އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޝެފީލް ޔުނައިޓެޑް ބަލިކޮށް، ލިވަޕޫލުން ލީގުގައި ބަލިނުވެ އަހަރެއް ހަމަކޮށްފި އެވެ.

ރޭ އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑް އަތުން 2-0 އިން ލިވަޕޫލް މޮޅުވިއިރު، ލީގުގައި އެޓީމު އެންމެ ފަހުން ބަލިވެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތިންވަނަ ދުވަހު މެންޗެސްޓާ ސިޓީ އަތުން 3-1 އިންނެވެ. އަދި ރޭގެ މެޗަކީ އަމިއްލަ ދަނޑުގައި ބަލިނުވެ ލިވަޕޫލުން ހަމަކުރި 51 ވަނަ މެޗެވެ.

ލިވަޕޫލާއި ޝެފީލް ޔުނައިޓެޑް ރޭ ބައްދަލުކުރި މެޗުގެ ވަރަށް ކުރީކޮޅު ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. އެންޑީ ރޮބަޓްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހު އެވެ. މިއީ މިސްރުގެ ފޯވާޑް މިސީޒަނުގެ ލީގުގައި ކާމިޔާބުކުރި ދިހަވަނަ ގޯލެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގައި ލިވަޕޫލުން ވަނީ ޝެފީލްޑް ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެކަމަކު އެ ހަމަލާތަކުގެ ހުރަހަކަށްވީ އެޓީމުގެ ގޯލްކީޕަރު ޑީން ހެންޑަސަންއެވެ.

ލިވަޕޫލުން މެޗުގައި ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފުގައެވެ. މެޗުގެ 64 ވަނަ މިނެޓުގައި ސަލާހު ދިން ބޯޅައަކުން މި ގޯލް ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ އެވެ.

ރޭގެ މޮޅާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 20 މެޗުން 58 ޕޮއިންޓު ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ލެސްޓާ ސިޓީއަށް ލިބިފައިވަނީ 21 މެޗުން 45 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތީ 21 މެޗުން 44 ޕޮއިންޓު ހޯދައިގެން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ.