އީރާނުގެ އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ކޮމާންޑަރު ކަމަށްވާ ޖެނެރަލް ގާސިމް ސުލައިމާނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ފަހު ހަފުތާ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ހަރުކަށި އިންޒާރެއް ދެއްވިއެވެ. ތަކުރާރުކޮށް އީރާނަށް އިންޒާރުދެއްވައި ބިރުދައްކަވައި ޒާތްޒާތުގެ ވާހަކަތައް ޓްރަމްޕު ދައްކަވާތީ ޖެނެރަލް ސުލައިމާނީ ވިދާޅުވެފައިވަނީ އީރާނާ ދެކޮޅަށް އެމެރިކާއަށް ހަނގުރާމައެއް ފެށިދާނެ ކަމުގައެވެ. އެކަމަކު އެ ހަނގުރާމައިގެ ބާވަތް ބައްޓަންކޮށް ނިންމާނެ ގޮތާއި ނިންމާނެ ވަގުތު ކަނޑައެޅުމުގެ ހުރިހާ ބާރެއް އޮތީ އީރާނުގެ އަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޖެނެރަލް ސުލައިމާނީ ވިދާޅުވީ އީރާނުގެ ކެރިކުޅަދާނަކަން އެމެރިކާއަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމުގައެވެ. އެހެންވީމާ އަމިއްލަޔަށް ހަލާކުގެ ތެރެއަށް ފުންމައިލާން މަސައްކަތް ނުކުރުމަށްވެސް ޖެނެރަލް ސުލައިމާނީ އިންޒާރު ކުރެއްވިއެވެ. އެ އިންޒާރަށް ބަރާބަރު އަށާރަމަސް ފަހުން މިއަދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަށް އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާއެއްގައި ޖެނެރަލް ސުލައިމާނީ ވަނީ އަވަހާރަކޮށްލާފައެވެ. އެމެރިކާގެ މި ހަމަލަ އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީ ސިފަކުރެއްވީ ހަނގުރާމަ އިއުލާންކުރުމެއްގެ ގޮތުގައެވެ. އީރާނުގެ ރައްދު ވަރަށް ހިތިވާނޭ ކަމަށްވެސް ވިދާޅުވިއެވެ. މިހިސާބުން އުފެދޭ ސުވާލަކީ އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމަ ފެށުނީ ބާވައެވެ. ދެންވާނީ ކިހިނަކުންބާވައެވެ.

ހަނގުރާމައެއް ފަށައިފިނަމަ ނިންމުމުގެ ބާރު އެމެރިކާއަށް ނޯންނާނެކަމަށް ވިދާޅުވި ޖެނެރަލް އަވަހާރަކޮށްލުމަކީ އެމެރިކާއިން ގަސްތުގައި އީރާން ރުޅިއަރުވައި ނުބައެއް ހަދަން މަގުފަހިކުރުމުގެ ނިޔަތުގައި ކުރިކަމަކަށް ވެދާނެއެވެ. އެކަމަކު އެމެރިކާގެ މަޅީގައި އެހާ ފަސޭހައިން ޖެހެން އީރާނު ބޭނުމެއް ނުވާނެއެވެ. އީރާނުގެ ބަދަލުހިފުން އަންނާނީ އެގައުމުގެ ބައިވެރިންކަމަށްވާ ރޫސީވިލާތާއި ޗައިނާއާ މަޝްވަރާކޮށް ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް ބުރުލެއް ނާރާނެ ގޮތަކަށް ވަރަށް ބޮޑަށް ރޭވިގެން ކަމަށް ޔަގީން ކުރެވެއެވެ. އެހެންވީމާ މިވަގުތުން މިވަގުތަށް ގަލްފުގައި ހަނގުރާމައިގެ އަލިފާންގަނޑު ހުޅުފަޅައިގެންދިޔައީ ކަމަށް ނުބެލެވޭނެއެވެ.

އެމެރިކާގެ ވައިގެ ހަމަލާގައި އަވަހާރަވި ޖެނެރަލް ސުލައިމާނީއަކީ އީރާނުގެ ގުދުސް ލަޝްކަރުގެ އެންމެ އިސް ކޮމާންޑަރެވެ. ޔަމަނާއި ސީރިޔާ އަދި ލުބުނާނުގައި އީރާނުގެ އަސްކަރީ ރޭވުންތައް ރާއްވަވާ އިސް ސިކުނޑިއަކީ އޭނާއެވެ. އެމެރިކާއިން ވައިގެ ހަމަލާ ދިނީ އޭނާ އިރާގަށް ވަޑައިގެން ބައުދާދުގެ އެއަރޕޯޓާ ކައިރި ހިސާބެއްގައި ހުންނަވަނިކޮށެވެ. އެހެންކަމުން މިއީ އިރާގުގެ ސިޔާދަތާވެސް ދެކޮޅަށް ދިން ޓެރަރިސްޓް ހަމަލާއެކެވެ. ދުނިޔޭގެ ހަމަޔާއި އުސޫލުތައް މުގުރުމުގެ ލަދުކުޑަ އަމަލެކެވެ.

