ކުރެއްވީ، ގޮޓަބާޔަ ރާޖަޕަކްސައެވެ. ގޮޓަބާޔަ ރާޖަޕަކްސައަކީ ސްރީލަންކާގެ ރައީސްކަން ކުރިން ދެފަހަރު ކުރައްވާފައިވާ މަހިންދަ ރާޖަޕަކްސަގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަދި މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ދިހަވަރަކަށް އަހަރު ދިފާއީ ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. ސްރީލަންކާގައި ދިގުލައިދިޔަ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް 2009 ވަނަ އަހަރު ހިންގި އަސްކަރީ އޮޕަރޭޝަންގެ އެންމެފަހު ފިޔަވަހީގެ ދުވަސްވަރު ގޮޓަބާޔަ ހުންނެވީ ދިފާއީ ވަޒީރަކަށެވެ. އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ ހުވާ މަހިންދަ ރާޖަޕަކްސަ ކުރައްވާފައިވަނީ ނޮވެމްބަރުމަހުގެ 21 ވަނަ ދުވަހުއެވެ. މަހިންދަ ރާޖަޕަކްސަ ކުރިންވަނީ، ދެފަހަރެއްގެމަތިން ރައީސްކަން ކުރައްވާފައެވެ. މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމާއެކު، ސްރީލަންކާ ސަރުކާރުގެ އެންމެމަތީ ބާރުތައް އަނެއްކާވެސް ރާޖަޕަކްސަގެ އާއިލާއަށް ނަގުލްވެގެން ދިޔައީއެވެ. އަދި މިއީ، ސްރީލަންކާ ސަރުކާރުގެ އެންމެމަތީ ދެބާރުގެ ވެރިކަން އެއްބަނޑު އެއްބަފާ ދެބޭފުޅުން ކުރައްވާ ފުރަތަމަ ފަހަރުވެސް މެއެވެ.

ޖައްމޫ އެންޑް ކަޝްމީރު ސްޓޭޓް އިންޑިއާއިން ރޫޅާލުން:

އިންޑިއާއިން ވެރިކަން ކުރަމުން އައި ކަޝްމީރުގެ ފަޅި، ޖައްމޫ އެންޑް ކަޝްމީރަށް އިންޑިއާގެ ގާނޫނުއަސާސީން ދީފައިއޮތް ޒާތީ މިނިވަންކަން ނިގުޅައިގަނެ، ޖައްމޫ އެންޑް ކަޝްމީރު ދެބައިކޮށްލުމަށް އިންޑިއާގެ މައި ސަރުކާރުން މިއަހަރުގެ އޮގަސްޓްމަހުގެ 5 ވަނަ ދުވަހު ނިންމި ނިންމުން ތަންފީޒުކުރަން ފަށާފައިވަނީ އޮކްޓޫބަރުމަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ. މޯދީގެ ސަރުކާރުން ނިންމި ނިންމުމަށް އަމަލުކުރަން ފެށުމާއެކު، ޖައްމޫ އެންޑް ކަޝްމީރު ކުރިން ސްޓޭޓެއްގެ ގޮތުގައި އޮތް ނަމަވެސް އެ ހައިސިއްޔަތު މިހާރުވަނީ ގެއްލިފައެވެ. އިންޑިއާ ސަރުކާރުން މިވަނީ ޖައްމޫ އެންޑް ކަޝްމީރު ދެބައިކޮށް، ދެ ޔޫނިއަން ސަރަހައްދު ހަދާފައެވެ. އެއް ސަރަހައްދަށް ކިޔަނީ ޖައްމޫ އެންޑް ކަޝްމީރެވެ. އަނެއް ސަރަހައްދަށް ކިޔަނީ ލަދާޚްއެވެ. އެއީ، ޖައްމޫ އެންޑް ކަޝްމީރުގައި ހިންދޫންގެ އަޣުލަބިއްޔަތު އޮންނަ ސަރަހައްދެވެ. ޖައްމޫ އެންޑް ކަޝްމީރު ދެބައިކޮށް ދެ ޔޫނިއަން ސަރަހައްދުގެ ގޮތުގައި ކަނޑައެޅި އެއަށް ރެއިން ފެށިގެން އަމަލުކުރަން ފެށުމާއެކު، އެ ދެ ސަރަހައްދުގައިވެސް ދެން ސީދާ ވެރިކަންކުރާނީ މައި ސަރުކާރުންނެވެ. ޖައްމޫ އެންޑް ކަޝްމީރު ރައްޔިތުންގެ އުންމީދުތައް މިހާރު އޮތީ އިންޑިއާގެ ސުޕްރީމް ކޯޓާ ހިސާބުގައެވެ. މޯދީގެ ސަރުކާރުން ޖައްމޫ އެންޑް ކަޝްމީރު ސްޓޭޓް ރޫޅާލި މައްސަލަ މިޙާރުވަނީ ސުޕްރީމް ކޯޓަށް ވައްދާފައެވެ.

އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ލީޑަރު މަރާލުން:

ސޫރިޔާގެ އިދްލީބްގައި އެމެރިކާގެ ޚާއްސަ ސިފައިން ހިންގި އޮޕަރޭޝަންގެ ތެރޭގައި، އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ލީޑަރ އަބޫ ބަކުރު އަލް ބަގްދާދީ މަރުވެފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަށަވަރު ކޮށްދެއްވާފައިވަނީ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ވައިޓްހައުސްގައި ހުންނަވައި ޓީވީ މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ބަޣުދާދީ މަރުވެފައިވަނީ އަމިއްލައަށް ކަމަށާއި، އޭނާ މަރުވެފައިވަނީ އެމެރިކާ ސިފައިން ގާތްވާން ފެށުމުން ލައިގެންހުރި ގޮވާތަކެތި ހަރުކޮށްފައިވާ ޖެކެޓް ގޮއްވާލައިގެން ކަމަށެވެ. މަރުވެފައިވަނީ ބަޣުދާދީކަން ޓެސްޓްތަކުން ކަށަވަރުވެފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ބަޣުދާދީ މަރާލަން އެމެރިކާ ސިފައިން އިދްލީބުގައި ހިންގި އޮޕަރޭޝަންގެ މަންޒަރުތައް އިރާގުގެ ރަސްމީ ޓީވީން ދުރަށް ދައްކާފައި ވެއެވެ. ބަޣުދާދީ ހުރިތަނަކާ، އޭނާގެ ހަރަކާތްތަކުގެ ޖާސޫސީ މައުލޫމާތު އެމެރިކާ ސިފައިންނާ ހިއްސާކުރީ އިރާގުގެ ޖަސޫސީ އޭޖެންސީން ކަމަށެވެ. އަބޫ ބަކުރު އަލް ބަޣުދާދީ އެންމެ ފުރަތަމަ ދުނިޔެއަށް ފެނިގެންދިޔައީ 2014 ވަނަ އަހަރު އިސްލާމިކް ސްޓޭޓްގެ ނަމުގައި ދައުލަތެއް އުފައްދައި އެ ދައުލަތުގެ "ޚަލީފާ" ގެގޮތުގައި އިޢްލާންކުރި ހިސާބުންނެވެ. އަބޫ ބަކުރު އަލް ބަޣުދާދީއަކީ އަސްލު އިރާގު ރައްޔިތެކެވެ. އޭނާގެ އަސްލު ނަމަކީ، އިބްރާހިމް އަވާދު އިބްރާހިމް އަލް ބަދްރީއެވެ. އިސްލާމިކް ސްޓޭޓުން އިރާގުގެ ބޮޑު ބަޔަކާއި ސޫރިޔާގެ އިރުމަތިން ބޮޑުބައެއް ހިފައިގެން ވެރިކަންކުރިއެވެ. ނަމަވެސް، އެ ހުރިހާ ބިންތަކުން އިސްލާމިކް ސްޓޭޓް ޖަމާއަތް މިހާރުވަނީ ފައްސާނަގަލާފައެވެ. އެހެން ނަމަވެސް، ސޫރިޔާއާއި އިރާގުގެ ބައެއް ކުދިކުދި ސަރަހައްދުތައް އޮތީ އައިއެސްގެ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައެވެ.

