ދުނިޔޭގެ އެންމެ ގިނަ ބަޔަކު އެ މެޗަކަށް އިންތިޒާރުކުރާ މެޗަކީ ސްޕޭނުގެ ލީގުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ މެޗެވެ. މުޅި ދުނިޔޭގައި މި މެޗު މަޝްހޫރުވެފައިވަނީ އެލް ކްލެސިކޯގެ ނަމުންނެވެ. ޓީވީތައް މެދުވެރިކޮށް މި މެޗު ފަސްސަތޭކަ މިލިޔަނަށްވުރެ މަދު ނޫން އަދަދެއްގެ މީހުން ބަލާކަމަށްވެއެވެ.

އެލް ކްލެސިކޯއަށް މިހާބޮޑު ސަމާލުކަމެއް ލިބުމުގެ އޮތީ މައިގަޑު ދެ ސަބަބެކެވެ. އެއްސަބަބަކީ މި ދެ ޓީމަކީ ދުނިޔޭގެ އެންމެ ކާމިޔާބު އެންމެ ވަރުގަދަ އަދި އެންމެ މަގުބޫލު ދެ ކުލަބުކަމަށް ވުމެވެ. ދެވަނަ ސަބަބަކީ މިއީ ކުޅިވަރުގެ ވާދަވެރިކަމަކަށްވުރެ ބޮޑަށް ދެ ގައުމިއްޔަތެއް، ދެ ސަގާފަތެއް އަދި ދެ ފިކުރެއްގެ ވާދަވެރިކަމަކަށް ވުމެވެ. ބާސެލޯނާ ނިސްބަތްވަނީ ކެޓަލޯނިޔާއަށެވެ. އެއީ ސްޕޭނުގެ އިރުއުތުރުގައިވާ ވަކި ސަރަހައްދެކެވެ. ވަކި ބަހަކުން ވާހަކަ ދައްކާ ވަކި ނަސްލެއްގެ ވަކި ގައުމިއްޔަތެއް ހިމެނޭ ސަރަހައްދެކެވެ. ރެއާލް މެޑްރިޑް ނިސްބަތްވަނީ މެޑްރިޑަށެވެ. އެއީ ސްޕޭނުގެ މެދެވެ. ކަސްޓީލްއޭ ކިޔުނު ސަރަހައްދެވެ. އެއީ ސްޕެނިޝް ގައުމިއްޔަތުގެ ނާރެހެވެ. ސްޕޭނުގެ ވެރިރަށަކީވެސް މެޑްރިޑެވެ.

ބާސެލޯނާ އުފެދުނީ މީގެ ސަތޭކަ ވިހި އަހަރުކުރިން 1899 ގައެވެ. ރެއާލް މެޑްރިޑް އުފެދުނީ އޭގެ ތިން އަހަރު ފަހުން 1902 ގައެވެ. ކެޓަލޯނިޔާއަށް ނިސްބަތްވާ މީހުން ގަބޫލުކުރާ ގޮތުގައި ކެޓަލޯނިޔާއަކީ ސްޕޭނެއް ނޫނެވެ. އެއީ މުޅިން މިނިވަން މުސްތަގިއްލު ގައުމަކަށްވާންޖެހޭ ގައުމެކެވެ. އެހެންކަމުން ބާސެލޯނާ ހިމެނެނީ މި ޚިޔާލާއި ފިކުރު ކުޅިވަރުގެ ތެރެއިން ނެރެ ދައްކާ ދަންމަރެއްގެ ގޮތުގައެވެ. އަނެއްކޮޅުން ކަސްޓީލަށް ނިސްބަތްވާ މީހުން ގަބޫލުކުރާ ގޮތުގައި ހަގީގީ ސްޕެނިޝް ގައުމިއްޔަތުގެ ނިޝާނަކީ ރެއާލް މެޑްރިޑެވެ. ބާސެލޯނާއަކީ ބަގާވާތުގެ އަސަރެވެ. މިއަދުވެސް ސްޕޭނުގައި ރެއާލް މެޑްރިޑަށް ތާއީދުކުރުން ބޮޑީ ކަނާތުފިޔައިގެ މީހުންގެ ތެރޭގައެވެ. ބާސެލޯނާއަށް ތާއީދުކުރުން ބޮޑީ ވާތުފިޔައިގެ މީހުންގެ ތެރޭގައެވެ. އެއީ އެކި ސަރަހައްދުތަކަށް މިނިވަންކަން ލިބެންޖެހޭނެ ކަމަށާއި ކުރީގެ މަރުކަޒީ ހަރުކަށި އުސޫލުތައް ނިމުމަކަށް އަންނާންޖެހޭނެ ކަމަށް ގަބޫލުކުރާ މީހުންނެވެ.

