އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން އާސެނަލުން ފުރަތަމަ މޮޅު ހޯދައިފި އެވެ.

ރޭ ޔުނައިޓެޑް އަތުން އާސެނަލް މޮޅުވީ 2-0 އިންނެވެ. މި މެޗުގައި އާސެނަލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އާސެނަލުން މެޗުގައި ކާމިޔާބުކުރި ދެ ގޯލުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ.

މެޗު ފަށައިގެން އަށްވަނަ މިނެޓުގައި ނިކޮލަސް ޕެޕޭ އާސެނަލަށް ލީޑު ނަގައިދިންއިރު، އާސެނަލުން ލީޑު ފުޅާކޮށްފައިވަނީ 42 ވަނަ މިނެޓުގައި ސޮކްރަޓިސް ޕަޕަސްތަތޮޕޫލޮސް ކާމިޔާބުކުރި ގޯލުންނެވެ.

އާޓެޓާގެ އިރުޝާދުގެ ދަށުން ރޭ ޔުނައިޓެޑް އަތުން އާސެނަލް މޮޅުވިއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލް ކުޅުނު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ބޯންމަތާއި ވާދަކޮށް އެއްވަރުވިއިރު، ދެވަނަަ މެޗުގައި އަމިއްލަ ދަނޑުގައި ޗެލްސީ އަތުން ފަހުވަގުތު ވަނީ ބަލިވެފައެވެ.

ރޭގެ މޮޅާއެކު އާސެނަލް ވަނީ 27 ޕޮއިންޓު ހަމަކޮށް ތާވަލުގެ ދިހަވަނައަށް ޖެހިލާފައެވެ. ރޭގެ މެޗުން ބަލިވި މެންޗެސްޓާ ޔުނައިޓެޑް އޮތީ 31 ޕޮއިންޓާއެކު ފަސްވަނައިގައެވެ. ތާވަލުގެ ހަތަރުވަނައިގައި 36 ޕޮއިންޓާއެކު އޮތް ޗެލްސީ ރޭ ވަނީ ބްރައިޓަންއާ 1-1 އިން އެއްވަރުވެފައެވެ.

ސިޓީ އާއި އެވަޓަން ބައްދަލުކުރި މެޗުގެ ތެރެއިން ---

މީގެ އިތުރުން ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅެ އެވަޓަން އަތުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ވަނީ މުހިންމު މޮޅެއް ހޯދާފައެވެ. ރޭގެ މެޗު ސިޓީން ކާމިޔާބުކުރީ 2-1 އިންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ސިޓީންނެވެ. ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސުސްއެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ރިޔާދު މާރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ގެބްރިއަލް ޖީސުސް ވަނީ ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު މެޗުގެ 71 ވަނަ މިނެޓުގައި ސިޓީގެ ގޯލްކީޕަރު ބްރާވޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ރިޗާލިސަން ވަނީ އެވަޓަންއަށް ފަރަގު ކުޑަކޮށްދީފައެވެ.

ރޭގެ މޮޅާއެކު ސިޓީ އޮތީ 21 މެޗުން 44 ޕޮއިންޓު ހަމަކޮށް ތިންވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި 19 މެޗުން 55 ޕޮއިންޓު ހޯދާފައިވާ ލިވަޕޫލް މިރޭ ޝެފީލްޑް ޔުނައިޓެޑާ ވާދަކުރާނެ އެވެ.