ޖަޕާނުގެ ރަސްކަމަށް ނަރުހީޓޯ އިސްކުރުން:

ޖަޕާނުގެ އާ ރަސްގެފާނު އެމްޕެރަރ ނަރުހީޓޯ، ރަސްމީގޮތުން ތަޚުތުގައި ވަޑުވާފައިވަނީ އޮކްޓޫބަރުމަހުގެ 22 ވަނަ ދުވަހުއެވެ. އާ ރަސްގެފާނު ތަޚުތުގައި ވެޑުވުން އޮތީ، ވެރިރަށް ޓޯކިޔޯގައި ހުންނަ އިމްޕީއަލް ޕެލަސްގެ ހައިބަތުބޮޑު ހޯލް އޮފް ޕައިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެމްޕެރަރ ނަރުހީޓޯ ރަސްކަމަށް އިސްކުރެވުނީ، ކުރިން ހުންނެވި އެމްޕެރަރ އަދި ނަރުހީޓޯގެ ބައްޕާފުޅު އަކިހީޓޯ ރަސްކަމުގެ ތަޚުތު ދޫކޮށްލެއްވުމާ ގުޅިގެންނެވެ. އެމްޕެރަރ އަކިހީޓޯ ރަސްކަމުގެ ތަޚުތު ދޫކޮށްލެއްވީ މުސްކުޅިފުޅު ވުމާއެކު، ރަސްކަމުގެ ރަސްމީ ވާޖިބުތައް އަދާކުރެއްވުމަށް ދަތިފުޅުވުމާ ގުޅިގެން، އަކިހީޓޯ އަމިއްލަފުޅަށް އެދިވަޑައި ގެންނެވެ.

އދ ދަރަނިވެރިވުން:

ގުޅިފައިވާ ނުވަތަ އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ، އދ މިހާރުވެސް ހިނގަމުންދަނީ 230 މިލިއަން އެމެރިކާ ޑޮލަރުގެ ޑެފިސިޓަކާ އެކުގައި ކަމަށާއި، އޮކްޓޫބަރުމަސް ނިމޭއިރު އދގެ ބަޖެޓް ހުސްވެދާނެކަމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވީ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އދގެ މުވައްޒަފުންގެ ގޮތުގައި ތިބި 37،000 މީހުންނަށް މުސާރަ ދެވޭނޭކަން ކަށަވަރު ކުރުމަށްޓަކައި ސެކްރެޓަރީ ޖެނެރަލްވަނީ ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވައި އެކަމާ ގުޅޭ ސިޓީއެއް ހުރިހާ މުވައްޒަފުންނަށް ފޮނުއްވާފައެވެ.އދގެ ޚަރަދުތައް ކުޑަކުރެއްވުމަށް ނިންމަވައި، އެކަން ސެކްރެޓަރީ ޖެނެރަލްވަނީ ސިޓީގައި ހާމަކުރައްވާފައެވެ. އެގޮތުން، ކޮންފަރެންސްތަކާއި، ބައްދަލުވުންތައް ފަސްކުރެއްވުމަށާއި، ބައެއް ޚިދުމަތްތައް މަދުކުރެއްވުމަށްވެސް ވަނީ އަންގަވާފައެވެ. ހަމަ އެއާއެކު، ކޮންމެހެން ކުރާންޖެހޭ ދަތުރުތައް ނޫނީ ނުކުރެއްވުމަށް އދގެ އޮފިޝަލުންނަށް ވަނީ އަންގަވާފައެވެ. އަދި ހަކަތަ ސަލާމަތް ކުރުމަށް ފިޔަވަޅު އެޅުއްވުމަށްވެސް ގުޓަރޭސްގެ ސިޓީފުޅުގައި އަންގަވާފައި ވެއެވެ. 2018-2019 ގެ އދގެ އޮޕަރޭޓިންގ ބަޖެޓަކީ ގާތްގަނޑަކަށް 5.4 ބިލިއަން އެމެރިކާ ޑޮލަރެވެ. މީގެ ތެރޭގައި، ދުނިޔޭގެ އެކި ގައުމުތަކުގައި ގާއިމްކޮށްފައިވާ އދގެ ސުލްހަ ބަލަހައްޓާ ސިފައިންގެ ފައުޖުތަކުގެ ޚަރަދު ނުހިމެނެއެވެ. އދގެ ބަޖެޓްގެ %22 ހިއްސާކުރަނީ އެމެރިކާއިންނެވެ.

ދެކުނު އޭޝިޔާގެ އެންމެ އުސް ޓަވަރު ހުޅުވުން:

ދެކުނު އޭޝިޔާގައި މިހާތަނަށް ބިނާކުރެވުނު އެންމެ އުސް ޓަވަރު، ސްރީލަންކާގައި ބިނާކޮށް ހުޅުވުނީ ސެޕްޓެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ. ސްރީލަންކާގެ ވެރިރަށް ކޮޅުނބުގެ މެދުތެރޭގައި އޮންނަ ބެއިރާ ކޯރުގެ އައްސޭރިއަށް ވާގޮތަށް ބިނާކޮށް ހުޅުވި ލޮޓަސް ޓަވަރަކީ 356،3 މީޓަރު ނުވަތަ އެއްހާސް އެއްސަތޭކަ ފަސްދޮޅަސް ނުވަ ފޫޓު އުސް ޓަވަރެކެވެ. ނުފޮޅޭ ލޮޓަސް މަލެއްގެ ބައްޓަމަށް ޓަވަރުގެ ކުރީކޮޅު ހަދާފައިވާ މި ޓަވަރުގައި ރެސްޓޯރަންޓަކާއި، ކޮންފަރެންސް ހޯލެއްގެ އިތުރުން، އޮބްޒަވޭޝަން އޭރިއާއެއްވެސް ހިމެނެއެވެ. މިއީ، ސްރީލަންކާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަގްބޫލް މަންޒިލަކަށް ވާނޭކަމަށް ބެލެވިފައި ވެއެވެ. މި ޓަވަރު ބިނާކުރުމަށް ޖުމްލަ 104.3 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރި އިރު، އޭގެ ތެރެއިން 80 އިންސައްތަ ދީފައިވަނީ ޗައިނާގެ އެކްޒިމް ބޭންކުން ލޯނު އެހީގެގޮތުގައެވެ. ބާކީ ޚަރަދު ކޮށްފައިވަނީ ސްރީލަންކާ ސަރުކާރުގެ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރީ ކޮމިޝަނުންނެވެ.

ރޮބަޓް މުގާބޭ އަވަހާރަވުން:

ޒިމްބާބުވޭއަށް މިނިވަންކަން ލިބުނީއްސުރެ ތިރީސް އަހަރަށްވުރެ ގިނަ ދުވަހު ވެރިކަން ކުރެއްވި، ރޮބަޓް މުގާބޭ، އުމުރުފުޅުން 95 އަހަރުގައި އަވަހާރަވެފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި މސިންގަޕޫރުގައެވެ. މުގާބޭ ޒަމާނުއްސުރެ ބޭސްފަރުވާގެ ޚިދުމަތް ހޯއްދަވަނީ ސިންގަޕޫރުންނެވެ. ޒިމްބާބުވޭގެ ސިފައިން މުގާބޭ ވެރިކަމުން ދުރުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގެނައި ލޭ އޮހޮރުވުމެއް ނެތް އިންގިލާބެއްގައެވެ. މުގާބޭގެ ހަށިކޮޅު ފަސްދާނުލާފައިވަނީ ވެރިރަށް ހަރާރޭގައި ހުންނަ ނޭޝަނަލް ހީރޯސް އޭކްރޭ ގަބުތުސްތާނުގައި ރަސްމީ އިއްޒަތުގައެވެ. މުގާބޭ ބެލެވިފައިވަނީ، ބައިމަދު ދޮން މީހުންގެ ވެރިކަމުގެ ދަށުން ޒިމްބާބުވޭގެ ރައްޔިތުން ސަލާމަތްކޮށް ގައުމު މިނިވަން ކުރެއްވި ލީޑަރުގެ ގޮތުގައެވެ.

ތައިލެންޑްގެ ރަސްކަމަށް މަހާ ވަޖިރަލޮންކޯން އިސްކުރުން:

ތައިލެންޑްގެ އާ ރަސްގެފާނު މަހާ ވަޖިރަލޮންކޯން، ރަސްކަމުގެ ތަޚުތުގައި ވަޑުވައި އިސްތަށިފުޅުގައި ރަސްމީގޮތުން ރަސްކަމުގެ ތާޖު އަޅުވާފައިވަނީ މެއިމަހުގެ 4 ވަނަ ދުވަހުއެވެ. މިއީ، ވޭތުވެދިޔަ ހަތްދިހަ ވަރަކަށް އަހަރުގެ ތެރޭގައި ތައިލެންޑްގައި ރަސްކަމަށް އާ ރަސްކަލަކު އައްޔަން ކުރެވި ރަސްކަމުގެ ތާޖު އެޅުވުނު ފުރަތަމަ ފަހަރެވެ. އުމުރުފުޅުން 66 އަހަރުގެ މަހާ ވަޖިރަލޮންކޯން ތައިލެންޑްގެ ރަސްކަމަށް އިސްކުރެވުނީ އޭނާގެ ބައްޕާފުޅު ރަސްގެފާނު ބޫމިބޯލް އަދުލްޔަދޭޖް، 2016 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 13 ވަނަދުވަހު އަވަހާރަވިތާ 50 ވަނައަށްވީ ދުވަހުއެވެ. ރަސްގެފާނު ބޫމިބޯލް އަވަހާރަވީ ހަތްދިހަ އަހަރު ރަސްކަން ކުރެއްވުމަށް ފަހުގައެވެ. މިއީ މިހާތަނަށް ދުނިޔޭގައި އެންމެ ގިނަދުވަހު ރަސްކަން ކުރެއްވި ރަސްގެފާނެވެ. ރަސްގެފާނު ބޫމޮބޯލް އަދުލްޔަދޭޖް އަވަހާރަވުމުން ރަސްކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައި ގެންނެވި ނަމަވެސް އާ ރަސްގެފާނު މަހާ ވަޖިރަލޮންކޯން ނިންމެވީ ބައްޕާފުޅު އަވަހާރަވުމުގެ ހިތާމައިގައި ދެ އަހަރެއްހާދުވަސް ހޭދަކުރެއްވުމަށް ފަހުގައިނޫނީ ރަސްކަމުގެ ތާޖު ނޭޅުއްވުމަށެވެ. ތައިލެންޑްގެ ރަސްކަމަކީ ދުނިޔޭގެ އެންމެ މުއްސަނދި ރަސްކަމެވެ.

މެލޭޝިޔާގެ ރަސްގެފާނު ތަޚުތު ދޫކޮށްލެއްވުން:

މެލޭޝިޔާގެ ރަސްގެފާނު މުހަންމަދު ފަސްވަނަ ކުއްލިގޮތަކަށް ރަސްކަމުގެ ތަޚުތު ދޫކޮށްލެއްވީ ޖެނުއަރީމަހުގެ 6 ވަނަ ދުވަހުއެވެ. މިއީ، ކޮންމެ ފަސް އަހަރަކުން ދައުރު ހަމަވާގޮތަށް ރަސްކަލުން ރަސްކަން ކުރަމުން އަންނަ މެލޭޝިޔާގައި، ރަސްކަލަކު ތަޚުތު ދޫކޮށްލައްވައި މިހާތަނަށް ރަސްކަމުން އިސްތިއުފާ ދެއްވި ފުރަތަމަ ފަހަރެވެ. އުމުރުފުޅުން 49 އަހަރުގެ ރަސްގެފާނު މުހަންމަދު ރަސްކަމުގެ ތަޚުތު ދޫކޮށްލެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. މެލޭޝިޔާގެ ރަސްގެފާނު މުހަންމަދު ރަސްކަން ދޫކޮށްލެއްވިއިރު، ރަޝިޔާގެ، އުމުރުން 25 އަހަރުގެ ކުރީގެ ރީތީގެ ރާނީއާ ކައިވެނި ބައްލަވައިގެންފައިވާ ކަމުގެ އަޑުތައްވެސް ފެތުރިފައިވެއެވެ. މެލޭޝިޔާގެ ރަސްކަމަށް މުހަންމަދު ފަސްވަނަ އިސްކުރެވުނީ 2016 ވަނަ އަހަރުއެވެ. މެލޭޝިޔާގައި ނުވަ ޝާހީ އާއިލާ އޮވެއެވެ. އެހެންވެ، ރަސްކަން އޮންނަނީ، އެ އާއިލާތަކުގެ މެދުގައި ކޮންމެ ފަސް އަހަރަކުން ދައުރުވާ ގޮތަށެވެ. އެގޮތުން ކޮންމެ ފަސްއަހަރަކުން ރަސްކަމުގެ ތަޚުތަށް ބޭފުޅަކު އިންތިޚާބު ކުރެވޭއިރު، އެކަން ކުރަނީ ޝާހީ ނުވަ އާއިލާގެ މައްޗަށް އެކުލަވާލާފައިވާ ކައުންސިލް އޮފް ރޫލާރސްގައި ނަގާ ވޯޓަކުންނެވެ.

