ޔުވެންޓަސް ނިސްބަތްވަނީ އިޓަލީގެ އުތުރުބިތުގައިވާ ޓުރިން ސިޓީއަށެވެ. ހުދާއި ކަޅުގެ ރީތީ ޖާރޒީގެ ސަބަބުންނާއި ތަށިތަކުން ފުރިފައިވާ ހަރުގަނޑުގެ ސަބަބުން މުޅިދުނިޔެއަށްވެސް ޔުވެންޓަސް މަޝްހޫރެވެ. އިޓަލީގައި މިހާތަނަށް އެންމެ ކާމިޔާބު ކުލަބަކީވެސް ޔުވެންޓަސްއެވެ. މުޅި ޔޫރަޕަށް ބެލިކަމުގައިވިޔަސް އެންމެ ބޮޑަށް ހަކަތަހުރި އެންމެ ވަރުގަދަ އެއް ކުލަބަކީ ޔުވެންޓަސްއެވެ. އެކަމަކު ޔުވެންޓަސްއަށް އާއްމުކޮށް ކިޔައި އުޅޭ ނަންތަކުގެ ތެރެއިން އެއްނަމަކީ ވަރަށް ގިނަ ބަޔަކަށް ހައިރާންކަން ގެނެސްދޭ ނަމެކެވެ.

ޔުވެންޓަސްގެ ސަޕޯޓަރުން އެކުލަބަށް އެންމެ ކުރުކޮށް ކިޔައިއުޅެނީ ޔުވެ މިހެންނެވެ. އިލް ބިއާންކޮނޭރީއޭވެސް ކިޔައެވެ. އެއީ ކަޅާއި ހުދުގެ ޖާރޒީއަށް ނިސްބަތްކޮށްފައެވެ. ލެ ޒެބްރޭވެސް ކިޔައެވެ. އެއީ ކަޅާއި ހުދުގެ ރޮނގުތަކަށް ނިސްބަތްކޮށްފައި ޒިބްރާގެ މާނައިގައެވެ. އެކަމަކު އިޓަލީގެ ގިނަ ބަޔަކު ޔުވެންޓަސްއަށް ނިސްބަތްކޮށްފައި އެކިޔާ ލަ ވެއްކިއާ ސިންޏޯރާގެ ސަބަބު އޮތީ ބަހުސެއްގެ ތެރޭގައެވެ. ލަ ވެއްކިއާ ސިންޏޯރާގެ މާނަޔަކީ މުސްކުޅި ދައިތައެވެ.

ލެޓިން ބަހުން ޔުވެންޓަސްގެ މާނަޔަކީ ޒުވާންކަމެވެ. އެހެންވީމާ މިނަމުގެ މާނަޔާ ދިމާ އިދިކޮޅު ވަނަމެއް އެކިޔަނީ ކީއްވެގެން ބާވައެވެ. ބައެއް މީހުން ހީކުރާގޮތުގައި ޔުވެންޓަސްއަކީ އިޓަލީގެ އެންމެ ދުވަސްވީ އެއްކުލަބުކަމަށްވާތީ މުސްކުޅި ދައިތައޭ ކިޔަނީއެވެ. އަނެއްބަޔަކު ދެކޭ ގޮތުގައި އަބަދުވެސް ޓީމު ޒުވާންކުރުމުގެ ބަދަލުގައި ތަޖުރިބާހުރި ދުވަސްވީ ކުޅުންތެރިން ބޭތިއްބުމަށް އިސްކަންދޭތީ ކިޔާންފެށުނު ނަމަކީއެވެ. ޔުވެންޓަސްގައި އަބަދުވެސް އުމުރުން ސާޅީހާ ގާތްކުރާ ކުޅުންތެރިން ތިބޭނެއެވެ. މިކަން އެންމެ ބޮޑަށް އޮތީ 1930 ގެ އަހަރުތަކުގައެވެ. މިއަދުވެސް ޔުވެންޓަސްގައި އެސަގާފަތު އެބައޮތެވެ. ކީޕަރު ބުފޮން ސާޅީހުން މައްޗަށް ދިޔައިރު އަދިވެސް އެބަކުޅެއެވެ. މިޑްފީލްޑަރު ޕީރްލޯ ޓީމު ދޫކޮށް ދިޔައީ އިހަކަށް ދުވަހުއެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ޔުވެންޓަސްގެ ސަޕޯޓަރުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ގިނަވެފައި އެމީހުން ޓީމުދެކެ ލޯބިވާވަރު ބޮޑުކަމުން ގޭގައި އިންނަ މުސްކުޅި އަނބިމީހާޔާ އެއްވަރު ކުރުމުގެ ގޮތުން ކުލަބަށްވެސް މުސްކުޅި ދައިތައޭ ކިޔަން ފެށީއެވެ. ޔުވެންޓަސްގެ ކުރީގެ ވެރިޔާ ޖިއާންނި އަނިއޭއްލީގެ އަނބިމީހާ މަރޭއްލާއަށް ނިސްބަތްކޮށްފައި ކިޔާ ނަމަކީއޭވެސް ބައެއް މީހުން ބުނެއެވެ. އަނިއޭއްލީއަކީ އިޓަލީގައި އުފެދުނު އެންމެ މުއްސަނދި މަހުޖަނަށްވާއިރުވެސް ޒުވާން ކުދިންނާހެދިއެއް ނޫޅެއެވެ. މަރުވިއިރުވެސް ހުރީ މުސްކުޅި އަނބިމީހާޔާއެކުގައެވެ.

