ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ވާދަކުރާ ސައިފް ސްޕޯޓިން ކްލަބުގެ ކޯޗުކަމާ މީގެ ދެމަސް ކުރިން ހަވާލުވި ރާއްޖޭގެ މުހައްމަދު ނިޒާމް (ނިޒާމްބެ) އެ ޓީމުގެ އެއްބަސްވުން އުވާލައި މަގާމުން މިއަދު ވަކިވެއްޖެއެވެ.

ސައިފްގެ ކޯޗުގެ މަގާމާ ނިޒާމްބެ ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ ނޮވްމެބްރު މަހުގެ ކުރީކޮޅު އެވެ.

ނިޒާމްބެގެ އިރުޝާދުގެ ދަށުން ފެޑެރޭޝަން ކަޕްގައި ސައިފް ވާދަކުރި ނަމަވެސް، ކުއާޓާ ފައިނަލުން ޕޮލިސް އެފްސީ އަތުން 3-1 އިން ބަލިވެ ވަނީ މުބާރާތުން ކަޓާފައެވެ. ކުއާޓާއިން ބަލިވެ މުބާރާތުން ކެޓި ނަމަވެސް، ފެޑެރޭޝަން ކަޕްގެ ފުރަތަމަ މެޗުން ސައިފް އާއި ރަހުމަތުގަންޖާ ލަނޑެއް ނުޖެހި ވަނީ އެއްވަރުވެފައެވެ. ކުއާޓާއަށް ދަތުރުކުރީ ދެވަނަ މެޗުން ޝެއިހް ޖަމާލް ޑީސީ އަތުން 3-1 އިން މޮޅުވެ ގްރޫޕް އެއްވަނަ ޓީމުގެ ގޮތުގައެވެ.

ސައިފްއާއެކު ހަދާފައިވާ އެއްބަސްވުން އުވާލައި، މަގާމުން ވަކިވިކަން ނިޒާމްބެ މިއަދު ވަނީ އިއުލާނުކޮށްފައެވެ.

ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމަށް އިރުޝާދު ދެމުންދިޔަ ނިޒާމްބެ، ބަންގްލަދޭޝްގެ ސައިފްއަށް ދެ މަސް ދުވަހަށް ކޯޗުކަން ކޮންދިންއިރު، މިއީ ރާއްޖޭގެ ކޯޗަކު ބޭރުގެ ގައުމެއްގެ އެންމެ މަތީ ޑިވިޝަނުގެ ޓީމަކާ ހަވާލުވި ފުރަތަމަ ފަހަރެވެ. ސައިފްއާ ހަވާލުވަމުން ނިޒާމްބެ އޭރު ބުނީ އޭނާއަށް ދީފައިވާ ޓާގެޓަކީ އޭއެފްސީ ކަޕަށް ސައިފް ކޮލިފައިކޮށްދިނުން ކަމަށެވެ.

ސައިފްގެ ކޯޗުގެ މަގާމުން ނިޒާމްބެ ވަކިވިއިރު، ބަންގްލަދޭޝް ޕްރިމިއާ ލީގު ފަށުމަށް ހަމަޖައްސާފައިވަނީ މިމަހު އެވެ. މި ލީގަކީ ފަހަކަށް އައިސް މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދަމުން އަންނަ ލީގެކެވެ.

12 ކްލަބު ވާދަކުރާ މި ލީގުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުރިން ކޯޗުކޮށްދިން ސްޕެއިންގެ އޮސްކާ ބްރުޒޮން ވެސް މަސައްކަތްކުރެއެވެ. މިދިޔަ ސީޒަނުގައި ސައިފް ސްޕޯޓިން ކްލަބުން ލީގު ނިންމާލީ ތާވަލުގެ ހަތަރުވަނައިގައެވެ. ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އޮސްކާ ބުރުޒޮން ކޯޗުކޮށްދޭ ބަޝުންދަރާ ކިންގްސް އެވެ.