ހުޅަނގު ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އެންމެފަހުން ޑިމޮކްރަސީ ތައާރަފުވި އެއްގައުމަކީ ސްޕޭނެވެ. މެޑްރިޑުގައި އޮންނަ މަރުކަޒީ ސަރުކާރުން އެކި ސަރަހައްދުތައް އޮބަހައްޓަމުން އައީ ގަދަބާރުންނެވެ. ޑިމޮކްރަސީ އައުމަށްފަހުވެސް ކެޓަލޯނިޔާގެ މައްޗަށް ހިންގަމުން އަންނަނީ ހަމަކުރީގެވެސް އުސޫލުތަކެވެ. މިހާރުވެސް ކެޓަލޯނިޔާ މިނިވަންކުރުމުގެ ސިޔާސީ ހަރަކާތްތައް ކުރިއަށްދެއެވެ. އެ ހަރަކާތްތައް ގަދަބާރު ބޭނުންކޮށްގެން ހުއްޓުވޭތޯ މެޑްރިޑުގައި އޮންނަ މަރުކަޒީ ސަރުކާރުން މަސައްކަތްކުރެއެވެ. މި ސަބަބާހެދި މިއަދުވެސް އެލް ކްލެސިކޯ ވެފައިވަނީ ސިޔާސީ ކުލަވެސް ޖެހިފައިވާ ގައުމިއްޔަތުގެ ކުރިމަތިލުމަކަށެވެ. އެފްސީ ބާސެލޯނާގެ ބެޖުގައިވާ ކުލަތަކާއި ނިޝާންތަކަކީ ކެޓަލޯނިޔާގެ ގައުމިއްޔަތުގެ ކުލަތަކާއި ނިޝާންތަކެވެ. ރެއާލް މެޑްރިޑުގެ ނަމުގެ ކުރީގައިވާ ރެއާލްގެ މާނަޔަކީ ރޯޔަލްއެވެ. ޝާހީ ހުކޫމަތެވެ. ބެޖުގައިވަނީ ތާޖެކެވެ. އެހެންވީމާ ރެއާލް މެޑްރިޑުން ދައްކައިދެނީ ކޮންމެ އަގެއް އަދާކޮށްގެންވިޔަސް ސްޕޭނު އޭގެ ގޮތުގައި ދަމަހައްޓާނޭކަމެވެ.

ސްޕޭނުގެ ލީގު ކުރީ ޒަމާނުގައި އޮތީ މިހާރު އޮންނަ ގޮތަކަށް ނޫނެވެ. އޭރު ކޮންމެ ސަރަހައްދެއްގައިވެސް ވަކި ލީގެއް އޮވެއެވެ. ދެން ސަރަހައްދީ ލީގުތަކުގެ ޗެމްޕިއަނުންގެ މެދުގައި ގައުމީ ޗެމްޕިއަން ހޮވުމަށް ކުޅެނީ ވަކި މުބާރާތެކެވެ. މިހާރުނަމަ އެއީ ކޮޕާ ޑެލްރޭ އެވެ. ކަސްޓީލުގެ ޗެމްޕިއަނުގެ ގޮތުގައި ރެއާލް މެޑްރިޑް އަދި ކެޓަލޯނިޔާގެ ޗެމްޕިއަނުގެ ގޮތުގައި ބާސެލޯނާ އެއްބަޔަކު އަނެއްބަޔަކާ ބައްދަލުކުރަނީ ކޮޕާ ޑެލްރޭގައެވެ. އެލް ކްލެސިކޯ އުފަންވީ އެހިސާބުންނެވެ. ލަލީގާގެ ނަމުގައި މުޅި ސްޕޭނުގެ ހުރިހާ ކުލަބުތަކެއް އެއްލީގަކަށް ގެނެސްގެން މިހާރުގެ ބައްޓަމަށް ކުޅެންފެށީ 1929 ގައެވެ.

ލަލީގާ އުފަންވެގެން އައި ދުވަސްވަރަކީ ކެޓަލޯނިޔާއަށް ވަރަށް އަނދިރި ދުވަސްވަރެކެވެ. މަރުކަޒީ ސަރުކާރުން އޮތީ ކެޓަލޯނިޔާގެ ބަސް ވެސް މަނާކޮށްފައެވެ. ކެޓަލޯނިޔާގެ ގައުމިއްޔަތު ރަމްޒުކޮށްދޭ ހުރިހާ އެއްޗެއް އޮތީ މަނާކޮށްފައެވެ. އެހެންވީމާ ކެޓަލޯނިޔާގެ ރައްޔިތުންނަށް އޭރު އެމީހުންގެ ގައުމީ ލޯބި ފާޅުކުރުމަށްޓަކައި ބާސެލޯނާއަށް ތާއީދުކުރުން ނޫން އެހެން އެއްވެސް މަގެއް އޮތީ ނެތިފައެވެ. ސްޕޭނުގައި 1936 ކުން 1939 އަށް ހިނގި އަހުލީ ހަނގުރާމައަކީވެސް ދެކޮޅުވެރިކަން އިތުރުވެގެންދިޔަ ސަބަބެކެވެ. ރެއާލް މެޑްރިޑްގެ ފަހަތުގައި ހުރި އެއްބާރަކީ ޖެނެރަލް ފްރޭންކޯއެވެ. އޭނާގެ އަމުރަށް ބާސެލޯނާ އެފްސީގެ ރައީސް ޔޮސެޕް ސުނިއޮލް މަރާލީވެސް އެދުވަސްވަރުއެވެ.

ޖެނެރަލް ފްރޭންކޯ 1970 ގެ އަހަރުތަކުގެ ތެރޭގައި މަރުވުމާ ހަމަޔަށް އެފްސީ ބާސެލޯނާއަށް އޮތީ ފުޓުބޯޅަ ދަނޑުގައިވެސް ދަތިކުރުމުގެ އުސޫލުތަކެވެ. އެކަން ނިމުނީ ފްރޭންކޯއާއެކުގައެވެ. މިއަދު ދުނިޔޭގައި އެލް ކްލެސިކޯ މެޗު ބަލަން އެތައް ސަތޭކަ މިލިޔަން ބަޔަކު ތިބޭއިރު ސްޕޭނުން ބޭރުގައި މި ހަގީގަތްތައް އެނގޭ މީހުން މަދެވެ. ބިދޭސީންގެ ތެރޭގައިވެސް ބާސެލޯނާގެ ސަޕޯޓަރުންނާއި ރެއާލް މެޑްރިޑްގެ ސަޕޯޓަރުން ގިނަ އަދަދަކަށް ތިބިއިރު ސަޕޯޓްކުރެވޭ ޓީމުގެ ފިކުރާއި އުފެދުން ބައްޓަންވީގޮތް ދެނެތިބި މީހުން މަދެވެ.