ދުނިޔޭގައި ދިރިއުޅެން އެންމެ އަގުބޮޑު ސިޓީތައް:

ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ދިރިއުޅެން އެންމެ އަގުބޮޑު ސިޓީތަކުގެ ލިސްޓްގެ ދެވަނައަށް ބްރޫނާއީ ދާރުއްސަލާމްގެ ވެރިރަށް ބަންދަރް ސެރީ ބެގަވަން އަރާފައިވަނީ 2019 ވަނަ އަހަރުއެވެ. ބޭރުން މީހުންގޮސް ދިރިއުޅެން އެންމެ އަގުބޮޑު ސިޓީތައް ބެލުމަށް ދުނިޔޭގައި ހަދާ އަހަރީ ސާރވޭ "ކޯސްޓް އޮފް ލިވިންގ ސާރވޭ 2019" ގެ ލިސްޓުން، ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުން އެންމެ އަގު ބޮޑު ސިޓީއަކަށް ބަންދަރް ސެރީ ބެގަވަންއަށް ދެވަނަ ލިބުނުއިރު، ދެކުނު އިރުމަތީ އޭޝިޔާއިން އެންމެ އަގުބޮޑު ސިޓީއެއްގެ ގޮތުގައި ލިސްޓްކޮށްފައިވަނީ ސިންގަޕޫރެވެ. ދުނިޔޭގެ 210 ސިޓީ ހިމަނައިގެން އަގުބޮޑު ސިޓީތައް ރޭންކްކުރިއިރު، ދުނިޔޭގެ ރޭންކިންގައި ބުރޫނާއީގެ ވެރިރަށް ހިމެނިފައިވަނީ 102 ވަނައިގައެވެ. ދެކުނު އިރުމަތީ އޭޝިޔާގެ އަގުބޮޑު އެހެން ސިޓީތަކުގެ ތެރޭގައި އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާއާއި، ކެމްބޯޑިއާގެ ވެރިރަށް ނޮމް ޕެން، ފިލިޕީންސްގެ ވެރިރަށް މެނީލާ، ވިއެޓްނާމްގެ ހެނޯއި، މިޔަންމާގެ ޔަންގޫން ހިމެނެއެވެ. އަގުބޮޑު ސިޓީތަކުގެ ރޭންކް ލިސްޓްގައި، ދުނިޔޭގެ އެންމެ އަގުބޮޑު 10 ސިޓީގެ ތެރެއިން 8 ސިޓީއަކީ ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ސިޓީތަކެވެ. ސިޓީތައް ރޭންކްކުރުމުގައި ބަލާފައިވަނީ، ގެދޮރުގެ އަގަށާއި، ތަކެއްޗާއި ޚިދުމަތުގެ އަގުތަކަށެވެ. އެއީ، ބޭރު ގައުމުތަކުގެ މީހުން އެސިޓީތަކަށް ގޮސް ދިރިއުޅެން ޖެހިއްޖެނަމަ ކުރިމަތިލާންޖެހޭނޭ އަގުތަކެވެ. "ކޯސްޓް އޮފް ލިވިންގ ސާރވޭ 2019" ގައިވެސް ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީގެގޮތުގައި ލިސްޓްގެ އެންމެ ކުރީގައި ރޭންކް ކޮށްފައިވަނީ ހޮންގްކޮންގެވެ. މިލިސްޓުގެ އެންމެ ކުރީގައި ކުރީ އަހަރުވެސް އޮތީ ހޮންގކޮންގެވެ. ލިސްޓްގެ ދެވަނައިގައި ޖަޕާނުގެ ވެރިރަށް ޓޯކިޔޯ އޮތްއިރު، ސިންގަޕޫރު އޮތީ ތިންވަނައިގައެވެ. ދެކުނު ކޮރެއާގެ ވެރިރަށް ސިއޯލްއޮތީ ހަތަރުވަނައިގައެވެ. އެންމެ އަގުބޮޑު، ދުނިޔޭގެ 10 ސިޓީތަކުގެ ލިސްޓްގައި ދެން ހިމެނެނީ، ސްވިޓްޒަރލޭންޑްގެ ޒިޔުރިކް (5ވަނަ)، ޝަންހާއީ (6ވަނަ)، އަޝްގަބަޓް (7ވަނަ)، ބެއިޖިންގ (8ވަނަ)، ނިއުޔޯކް (9ވަނަ)، އަދި ޝެންޒެން (10ވަނަ) އެވެ.

