ދެކޮޅުވެރިކަން ހައްދުން ނެއްޓި ލޭއޮހޮރުވުންތައް އެންމެ ބޮޑަށް އާއްމުވެފައިވަނީ ދުނިޔޭގެ ކޮން ދެ ކުލަބެއްގެ މެދުގައިތޯ ސުވާލުކުރެވިއްޖެނަމަ އެންމެ ގިނަ ބައެއްގެ ޖަވާބަކަށްވާނީ އެއީ ސްކޮޓްލެންޑުގެ ރޭންޖާރޒް އާއި ކެލްޓިކް ކަމުގައެވެ. މި ދެ ކުލަބުވެސް ނިސްބަތްވަނީ ސްކޮޓްލެންޑުގެ އެންމެ ބޮޑު ސިޓީކަމަށްވާ ގްލާސްގޯއަށެވެ. ހުރިހާ ގޮތަކުންވެސް ސްކޮޓްލެންޑުގައި އެންމެ ބޮޑު އެންމެ ވަރުގަދަ އަދި އެންމެ މަގުބޫލު ދެ ކުލަބަކީ މިއީއެވެ.

ރޭންޖާރޒްގެ އަމިއްލަ ސްޓޭޑިއަމަކީ ގްލާސްގޯގެ ހުޅަނގުބިތުގައިވާ އައިބްރޮކްސް ސްޓޭޑިއަމެވެ. ކެލްޓިކްގެ އަމިއްލަ ސްޓޭޑިއަމަކީ ގްލާސްގޯގެ އިރުމަތީބިތުގައިވާ ސެލްޓިކްޕާރކެވެ. އެކުލަބުގެ ސަޕޯޓަރުންގެ މެދުގައި ސްޓޭޑިއަމް އާއްމުވެފައިވަނީ ޕާރކްހެޑްގެ ނަމުންނެވެ. މި ދެ ޓީމު އެއްބަޔަކު އަނެއްބަޔަކާ ވާދަކުރާ މެޗުތައް މަޝްހޫރުވެފައި އޮންނަނީ އޯލްޑް ފާރމް ޑާރބީގެ ނަމުންނެވެ. އޯލްޑް ފާރމް ޑާރބީ ކުޅެނީ މި ދެ ސްޓޭޑިއަމުންކުރެ ކޮންމެވެސް އެއް ތަނެއްގައެވެ. ހަމަނުޖެހުމެއްގެ ބިރުވެރިކަން އޮވެއްޖެނަމަ ދެ ޓީމުގެ ކުރިމަތިލުން ބާއްވަނީ ހެމްޕްޑެންޕާރކުގައެވެ. އެއީ މި ދެޓީމުގެ އަމިއްލަ ދެ ސްޓޭޑިއަމުގެ ދޭތެރެއިން ގްލާސްގޯގެ ތަންކޮޅެއް ދެކުނުގައި ހުންނަ ސްޓޭޑިއަމެކެވެ. ސްކޮޓްލެންޑުގެ ގައުމީ ސްޓޭޑިއަމަކީވެސް އެއީއެވެ.

ކެލްޓިކާއި ރޭންޖާރޒްގެ ޒަމާންވީ ދެކޮޅުވެރިކަމުގެ ސަބަބުތައް ބައިވަރެވެ. ގައުމީ، ނަސްލީ، ސިޔާސީ، ދީނީ، މަޒުހަބީ އަދި ފިކުރުގެ ތަފާތަކީ މި ދެކޮޅުވެރިކަން އަބަދުވެސް އަނދައަނދައި ހުރުމުގެ ސަބަބުތަކެވެ. ރޭންޖާރޒް އުފެދުނީ 1872 ގައެވެ. އެކުލަބު ވެގެންދިޔައީ ސިޔާސީ އަދި ދީނީ ކުލަބަކަށެވެ. ނަސާރާއިންގެ ތެރެއިން ޕްރޮޓެސްޓެންޓުން ފިޔަވައި އެހެން ބަޔަކަށް ރޭންޖާރޒްގައި ފުރުސަތެއް ނޯވެއެވެ. ދުވަސްވަރަކީ މަޒްހަބީ ރޮނގުތަކުން އަޔަލެންޑު ދެބައިވެ އެކަމުގެ ހުޅުގަޑުވެސް ފަޅައިގެންދިޔަ ދުވަސްވަރެވެ. އަޔަލެންޑުގެ ކެތަލިކުން މިނިވަންވެ އަޔަލެންޑުގެ ނަމުގައި ގައުމެއް އުފަންވީއިރު އަޔަލެންޑުގެ އުތުރު މިނިވަނެއް ނުވިއެވެ. ދެންވެސް އޮތީ ޔޫކޭގެ ބައެއްގެ ގޮތުގައެވެ. ބަހަނާޔަކީ ޕްރޮޓެސްޓެންޓުން ސަލާމަތްކުރުމެވެ. އުތުރު އަޔަލެންޑުގައި ގިނައީ ޕްރޮޓެސްޓެންޓުންނެވެ.