އިޓަލީގެ ދެކުނަށް ނިސްބަތްވާ ބައެއް މީހުން ކުރީ ޒަމާނުގައި އިޓަލީގެ އުތުރަށް ހިޖުރަކޮށް އެހިސާބުގައި ވަޒަންވެރިވުމަށްފަހު ޔުވެންޓަސްގެ ސަޕޯޓަރުންނަށް ވެފައިވެއެވެ. އެކަހަލަ ސަޕޯޓަރުން ޔުވެންޓަސްއަށް ކިޔައި އުޅުނު ނަމަކީ ލަ ފިދަންޒާތާ ޑިއިޓާލިއާ އެވެ. މާނަޔަކީ އިޓަލީގެ ލޯބިވެރިޔާއެވެ. މިކަމަށް ނިސްބަތްކޮށްފައި މުސްކުޅި ދައިތައޭ ކިޔަނީ ކަމަށްވެސް ބައެއް މީހުން ހީކުރެއެވެ.

ކޮންމެއަކަސް ޔުވެންޓަސްއަށް މުސްކުޅި ދައިތައޭ ކިޔަނީ އެކުލަބުދެކެ ރުޅިއަރާ ބައެއް ނޫނެވެ. އެއީ ލޯބިން ސަޕޯޓަރުން ކިޔާ ނަމަކީއެވެ. މުސްކުޅިވެގެން ހަކަތަ ނެތިގެން ކިޔާ ނަމެއް ނޫނެވެ. ޔުވެންޓަސްއިން ވަކިވި ބަޔަކު އެއަށްވުރެ މާފަހުން އެރަށުގައި ޓޯރިނޯގެ ނަމުގައި ހެދި ކުލަބު މުސްކުޅިވެ ބާރުދެރަވިއިރު ޔުވެންޓަސް އަދިވެސް އޮތީ އެޓީމުގެ ނަން ރަމްޒުވާ ގޮތަށް ޒުވާންކަންމަތީގައެވެ. އަބަދަށް ފެހިކަންމަތީގައެވެ. މުސްކުޅި ދައިތައޭ ކިޔަނީ މިހާރު ހަމައެކަނި ޔުވެންޓަސްއަކަށްވެސް ނޫނެވެ. ދާދި ފަހުން ބިނާކުރެވުނު ޔުވެންޓަސްގެ އަމިއްލަ އާ ސްޓޭޑިމަށްވެސް ވަނަމެއްގެ ގޮތުގައި ކިޔަނީ ލަ ވެއްކިއާ ސިންޏޯރާއެވެ.