ދުނިޔޭގެ އެންމެ ސިއްހަތު ރަނގަޅު ސިޓީ:

2019 ވަނަ އަހަރު ދުނިޔޭގެ އެންމެ ސިއްހަތު ރަނގަޅު ސިޓީތަކުގެ ރޭންކިންގެ އެންމެ ކުރި ހޯދާފައިވަނީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހެވެ. އެންމެ ސިއްހަތު ރަނގަޅު ސިޓީތައް ރޭންކްކުރަނީ، އެ ސިޓީއެއްގައި ހިމެނޭ ހުރިހާ ކަމެއްގެ މައްޗަށް ރިއާޔަތްކޮށްގެންނާއި، ތަފާސްހިސާބުތަކަށް ބަލައިގެންނެވެ. ސިޓީތައް ރޭންކްކުރަނީ، ޗުއްޓީ ހޭދަކޮށްލަން ދަތުރުކުރާ މަންޒިލްތައް ވަޒަންކުރާ ޓްރެވަލް ސުޕަރމާކެޓުންނެވެ. ޓްރެވަލް ސުޕަރމާކެޓުން މިކަން ކަނޑައެޅުމުގައި މައުލޫމާތު އެއްކުރަނީ، މާކެޓް ރިސާޗް ގްރޫޕެއް ކަމަށްވާ ޔޫރޯމޮނިޓަރ އިންޓަރނޭޝަނަލްއާއި، ޓްރިޕްއެޑްވައިޒަރ، ޔެލްޕް އެންޑް ވޯރލްޑް ވެދަރ އެން ކްލައިމެޓުންނެވެ. އެންމެ ސިއްހަތު ރަނގަޅު ސިޓީތައް ރޭންކްކުރުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި، އެ ސިޓީއެއްގައި ފެހި ޕާކްތައް ހިމެނޭ މިންވަރާއި، ޖިމާއި، ފިޓްނަސް ސެންޓަރުތަކާއި، ސްޕާތަކާއި، ޔޯގާ ކަސްރަތުކުރާ ތަންތަނާއި، ސިއްހަތު ރަނގަޅު ކާނާ ވިއްކާ ތަންތަން ހުންނަ މިންވަރުގެ މައްޗަށް ބަލައެވެ. މީގެއިތުރުން، އެ ސިޓީއަކަށް އަހަރެއްގެ ތެރޭގައި އިރުގެ އަލިކަންލިބޭ ގަޑިތައް ގުނައި، އެ ސިޓީއެއްގެ ހޮޓަލެއްގައި އެއްރޭ ހޭދަކުރުމަށް ހިނގާ އެވްރެޖް ޚަރަދުވެސް ބަލައި ވަޒަންކުރެއެވެ. މިތަފާސްހިސާބު އެއްކުރުމަށްފަހު، އެ ސިޓީއެއްގެ ކުޑަބޮޑުމިނަށް ބަލައި، ކޮންމެ އަކަ ކިލޯމީޓަރަކަށް ޖެހޭ މިންވަރު ބެލުމަށްޓަކައި ތަފާސްހިސާބުތައް ބައިކޮށްލައެވެ. އެގޮތުން، ލިބޭ މާކްސްއަށް ބަލައި، ރޭންކް ކުރަނީ ދުނިޔޭގެ އެންމެ ސިއްހަތު ރަނގަޅު 50 ސިޓީއެވެ. ކްރީމާއި، ބަޓަރު ހިމެނޭ ކެއުންތަކަށް ފޯރިހުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން ޕެރިހުގައި އާންމުވެފައި ވީނަމަވެސް، ދުނިޔޭގެ އެންމެ ސިއްހަތު ރަނގަޅު ސިޓީތަކުގެ ރޭންކިންގެ އެންމެކުރި ޕެރިހަށް ލިބުނީ ގުދުރަތީ ފެހި ޕާކްތަކާއި، ފެހި ހުސް ޖާގަތަކާއި، ސިއްހަތު ރަނގަޅު ކާނާ ވިއްކާ ރެސްޓޯރަންޓްތައް ގިނަވެފައި، ސްޕާތައްވެސް ގިނަވުމުން މާކްސް ގިނައިން ލިބިގެންނެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން، ޕެރިހުގައި ސިއްހަތު ރަނގަޅު ކާނާ ވިއްކާ 1،305 ރެސްޓޯރަންޓް ހުރެއެވެ. އަދި ގުދުރަތީ ފެހި ޕާކްތަކާއި ހުސްބިންތަކުގެ 139 ސަރަހައްދު އޮންނައިރު، 894 ސްޕާ ހުރެއެވެ.

