އިނގިރޭސިވިލާތުގެ މެންޗެސްޓަރގެ ބޮޑު ދެކުލަބާއި ލިވަރޕޫލްގެ ބޮޑު ދެ ކުލަބުގެ މެދުގައި އޮންނަ ވާދަވެެރިކަމުގެ ވާހަކަޔަކީ ދުނިޔޭގެ ފުޓުބޯޅަޔަށް ޝައުގު ހުންނަ ވަރަށް ގިނަބަޔަކު ދަންނަ ވާހަކައެކެވެ. މި ވާދަވެރިކަމުގެ އަސްލަކީ ފުޓުބޯޅަބާވައެވެ. ނުވަތަ އެހެން އެއްޗެއްބާވައެވެ.

މިއީ ފުޓުބޯޅައިގެ ސަބަބުން ފެށުނު ވާދަވެރިކަމެއް ނޫނެވެ. މިއީ ދެ ސަހަރުގެ އަރައިރުމެއްގެ އަސަރެވެ. މެންޗެސްޓަރ އާއި ލިވަރޕޫލްގެ ކޯޅުމެއްގެ އަސަރެވެ. މެންޗެސްޓަރ ސަހަރަށް ނިސްބަތްވާ ބޮޑު ދެ ކުލަބުކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީގެ ބެޖުން އެފެންނަ ނަވަކީ މި އަރައިރުންތައް ރަމްޒުކޮށްދޭ ނިޝާނެކެވެ.

މެންޗެސްޓަރ އާއި ލިވަރޕޫލަކީ އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި ވަރަށް ގާތްގާތުގައި އޮންނަ ދެ ސަހަރެވެ. ލިވަރޕޫލަކީ ގުދުރަތީ ބަނދަރެކެވެ. މެންޗެސްޓަރ އޮންނަނީ ތަންކޮޅެއް އެތެރޭގައި ކަމުން އެސަހަރުގައި ބަނދަރެއް ނޯވެއެވެ. މެންޗެސްޓަރ ސަހަރު އުފެދި ފުޅާވަމުންއައީ ސިނާއީ ސަހަރެއްގެ ގޮތުގައެވެ. ހައްތާވެސް ބޮޑެތި ކާރުޚާނާތަކާއި އެކިވަރުވަރުގެ ފެކްޓަރީތަކެވެ. މިތަންތަނުން އުފައްދާތަކެތި އެކްސްޕޯޓްކުރުމަށްޓަކައި ފުރަތަމަ އަސްގާޑިޔަލުގައި ފަހުން ރޭލުގައި ގެންދަންޖެހެނީ ލިވަރޕޫލަށެވެ. މެންޗެސްޓަރގެ އިގްތިސާދު މުޅިންވެސް އުފެއްދުންތެެރިކަމުގެ މައްޗަށް ބައްޓަންވެފައިވާއިރު ލިވަރޕޫލްގެ އިގްތިސާދު ބައްޓަންވެފައިއޮތީ ބަނދަރުގެ މައްޗަށެވެ.

ދެންވާންފެށިގޮތަކީ ބަނދަރުން މުދާ ބޭރުކުރުމާއި މުދާ އެތެރެކުރުމުގެ ޚިދުމަތްތަކުން ނަގާ ފީ ނުވަތަ ޓެކްސް ލިވަރޕޫލް ކައުންސިލުން ބޮޑުކުރާންފެށީއެވެ. މިގޮތަށް ބޮޑުކުރަމުން ކުރަމުންގޮސް ދަތިވާހިސާބަށް ދިޔުމުން މެންޗެސްޓަރ ސަހަރުގެ ފެކްޓަރީތައް ހިންގާ މަހުޖަނުން ނިންމީ މިކަމަށް އެހެން ހައްލެއް ހޯދުމަށެވެ. އެ ހައްލަކީ މެންޗެސްޓަރއަށް ފަސޭހަކަމާއެކު ބޮޑެތި އާގުބޯޓުފަހަރަށް އައިސްގޮސް ވެވޭވަރުގެ ފުން ކޯރެއް ކޮނުމެވެ. މުޅި މެންޗެސްޓަރ ގުޅިގެން އިސާހިތަކު މި ކޯރު ކޮނެގެން މެންޗެސްޓަރ ޝިޕް ކެނަލްގެ ނަމުގައި 1894 ގައި ހުޅުވައިފިއެވެ. މިކެނަލް ހުޅުވީމާ މެންޗެސްޓަރގެ ވިޔަފާރިތައް ލިވަރޕޫލުގެ ބަނދަރަށް ބަރޯސާކުރުން ހުއްޓުނީއެވެ. މެންޗެސްޓަރ އަށް އިތުރު ކުރިއެރުމާއި ފާގަތިކަން އައީއެވެ.

