ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ ފެބްރުއަރީ މަހު ބާއްވާ ގޮތަށް ތާވަލުކޮށްފި އެވެ.

ކްރިކެޓް ބޯޑުގެ އޭޖީއެމް ފެބްރުއަރީ މަހަށް ތާވަލުކޮށްފައި މިވަނީ، އެ ބޯޑުގެ އޭޖީއެމް ނުބޭއްވި އޮންނަތާ ހަތް މަސްވެފައިވަނިކޮށް އޭޖީއެމް ބޭއްވުމުގެ ހުއްދަ ސްޕޯޓްސް ކޮމިޝަނުން ދިނުމުންނެވެ.

ކްރިކެޓް ބޯޑުގެ އޭޖީއެމް މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި އެންމެ ފުރަތަމަ ބޭއްވުމަށް މަސައްކަތް ކުރި ނަމަވެސް، އެ ފަހަރު ނުބޭއްވި ދިޔައީ ކޯރަމް ހަމަނުވުމުގެ ސަބަބުންނެވެ. އޭގެ ފަހުން ދެ ފަހަރު ބޭއްވުމަށް މަސައްކަތް ކުރި ނަމަވެސް، ސްޕޯޓްސް ކޮމިޝަނުން ވަނީ ގަވައިދާ އެއްގޮތައް އޭޖީއެމް ބޭއްވުމަށް އަންގައި، އެކަން ހުއްޓުވާފައެވެ.

ވީސްޕޯޓްސް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން މީގެ ކުރިން ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް ވިދާޅުވީ ކްރިކެޓްގެ އޭޖީއެމް ހުއްޓުވުމަށް އެ ކޮމިޝަނުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި އޭޖީއެމް ނުބޭއްވި ލަސްވެފައި ވަނީ އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތަކެއް ގެނައުމަށް ކަމަށެވެ.

ސްޕޯޓްސް ކޮމިޝަނުގެ ހުއްދަ މިދިޔަ މަހު ލިބުމާއެކު 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ކްރިކެޓް ބޯޑުގެ ހިންގާ ކޮމިޓީގެ 13 ވަނަ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އާއި 2020 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އެކުގައި މިއަހަރުގެ ފެބްރުއަރީ މަހުގެ 20 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ފާސްކޮށްފައެވެ.

ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހު (އަފޫ) މީގެ ކުރިން ވިދާޅުވެފައި ވަނީ އޭޖީއެމް ނުބޭއްވިދާ ކޮންމެ ދުވަހަކީ ކްރިކެޓަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި، ފުޅާދާއިރާއެއްގައި އަތޮޅުތެރޭގައި ކްރިކެޓްގެ އެތައް ހަރަކާތްތަކެއް ކުރިޔަށްދާއިރު ބަޖެޓް ފާސްނުކުރެވި އޮތުމުން ކޮންމެ ދުވަހަކު ވެސް އިދާރީ ހިންގުމަށް ވެސް ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ.

އަހަރީ އާއްމު ޖަލްސާ އަކީ ކޮންމެ އަހަރެއްގެ މާޗު 31 ވަނަ ދުވަހުގެ ކުރިން ބާއްވަން ޖެހޭ ޖަލްސާއަކަށް ވާއިރު، މިދިޔަ އަހަރު ގިނަ އެސޯސިއޭޝަންތަކުގެ އޭޖީއެމް ބާއްވާފައެއް ނުވެއެވެ. އެހެން ކަމުން އެ ސޯސިއޭޝަންތަކާއި މަޝްވަރާކޮށް ގަވައިދާ އެއްގޮތަށް އޭޖީއެމް ބޭއްވުމަށް ބާރު އަޅާނެ ކަމަށް ހީނާ އަހުމަދު ސަލީމް ވަނީ ވިދާޅުވެފައެވެ.