ދުނިޔޭގެ އެންމެ ސިއްހަތު ރަނގަޅު ސިޓީތަކުގެ ލިސްޓުން އެންމެ ކުރި ހޯދާފައިވާ 10 ސިޓީއެވެ.

1. ޕެރިސް / ފްރާންސް

2. ޗިއަންގް މައި / ތައިލެންޑް

3. ބާސެލޯނާ / ސްޕެއިން

4. ޕަޓާޔާ / ތައިލެންޑް

5. ވެންކޫވަރ / ކެނެޑާ

6. މަޔާމީ / ޔޫއެސްއޭ

7. ސަން ފްރަންސިސްކޯ / ޔޫއެސްއޭ

8. ލިޒްބަން / ޕޯޗުގަލް

9. ޑެންޕަސަރް / އިންޑޮނޭޝިޔާ

10. ބުއެނޯސް އައިރިސް / އާޖެންޓީނާ

ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓް:

2019 ވަނަ އަހަރު ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓް ރޭންކިންގެ އެންމެ ކުރި ހޯދާފައިވަނީ އޭޝިޔާގެ ގައުމުތަކެވެ. ދުނިޔޭގެ ގައުމުތަކުގެ ޕާސްޕޯޓްތައް ރޭންކްކުރާ ހެންލީ ޕާސްޕޯޓް އިންޑެކްސް ހާމަކުރިއިރު، ލިސްޓްގެ އެންމެ ކުރި ހޯދާފައިވަނީ ޖަޕާނެވެ. މިއީ، 2019 ވަނަ އަހަރު ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓްތައް ކަނޑައަޅައި ހާމަކޮށްފައިވާ އިންޑެކްސްއެކެވެ. މިލިސްޓުން ޖަޕާނަށް އެންމެ ކުރި ލިބުނީ، ޖަޕާނުގެ ރައްޔިތުންނަށް ދުނިޔޭގެ 190 ގައުމަކަށް ދަތުރު ކުރުމުގައި ވިސާ ނަގަން ނުޖެހުމާއި ނުވަތަ އޮން އެރައިވަލް ވިސާ ލިބޭތީއެވެ. މިއީ، ޖަޕާނު ޕާސްޕޯޓް އޮންނަ އެގައުމުގެ ރައްޔިތުންނަށް ލިބޭ، އަދި ދުނިޔޭގެ އެހެން އެއްވެސް ގައުމ?