އެމެރިކާގެ ހަމަލަޔާ ގުޅިގެން މިއަދު އީރާނުގެ ގައުމީ ސަލާމަތާބެހޭ އިސް މަޖިލީސްވަނީ އެއްތަންވެ ދެން ކުރާންވީ ކަމަކާމެދު މަޝްވަރާކޮށްފައެވެ. މި އެއްވުމުގައި ރޫހީ ލީޑަރު އަލީ ޚާމަނާއީވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ އެއްވުމެއްގައި އޭނާ ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެހެންކަމުން އެމެރިކާއަށް ދޭނެ ރައްދުގެ މައްސަލާގައި އީރާނުގެ ސީރިއަސްކަން ވަރަށް ބޮޑަށް ހާމަވެގެންދެއެވެ.

އީރާނުގެ ވަށައިގެން އެމެރިކާގެ ސިފައިން އެބަތިއްބެވެ. އަފްއާނިސްތާނާއި އިރާގުގައި އެބަތިއްބެވެ. ގަލްފުގެ އަނެއްފަޅީގައިވާ އަރަބި ގައުމުތަކުގައިވެސް އެބަތިއްބެވެ. އެމީހުންގެ މަރުކަޒުތަކަށް ވަރަށް ފަސޭހައިން އީރާނަށް ހަމަލަދެވިދާނެއެވެ. އެހެން ހަދައިފިނަމަ އެމެރިކާގެ މަގްސަދު ފުރިހަމަވީއެވެ. އޭރުން ހަނގުރާމަ ފެށުނީއޭ ބުނެ އީރާނުގެ އެތެރޭގައި އެމެރިކާއިން ފުނޑާލަން ބޭނުންވާ ތަންތަނަށް އެޔެއް މިޔެއް ބެލުމެއްނެތި ހަމަލަދޭން އެމެރިކާއަށް މަގު ފަހިވީއެވެ. މިއީ މިމައްސަލަ ފުރޮޅިގެންދާން ރޫސީވިލާތުންވެސް އަދި ޗައިނާއިންވެސް ބޭނުންވާ ގޮތަކަށް ނުވާނެއެވެ.

މެދުއިރުމަތީގައިވާ އެމެރިކާގެ ބައިވެރިންގެ ތެރެއިން ގައުމަކަށް ހަމަލާދިނަސް ނުކުތުން ގާތީ މި ނަތީޖާއެވެ. އިޒްރޭލު ނުވަތަ ސައުދީ އަރަބިޔާއަށް ހަމަލާދިނަސް މައްސަލަ ފުރޮޅިގެންދާނީ މިގޮތަށެވެ. އެހެންވީމާ އީރާނުން މި މަގު އިޚުތިޔާރުކުރުން ކައިރިކަމަށް ގަބޫލެއް ނުކުރެވެއެވެ. މިވަގުތު ދުނިޔެއަށް އޮތީ އީރާނުން ދޭނެ ރައްދެއް ލަފާކުރުމެވެ. ޔަގީންވާ އެއްޗަކީ ކޮންމެވެސް އެއްސިފައެއްގައި ރައްދު އަންނާނޭ ކަމެވެ. އެރައްދަކީ ލުބުނާނުގައި ހިޒްބު ﷲ ގެ ހަރަކާތްތައް ވަރުގަދަވުމަކަށްވެސް ވެދާނެއެވެ. ޔަމަނުގައި ސައުދީ ކޯލިޝަނަށް ވަރުގަދަ ފިލާވަޅެއް ދިނުމަކަށްވެސް ވެދާނެއެވެ.

އީރާނުން ރައްދެއް ދިނަސް ނުދިނަސް މިއަދުގެ ހަމަލަޔާ ގުޅިގެން މެދުއިރުމަތި މީން ޒަމާނަކުވެސް ބަނަވެގެން ނުދާވަރަށް ބަނަވެ ބިރުވެރިކަން ފެތުރިއްޖެއެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެންދާނެއެވެ. މެދުއިރުމައްޗަށް ދަތުރުފަތުރު ކުރުން މަދުވެގެންދާނެއެވެ. މަސްލަހަތު ހިމެނޭ ހަމަ ކޮންމެ ބަޔަކުވެސް އެބައެއްގެ އަސްކަރީ ހަރަކާތްތައް އިތުރުކުރާނެއެވެ. އެގޮތަށް ތިބޭ ތިބުމުގައި އޮޅިގެން ނުވަތަ ގަސްތުގައިވިޔަސް ކުރެވޭ ކަމަކުން ހަގީގީ ހަނގުރާމައެއް ފެށި މުޅި ސަރަހައްދު ހަލާކާއި މުސީބާތުގެ ތެރެޔަށް ވެއްޓުމަކީ ވެދާނެ ކަމެކެވެ. އެހެން ނުވާނެޔެކޭ ބުނަން އެކަކަށްވެސް ނުކެރޭނެއެވެ.