އިޓަލީގެ ފުޓުބޯޅައިގައި އެންމެ ބޮޑު ދެކޮޅުވެރިކަމެއް އޮންނަނީ އޭސީ މިލާނާއި އިންޓަރ މިލާނާ ދެމެދުގައެވެ. މި ދެ ކުލަބުވެސް ނިސްބަތްވަނީ އިޓަލީގެ އުތުރުގައި އޮންނަ ސަހަރެއްކަމަށްވާ މިލާނަށެވެ. ދެ ޓީމުވެސް ހިއްސާކުރަނީ އެއް ސްޓޭޑިއަމެކެވެ. އޭސީ މިލާނަށް އެއީ ސެންސީރޯ ސްޓޭޑިއަމެވެ. އެކަމަކު އިންޓަރ މިލާނުގެ ސަޕޯޓަރުންނަށް އެއީ ޖުސެއްޕެ މެއާއްޒާ ސްޓޭޑިއަމެވެ.

އޭސީ މިލާނާއި އިންޓަރ މިލާނުގެ ދެކޮޅުވެރިކަމުގެ ސިއްރަކީ ކޮބައިބާވައެވެ. މިލާނުގައި އެންމެ ފުރަތަމަ އުފެދުނީ އޭސީ މިލާނެކެވެ. އެކުލަބު އުފެދުނީ 1899 ގައެވެ. އުފެދިގެން އެންމެ ފުރަތަމަވެސް އިޓަލީގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ އެއްބާރުކަމުގައި ވެއްޖެއެވެ. އެކަމަކު ހަތަރު ފަސް އަހަރެއްގެ ތެރޭގައި ކުލަބުގެ ބޯޑު ބައިބައިވެއްޖެއެވެ. ކުލަބުގެ ރައީސާއި ބޯޑުގެ ގިނަ މެންބަރުންނާ ޚިޔާލު ތަފާތުވުން އުފެދިއްޖެއެވެ. މި އަރައިރުމެއް ފެށުނީ އޭސީ މިލާނުގެ ޓީމުގައި ބިދޭސީން ހިމެނުމާމެދުގައެވެ. ކުލަބުގެ ރައީސް ބޭނުންވަނީ މުޅިންވެސް އިޓަލީގެ ކުޅުންތެރިންނެވެ. އެކަމަކު ބޯޑުގެ ގިނަ މެންބަރުންނަށް އެގޮތް ކަމަކު ނުދިޔައެވެ. އެމީހުން ބޭނުންވީ އިޓަލީގެ ކުޅުންތެރިންނާއެކު ބިދޭސީންވެސް ހިމަނައިގެން ޓީމު ބައްޓަން ކުރުމަށެވެ.

އޭސީ މިލާނުގެ މެނޭޖްމަންޓުގެ ތެރޭގައި އުފެދުނު ދެބަސްވުމަށް ހައްލެއް ނުލިބުމުގެ ނަތީޖާއަކަށްވީ ބޯޑުގެ ގިނަ މެންބަރުން ވަކިވެގެން އާ ކުލަބެއް އުފެއްދުމެވެ. އާ ކުލަބަށް ދިން ނަމަކީ އިންޓަރނޭޝަނަލް މިލާނެވެ. ކުރުކޮށް އިންޓަރ މިލާނެވެ. އިންޓަރނޭޝަނަލޭ ކިޔައި ނަންދިނީ ބިދޭސީންނަށްވެސް ދޮރު ހުޅުވިފައިވާ ބައިނަލްއަގުވާމީ ކުލަބެއްކަން އެންގުމުގެ ގޮތުންނެވެ. އޭސީ މިލާނުން ވަކިވެގެން އާ ކުލަބެއް އުފެއްދުމުގެ މަގްސަދަކީވެސް އެންމެން ހަމަހަމަ ކުރުމުގެ ގޮތުންނެވެ. މިގޮތުން އިންޓަރ މިލާން އުފެދުނީ 1908 ގައެވެ. މިއަދު އިންޓަރ މިލާނަކީ އިޓަލީގެ އެންމެ މަތީ ޑިވިޝަނުން ދުވަހަކުވެސް ރެލިގޭޓްނުވުމުގެ ރިކޯޑް ލިބިފައިވާ ހަމައެކަނި ކުލަބެވެ.

އިންޓަރ މިލާން އުފެދުމާއެކު އިޓަލީގެ ފުޓުބޯޅައިގެ ބާރަކަށް އިންޓަރ ވެއްޖެއެވެ. އޭސީ މިލާނަށް ފަނޑުކަން އަތުވެއްޖެއެވެ. އޭސީ މިލާން އޮތީ 1950 ގެ އަހަރުތަކާ ހަމަޔަށްވެސް އިންޓަރ މިލާނުގެ ހިޔަނީގެ ފަހަތުގައެވެ. އެ މުއްދަތުގެ ތެރޭގައި އެއްފަހަރަކު ރެލިގޭޓުވެސް ވިއެވެ. ސެންސީރޯ ސްޓޭޑިއަމަކީ އޭސީ މިލާނުގެ ރައީސްގެ މިލްކެއް ކަމުން އެތަނުގައި ކުޅެމުން އައީ ހަމައެކަނި އޭސީ މިލާނެވެ. ސެންސީރޯ ސްޓޭޑިއަމޭ ކިޔަނީ އެ ސްޓޭޑިއަމް ހުންނަނީ މިލާނުގެ ސެންސީރޯއޭ ކިޔުނު އޭރިޔާގައި ކަމަށް ވުމުންނެވެ. ތަންކޮޅެއްފަހުން މިލާނުގެ ސިޓީ ކައުންސިލަށް ސްޓޭޑިއަމް ވިއްކައިލީއެވެ. އޭގެ ފަހުން އޭސީ މިލާނުގެ އަމިއްލަ ވަންތަކަން ސްޓޭޑިއަމަށް އޮތީ ގެއްލިފައެވެ.

އިންޓަރ މިލާން އުފެދިގެން ސެންސީރޯ ދޫކޮށް އެ ކުލަބު ކުޅެމުން އައީ މިލާނުގެ ތަންކޮޅެއް ކުޑަ ތަނެއްކަމުގައިވާ އެރީނާ ސިވިކާގައެވެ. ސެންސީރޯއަކީ ސިޓީ ކައުންސިލްގެ ތަނަކަށް ވުމުން ކުލި ދައްކާ ގޮތަށް އިންޓަރ މިލާންވެސް ސެންސީރޯއަށް ބަދަލުވީ 1947 ގައެވެ. އޭގެ ފަހުން އެއީ އޭސީ މިލާނާއި އިންޓަރ މިލާނުގެވެސް ހޯމް ސްޓޭޑިއަމެވެ. މިއަދު އެއީ އިޓަލީގައި ހުންނަ އެންމެ ބޮޑު ފުޓުބޯޅަ ސްޓޭޑިއަމެވެ. އެތަނަށް އަށްޑިހަހާސް މީހުންނަށް ވަދެވެއެވެ.

ސެންސީރޯ ސްޓޭޑިއަމްގެ ނަން 1980 ވަނަ އަހަރު ސިޓީ ކައުންސިލުން ވަނީ ރަސްމީކޮށް ޖުސެއްޕެ މެއާއްޒާ ސްޓޭޑިއަމުގެ ނަމަށް ބަދަލުކޮށްފައެވެ. މިއީ އިޓަލީގެ ތާރީޚުގައިވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޭނާއަކީ އިންޓަރ މިލާނުގެ ބަތަލެކެވެ. އެހެންކަމުން އިންޓަރ މިލާނުގެ ސަޕޯޓަރުން އެސްޓޭޑިއަމަށް ކިޔަނީ ރަސްމީ ނަމުންނެވެ. އެކަމަކު އޭސީ މިލާނުގެ ސަޕޯޓަރުން އެނަން ބޭނުމެއް ނުކުރެއެވެ. އެމީހުން ކިޔަނީ އަދިވެސް ކުރީގެ ގޮތަށް ސެންސީރޯ ސްޓޭޑިއަމެވެ. މި ސްޓޭޑިއަމުގައި އޭސީ މިލާނާއި އިންޓަރ މިލާން އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުކުރާ މެޗު އިޓަލީގައިވެސް އަދި ދުނިޔޭގައިވެސް މަޝްހޫރު ވެފައި އޮންނަނީ ޑާރބީ ޑެއްލަ މެޑޯނީނާގެ ނަމުންނެވެ. މާނަޔަކީ މެޑޯނާ ޑާރބީއެވެ. މިނަން ކިޔަނީ އެހިސާބުގައިވާ ތާރީޚީ ބުދަކަށް ނިސްބަތްކޮށްފައެވެ.

ސެންސީރޯގައި މިދެޓީމު ބައްދަލުކުރާ މެޗުތަކުގައި ހަމަނުޖެހުން ހިނގުމަކީ ވަރަށް އާއްމު ކަމެކެވެ. އެވަރަށް ދެ ޓީމުގެ ދެކޮޅުވެރިކަން ބޮޑެވެ. އޭސީ މިލާނާއި އިންޓަރ މިލާނަށް ޔޫރަޕުގެ ރިކޯޑެއް ލިބިފައިވެއެވެ. އެއީ ޔޫރަޕުގެ ޗެމްޕިއަންކަން ހޯދި އެއްސަހަރަކަށް ނިސްބަތްވާ ދެޓީމު ކަމަށް ވުމުގެ ޝަރަފެވެ. ސްޕޭނުގެ ރެއާލް މެޑްރިޑް ކިތަންމެ ގިނަ ފަހަރު ޔޫރަޕުގެ ތަށި ހޯދިޔަސް އެތުލެޓިކޯ މެޑްރިޑަށް އެތަށި ނުހޯދެއެވެ. ލަންޑަނުގެ ކުލަބުތަކުގެ ތެރެއިން ޗެލްސީ ފިޔަވައި އެހެންބަޔަކަށްވެސް އަދި ނުލިބެއެވެ. ހަމައެގޮތަށް މެންޗެސްޓަރ ޔުނައިޓެޑަށް ތިންފަހަރު ތަށި ހޯދުނުއިރު މެންޗެސްޓަރ ސިޓީއަށް އަދި ނުލިބެއެވެ.