މެންޗެސްޓަރ ބޯޓުކެނަލްގެ ޚިދުމަތް ފެށިގެން ފުޅާވަމުން ގޮސް މެންޗެސްޓަރ ސަހަރުގެ ގާތްގަޑަކަށް ހަމަ ކޮންމެ މީހަކީ އެ ކެނަލްއަށް ނުވަތަ އެކެނަލް މެދުވެރިކޮށް ބޭރުކުރެވޭ މުދަލުން ލިބޭ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބައްޓަންވެފައިވާ މީހަކަށް ވެއްޖެއެވެ. އަނެއްކޮޅުން މިކަންވެގެންދިޔައީ ލިވަރޕޫލް ސަހަރާއި އެތާގެ ބަނދަރަށް ލިބުނު ވަރަށްވެސް ބޮޑު ގެއްލުމަކަށެވެ. މިކަން މިހެންވީމާ ދެ ސަހަރުގެ މެދުގައި އުފެދުނީ ވަރަށް ބޮޑު ދެކޮޅުވެރިކަމެކެވެ. ވާދަވެެރިކަމެކެވެ.

މި ވާދަވެރިކަން އެންމެ ބޮޑުވީ ދުވަސްވަރަކީ އެކި ސަހަރުތަކުގައި ފުޓްބޯޅަ ކުލަބުތައް އުފެދި މިޒަމާނުގެ ގޮތަށް ފުޓްބޯޅަ ބައްޓަންވާން ފެށި ދުވަސްވަރެވެ. މެންޗެސްޓަރ ސަހަރުގައިވެސް މިގޮތުން ދެ ކުލަބެއް އުފެދިއްޖެއެވެ. އެއީ މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީއެވެ. އެޒަމާނުގައި ކޮންމެ ކުލަބަކަށްވެސް ކުޅެނީ އެސަހަރަކަށް ނިސްބަތްވާ ނުވަތަ އެސަހަރެއްގައި ދިރިއުޅޭ ޒުވާނުންނެވެ. މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީއަށް ކުޅޭ އެންމެންނާއި ޚަރަދުކުރާ މީހުންނާއި ސަޕޯޓަރުންނަކީ މެންޗެސްޓަރގެ ފެކްޓަރީތަކާއި ބޯޓުކެނަލްގައި މަސައްކަތްކުރާ މީހުންނެވެ. އެހެންވީމާ އެކަން ފާހަގަކޮށް ލިވަރޕޫލާ ނުލައި މެންޗެސްޓަރއަށް ލިބުނު ކުރިއެރުން ރަމްޒުކޮށްދިނުމަށް މި ދެކުލަބުގެ ބެޖުގައިވެސް ބޮޑުނަވެއް ކުރެހީއެވެ.

މެންޗެސްޓަރ އާއި ލިވަރޕޫލްގެ ފުޓުބޯޅައިގެ ވާދަވެރިކަން އެންމެ އުހަށް އުފުލުނީ 1980 ގެ އަހަރުތަކުން ފެށިގެންނެވެ. އިނގިރޭސިވިލާތުގެ ފުޓްބޯޅައިގެ ރަސްކަން މި ދެސަހަރަށް ނިސްބަތްވާ ލިވަރޕޫލާއި މެންޗެސްޓަރ ޔުނައިޓެޑުން ކުރަންފެށި ހިސާބުންނެވެ. މިއަދު މި ކުލަބުތަކުގެ ވެރީންނަކީ މެންޗެސްޓަރގައި ފެކްޓަރީތައް ހިންގާ ބައެއް ނޫނެވެ. ކުޅުންތެރިންނަކީ މެންޗެސްޓަރގެ ފެކްޓަރީތަކުން ނިކުންނަ ޒުވާނުންނެއް ނޫނެވެ. ކުލަބުތައް ހިންގަނީ ދުބާއީގެ މަހުޖަނަކާއި އެމެރިކާގެ މަހުޖަނެކެވެ. ދެ ޓީމުގައިވެސް ގިނައީ ބިދޭސީންނެވެ. އެކަމަކުވެސް ބެޖުގެ މެދުގައި މެންޗެސްޓަރ ފަޚުރުވެރިވާ ނައު އެބަހުއްޓެވެ. އެ ނައު ފެންނަ ކޮންމެ ފަހަރަކު ލިވަރޕޫލަށް މަލާމާތް ރައްދުވެއެވެ. މިސަބަބާހެދި މި ދެކޮޅުވެރިކަމަށް ނިމުމެއް ނައިސް ކުރިއަށްދަނީއެވެ. އެއްބައެއްގެ ކާމިޔާބީއަކީ އަނެއްބަޔަކަށް ހިތި ޒަހަރަކަށް ވަނީއެވެ.