ގްލާސްގޯ ސިޓީގައި އައިރިޝް ނަސްލުގެ މީހުން ވަރަށް ގިނައެވެ. ރޭންޖާރޒް އުފެއްދީ އަދި ޚަރަދުކުރީ އޭގެ ތެރެއިން ޕްރޮޓެސްޓެންޓުންނެވެ. އެމީހުންނަކީ ޔޫކޭ ދެމެހެއްޓުމަށް ތާއީދުކުރާ ލޮޔަލިސްޓުންނެވެ. މިކަން މިހެންވީމާ ގްލާސްގޯގެ ކެތަލިކުން މުޅިން ބާކީވެއްޖެއެވެ. ކެލްޓިކުގެ ނަމުގައި 1887 ގައި އާ ކުލަބެއް އުފެދުނީ ގްލާސްގޯގައި ދިރުއުޅޭ އައިރިޝް ނަސްލަށް ނިސްބަތްވާ ކެތަލިކުންނަށް އެހީވުމާއެކު އެމީހުން ތަމްސީލު ކުރުމުގެ ގޮތުންނެވެ.

ކެލްޓިކާއި ރޭންޖާޒް ކުޅޭ މެޗުތަކުގައި ދެފަރާތުގެ ސަޕޯޓަރުން ގެންގުޅޭ ކުލަތަކާއި ނިޝާންތަކުން މިއަދުވެސް ބޮޑަށް ފާޅުވަނީ ސްކޮޓްލެންޑުވަންތަކަމަށްވުރެ އައިރިޝްވަންތަކަމާއި ޔޫކޭ ވަންތަކަމެވެ. ކެލްޓިކްގެ ސަޕޯޓަރުން އާއްމުގޮތެއްގައި ގެންގުޅެނީ އަޔަލެންޑުގެ ދިދަޔާއި ކުލަތަކެވެ. ރޭންޖާރޒްގެ ސަޕޯޓަރުން ގެންގުޅެނީ ޔޫކޭގެ ދިދައެވެ. މި ދެ ކުލަބު އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުކުރާނަމަ ސްކޮޓްލެންޑުގެ ފުލުހުން އެއް ހަފުތާކުރިން އެލާރޓަށް އާދެއެވެ. ސަލާމަތް ކަށަވަރު ކުރުމުގެ ގޮތުން ޚަރަދުބޮޑު އޮޕަރޭޝަނެއް ފަށަންޖެހެއެވެ.

ވަރަށް ފަހަކާ ހަމަޔަށްވެސް ރޭންޖާރޒްގެ އާއްމު ސިޔާސަތަކީ ކެތަލިކެއްކަން ޔަގީންވާ ކުޅުންތެރިޔަކު ނުގެނައުމުގެ ސިޔާސަތެވެ. އެކަމަކު ކެލްޓިކުން މި ސިޔާސަތެއް ނުގެންގުޅެއެވެ. އެ ކުލަބަށް ޕްރޮޓެސްޓެންޓުންވެސް ކުޅެއެވެ. އެކަމަކު ގިނަވާނީ ކެތަލިކުންނެވެ. ހަތްދިހައިގެ އަހަރުތަކާއި އަށްޑިހައިގެ އަހަރުތަކުގައި އިނގިރޭސިވިލާތަށް ހިޔަނި އެޅިފައި އޮތް އައިއާރްއޭގެ ޓެރަރިޒަމްގެ ސަބަބުންވެސް ކެލްޓިކާއި ރޭންޖާޒްގެ ދެކޮޅުވެރިކަން ބޮޑުވިއެވެ. އައިއާރްއޭގެ ފިކުރު ބައްޓަންވެފައި އޮތީ ކެލްޓިކްގެ ފިކުރަށެވެ. އައިއާރްއޭ އެޔަކާއެންމެ ދެކޮޅުހަދާ އަދި ހަމަލަދެމުންދިޔަ އެއްޗަކީ ރޭންޖާރޒްގެ ފިކުރެވެ. މިއަދު އައިއާރްއޭ ނެތަސް މިއަދުވެސް ހަގީގަތަކީ ކެލްޓިކަށް ތާއީދުކުރަނީ ކެތަލިކުންކަމާއި ރޭންޖާރޒްއަށް ތާއީދުކުރަނީ ޕްރޮޓެސްޓުން ކަމެވެ.